ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް އިރުޝާދު ދެމުން އަންނަ ލުއިސް އެންރީކޭ، އެ ކުލަބާ އެކު ހޯދި ކާމިޔާބާ އެކު ތާރީޚުން ޖާގަ ހޯދައިފި އެވެ.
ޕީއެސްޖީ އާއެކު މި ސީޒަންގެ ފްރާންސް ލީގު، ފްރާންސް ކަޕް އަދި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި އެންރީކޭ އަކީ، ދެ ކުލަބަކާ އެކު ޓްރެބަލް ކާމިޔާބު ކުރި ދެ ވަނަ ކޯޗެވެ.
މީގެ ދިހަ އަހަރު ކުރިން 2014/2015 ވަނަ ސީޒަންގައި އެންރީކޭ ވަނީ ސްޕެއިންގެ ބާސެލޯނާ އާއެކު ވެސް މި ކާމިޔާބީ ހޯދައިފަ އެވެ.
އެންރީކޭގެ ކުރިން ދެ ކުލަބަކާ އެކު ޓްރެބަލް ކާމިޔާބު ކުރި ހަމައެކަނި ކޯޗަކީ ސްޕެއިންގެ ޕެޕް ގާޑިއޯލާ އެވެ. ގާޑިއޯލާ ވަނީ ބާސެލޯނާ އާއެކު 2009 ވަނަ އަހަރު ޓްރެބަލް ކާމިޔާބު ކޮށްފަ އެވެ. އަދި މިހާރުގެ ކުލަބު މެންޗެސްޓަރ ސިޓީ އާއެކު އޭނާ ވަނީ 2022/2023 ވަނަ ސީޒަންގައި ވެސް ޓްރެބަލް ކާމިޔާބު ކޮށްފަ އެވެ.
ޕީއެސްޖީ އިން މި ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައި ވަނީ ފައިނަލްގައި އިންޓަރ މިލާންގެ މައްޗަށް ކުރި ހޯދައިގެންނެވެ. މިއީ ޕީއެސްޖީގެ ތާރީޚުގައި ވެސް އެ ޓީމަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ.
އުމުރުން 55 އަހަރުގެ އެންރީކޭ، ޕީއެސްޖީގެ ކޯޗުކަމާ ހަވާލުވީ 2023 ވަނަ އަހަރު އެވެ. އެ ކުލަބާ އޭނާ ހަވާލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެހެން ނަމަވެސް މިއަހަރު އޭނާ ވަނީ އެ ކުލަބުގެ އެއްބަސްވުން އިތުރު ދެ އަހަރަށް އައު ކޮށްފަ އެވެ. އެހެންކަމުން 2027 ވަނަ އަހަރާ ހަމައަށް އޭނާ ޕީއެސްޖީ އަށް އިރުޝާދު ދޭނެ އެވެ.
އެންރީކޭގެ އިރުޝާދުގެ ދަށުން ޕީއެސްޖީ އިން ވަނީ ހަތް ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އެއީ ފްރާންސް ލީގު ދެ ފަހަރު، ފްރާންސް ކަޕް ދެ ފަހަރު، ޓްރޮފީ ޑީ ޗެމްޕިއަންސް ދެ ފަހަރު އަދި ޔުއެފާ ޗެމްޕިއަންސް ލީގު އެއް ފަހަރު އެވެ.