21 ވަނަ ޤަރުނުގެ ތަހުޒީބާއި ތަރައްޤީގެ ފޮނި މީރުކަމުގެ ލައްޒަތުގައި އުފާ ހޯދަމުން، މިނިވަން ކަމުގެ ފަޒާގައި ކޮޅުކޮޅަށް ފިޔަޖަހަމުން ދާ އިންސާނީ ޙަޟާރާތެއް ފެތުރިފައި އޮތް އަދުގެ ދުނިޔޭގައި، މި ވަޤުތު އޮތް އެންމެ ބޮޑު ޖަލަކީ ފަލަސްޠީނުގެ ޣައްޒާއެވެ. މީގެ 17 ވަރަކަށް އަހަރު ކުރިން، ފަލަސްޠީނުގައި ހިނގި ދާޚިލީ އަރައިރުންގަނޑަކަށް ފަހު ހަމާސް ޖަމާޢަތުން ވަކި ސަރުކާރެއް ހަދައިގެން ކޮންޓްރޯލް ކުރަމުން ދާ ޣައްޒާއާ ދެކޮޅަށް، ޔަހޫދީ އިޒްރޭލުން ރަސްމީކޮށް ހަނގުރާމަ ޢިއުލާން ކޮށް، އެޔެއް މިޔެއް ބެލުމެއް ނެތި ޙަމަލާތައް ދެމުން ދާތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސް މި ވަނީ ފާއިތުވެފައެވެ.
އިންސާނަކަށް ވީތީ ލިބިދޭންޖެހޭ ދިރިހުރުމުގެ ޙައްޤާއި، ޢަބުރުވެރިކަމާއެކު ދިރިއުޅުމުގެ ޙައްޤުތަކުގައިވެސް އިޒްރޭލުން އޮތީ އަތް އަޅައިގެންނެވެ. އިންސާނަކަށް ބޭނުން ވާ އެންމެ އަސާސީ އަދި ޛަރޫރީ ޚިދުމަތްކަށްވެސް، ޔަހޫދީން ދަނީ ހުރަސް އަޅަމުންނެވެ. ހަނގުރާމައެއް ކަމަށް މާނަ ކުރެވެނީ، ދެ ފަރާތުން ދާދި އެއް ހަމަ އެއްގައި، އެއް ފެންވަރެއްގައި ޙަމަލާތައް ބަދަލު ކުރަމުން ދާ ނަމައީހެވެ. އެ ނަޒަރިއްޔާއިން ބަލާނަމަ، ޣައްޒާއިން މިއަދު ފެންނަނީ އިޒްރޭލުން ކުރާ ހަނގުރާމައެއް ނޫނެވެ. ނަމަވެސް، ނަސްލެއް ދޮވެލުމަށްޓަކައި ހިންގާ ލާއިންސާނީ ޤަޠުލުޢާންމެކެވެ.
ޔަހޫދީންގެ މުށު ތެރޭގައި އިހުނަށް ވުރެ ބާރަށް ޣައްޒާ ފިއްތާލަމުން ދާ އިރު، ކަރަންޓާއި ބޯފެނުގެ އިތުރުން ހަކަތައިގެ ސަޕްލައިއެއް ޣައްޒާގައި މިއަދު ނެތެވެ. ޣައްޒާގެ އެތައް ހާސް ބައެއްގެ ގެދޮރު، ބިމާ ހަމަކޮށްފައި ވާ އިރު، އެކަކު އަނެކެއްގެ ޙާލު ބަލާލެވޭނެ ގޮތެއް ނުވަތަ އެހީއަކަށް އެދި ގޮވާލެވޭނެ ގޮތެއްވެސް ނެތެވެ. މުޢާޞަލާތީ ގުޅުންތައް ދަނީ ކެނޑެމުންނެވެ. އިންޓަރނެޓްގެ ޚިދުމަތްވެސް ލިބެނީ މަދު ތަންތަނަކަށެވެ.
ހަމަ ތެދެއް މި ބުނީ، އަހަރެންގެ އަވަށްޓެރިޔާ އަތުގަ ހުންނާނީ ސޯލަރ ޕެނަލް. އެހެންވެ، މި ހިސާބުގަނޑުގެ އެންމެންވެސް، ފޯނުތަކާއި ބެޓެރީޓައް ޗާޖުކޮށް ހަދަން ދާނެ އޭނާ ގަތަށް. ކަރަންޓެއް ނެތް. ހަކަތަ ފޯރުކޮށްދޭކަށް ޖަނަރޭޓަރުތަކެއް އަހަރަމެން އަތަކު ނެތް. އިންޓަރނެޓުގެ ޚިދުމަތެއް ނުލިބޭ. މީ ހަމަ ބޮޑު މުޞީބާތެއް.ހާނީ ނުސްރާން؛ ޣައްޒާގެ ރަށްވެއްސެއް
ޣައްޒާގެ ރަށްވެއްސެއް ކަމަށް ވާ އާދިލް ޝަހީންއަކީ އޭނާގެ އަމިއްލަ ސޯލަރ ޕެނަލްތަކެއް ގެންގުޅޭ މީހެކެވެ. އިރުގެ އަވިން ހަކަތަ އުފައްދާ ޑިވައިސްތަކުގެ އެހީގައި އާދިލް މިއަދު އެ ދަނީ ޣައްޒާގެ އެތައް ބަޔަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ފޯނުތައް ޗާޖު ކުރަން ބޭނުން ވެފައި ތިބި އެތައް ބަޔަކަށް އެ ޚިދުމަތް ދެމުންނެވެ.
އާދިލްގެ ގާތަށް، ޚިދުމަތް ހޯދަން އަންނަ މީހުންގެ ތެރޭގައި، އިޒްރޭލުގެ ހަރުކަށި އިންޒާރާއެކު ޣައްޒާގެ އުތުރުގެ ސަރަޙައްދުތައް ދޫކޮށް، ދެކުނަށް ބަދަލު ވަމުން ދާ މީހުން ހިމެނެއެވެ. އެކި ހިސާބުތަކަށް ވިއްސިވިހާލިވެފައި ވާ ޢާއިލާގެ މެންބަރުންނަށް، އެމީހަކާ ބެހޭ އެންމެ ފަހުގެ ޙާލަތުގެ ބަޔާން ކޮށްދިނުމަށްޓަކައި ކޮންމެ މީހަކުވެސް، އެމީހެއްގެ ފޯނު ޗަރޖް ކުރެވޭތޯ ވަރަށް މަސައްކަތް ކުރެއެވެ.
މި ހީވަނީ 1948 ވަނަ އަހަރުގެވެސް ކުރިއަށް ދެވިގެން އުޅޭހެން... އެއަށް ވުރެވެސް ކުރިއަށް. ސްޓޯން-އޭޖު ޒަމާން. ކަރަންޓެއް، ފެނެއް، އިންޓަރނެޓެއް، ހަކަތައެއް، މިއިން އެއްވެސް އެއްޗެއް ނެތް. ތެޔޮ ބޭނުން ކޮށްގެން ހިންގާ ޖަނަރޭޓަރުތަކުގެ ބޭނުމެއްވެސް މިއަދަކު ނެތް. ތެލެއް، ޑީސަލެއް އެކައްޗެއްވެސް ނެތް. އެއީ ބަލައިލަންވެސް ބިރުވެރި މަންޒަރެއް. ނިކަން ބަލާބަލަ ކިތަށް ފޯނުތޯ ޗާޖަށް ޖަހާފަ އޮތީ. ވަރަށް ހިތް ބިރު ގަންނަ މަންޒަރެއް އެއީ.ހާނީ ނުސްރާން؛ ޣައްޒާގެ ރަށްވެއްސެއް
މީޑިއާއާއި ވާހަކަދެއްކި ޣައްޒާގެ ރަށްވެއްސަކު ފާހަގަ ކުރި ގޮތުގައި، އެމީހުންނަށް މިއަދު ކުރެވެމުން ދަނީ އަލްޢަޞްރަތުލްޙަޖަރާ ނުވަތަ ސްޓޯން-އޭޖުގެ ޒަމާނުގައި ދިރިއުޅޭން ޖެހިފައި ވާ ކަމުގެ އިޙްސާސްއެކެވެ. ޣައްޒާގެ އުތުރުގެ ސަރަޙައްދުން ފައިބައިގެން ދިއުމަށް އިޒްރޭލުން ދިނީ އެންމެ 24 ގަޑިއިރުގެ މުހުލަތެކެވެ. އެއީ ހުރިހާ ކޮޅަކުން ބައްދާލާފައި އޮތް ޣައްޒާގެ އުތުރުގެ ސަރަޙައްދުން، މިލިއަނަކަށް ވުރެ ގިނަ މީހުން ފައިބައިގެން ދިއުމަށް އިޒްރޭލުން ދިން ހަނި ފުރުޞަތެވެ.
ފަލަސްޠީނުގެ މަސްރަހު މިހާރު ފެންނަމުން އަދި އެ ދަނީ ހަނގުރާމައިގެ ކޮޅުމަތި ކަމަށްވެސް އިޒްރޭލުން ވަނީ އިންޒާރު ކޮށްފައެވެ.
އަމިއްލަ ވަޠަނުގެ މިނިވަން ކަމުގެ ޙައްޤުގައި ހަމާސް ޖަމާޢަތުގެ މުޖާހިދުން، އިޒްރޭލުގެ ސެކިއުރިޓީ ފެންސުތައް ފޫ އަޅުވާލުމަށްފަހު، އިޒްރޭލުން ވެރިވެގެންފައި ވާ ސަރަޙައްދަށް އަރާ، ބައެއްގެ ފުރާނަ ދުއްވާލިއެވެ. އޮކްޓޯބަރ 7 ވަނަ ދުވަހުން ފަށައިގެން އިޒްރޭލުން ޣައްޒާއަށް ދެމުން އެ ދަނީ، މި ދެންނެވި ޙަމަލާގެ ރައްދުގައި ދެމުން ދާ ޙަމަލާތަކެކެވެ.