ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ އިންޑިއާ ސިފައިން ގައުމުން ބޭލުމަކީ އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭނުގެ ވަރަށް ބޮޑު ބައެކެވެ. އިދިކޮޅުގެ އެންމެ ބޮޑު ސިޔާސީ ހަރަކާތަށް "އިންޑިއާ އައުޓް" ހެދީވެސް، ރާއްޖޭގައި އިންޑިއާ ސިފައިންގެ އަދަދު އިތުރުވަމުންދާތީ އެ ސިފައިން ބޭލުމަށް ކަމަށް ބުނެއެވެ. މިހާރު ވެރިކަންވެސް ލިބިވަޑައިގެންފިއެވެ. އަންނަ މަހުގެ 17ގައި އައު ސަރުކާރާ މުއިއްޒު ހަވާލުވެވަޑައިގަންނަވާއިރު، ކުރިއަށް އޮތީ އެ ވައުދުފުޅު ފުއްދަވައި ދިވެހިންގެ މި ފަސްގަނޑުން އިންޑިއާ ސިފައިން ބާލާނެ ދުވަހެވެ. ނަމަވެސް މިއީ މިކަން ހިނގާނެ ގޮތް ކަމާމެދު، މިހާރު މުއިއްޒުގެ ވާހަކަފުޅުތަކުން ޝައްކު އުފެދެއެވެ.
އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން ބޭރު ގައުމަކަށް ދެއްވި ފުރަތަމަ އިންޓަވިއުގައި މުއިއްޒު ވިދާޅުވީ، ހުވާކުރައްވާތާ ހަފުތާއެއްގެ ތެރޭގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ "ޓްރޫޕް"ތައް ބޭރުކޮށްލައްވަން ބޭނުންފުޅުވާ ކަމަށެވެ. އެކަން ކުރާނީ އިންޑިއާއާ ވާހަކަދައްކަވައިގެން ކަމަށާއި، ރާއްޖޭގައި މިހާރު އޮތް ފޮރިން ޕޮލިސީއަކީ ދިވެހިންނަށް އެންމެ ރަނގަޅު ޕޮލިސީކަމުގައި ގަބޫލުފުޅު ނުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ. އެންމެންގެ ހިތުގައިވެސް މި ހުރިހާ ދުވަހު އުފެދިފައިވާ ސުވާލަކީ ރާއްޖޭގައި ތިބީ ކިހާ އަދަދެއްގެ އިންޑިއާ ސިފައިންތޯއެވެ. މި ސުވާލަށް މުއިއްޒުއަށްވެސް ޖަވާބެއް ނުދެއްވުނެވެ. އަންދާޒާއަކަށް ވިދާޅުވަނީ ރާއްޖޭގައި ސަތޭކައިން، ހާހުން އިންޑިއާ ސިފައިން ތިބި ކަމަށް މައުލޫމާތު ލިބިވަޑައިގެންފައި ވާކަމަށެވެ. އަދި އުއްމީދުކުރައްވަނީ އަސްލު އަދަދުތައް ވިއްސަށްވުރެ އިތުރު ނުވުމަށް ކަމަށާއި، އޭރުން ފޮނުވާލައްވަން ދަތިފުޅުނުވާނެ ކަމަށެވެ.
އިންޑިއާ ސިފައިންނަކީ މިއަދު ނުވަތަ މި ސަރުކާރުގައި ރާއްޖެ އައި ބައެއް ނޫނެވެ. ކުރީގެ ސަރުކާރުތަކުގައި ރާއްޖެއާއި އިންޑިއާއާ ދެމެދު ވެފައިވާ އެއްބަސްވުންތަކުގެ ދަށުން ދިވެހި ސިފައިންގެ ތަފާތު ތަމްރީނުތަކުގައި އެހީވުމަށް އައި އިންޑިއާ ސިފައިންވެސް ރާއްޖޭގައި އެބަތިއްބެވެ. މުއިއްޒު ކެބިނެޓުގައި އިންނެވިއިރު 2013 ވަނަ އަހަރު އިންޑިއާއިން ފޯރުކޮށްދީފައިވާ ހެލިކޮޕްޓަރުގެ އެއްބަސްވުންތައް އައުކުރިއެވެ. އެއަށްފަހު ދެވަނަ ހެލިކޮޕްޓަރާއި ޑޯނިއާ، އަދި އެއާއެކު ތަމްރީނުކުރުމަށް ސިފައިން ގެނައުމަށްވެސް ނިންމީ ހަމަ މުއިއްޒު ހިމެނިވަޑައިގަންނަވާ ވެރިކަމެއްގައެވެ. އަދި އުތުރު ތިލަފަޅު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެމަނިކުފާނު މިނިސްޓަރަކަށް ހުންނެވި ސަރުކާރެއްގައެވެ.
މިހުރިހާ ކަމެއް ވެގެންދިޔައިރު، އިންޑިއާއިން ތަމްރީނުތައް ފޯރުކޮށްދިނުމަށް އޭރު ފޮނުވާފައިވާ ސިފައިންގެ އަދަދު މުއިއްޒުއަށް އެނގިވަޑައިގަންނަވާނެކަން ޔަގީނެވެ. އެހެންކަމުން މިއަދު ރާއްޖޭގައި ތިބޭނެކަމަށް ލަފާކުރެވޭ ސިފައިންގެ އަދަދު ލަފާކުރައްވަން އެހާ ދަތިފުޅުވާނެކަމަށް ގަބޫލެއް ނުކުރެވެއެވެ. ދިވެހިން ބިރުގަންނަ މިންވަރަށް ސިފައިން ތިބިކަމަށް ބުނެ, އިންތިޚާބުގެ ދުވަސްވަރު ޚަބަރުތައް ފަތުރަމުން ގެންދިޔައީ އެ ހުރިހާ މައުލޫމާތެއް ހުރެގެންނޭވެސް ހީވާފަހަރު ދިޔައެވެ. ގައުމެއްގެ ވެރިކަަމާ ހަވާލުވެވަޑައިގަންނަވާ ބޭފުޅަކު، ބަޔަކު ކުށްހީއަކަށް ދެއްކި އަދަދުތަކެއް ގަބޫލުކުރައްވައި ދިވެހިންގެ ހިތްތަކުގައި ގަސްތުގައި ބިރުވެރިކަން އުފެއްދެވީ ބާވައެވެ؟ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދަކީ، ރައްޔިތުންނާ ގުޅުންހުރި މިފަދަ ވާހަކަތައް ދައްކާއިރު އެނގިފައި ހުންނަންޖެހޭ މައުލޫމާތެވެ. ނަމަވެސް އެ ހުރިހާ ވާހަކަތަކެއް ދެއްކެވީ އެފަދަ އެއްވެސް މައުލޫމާތެއް ނެތި، ހީއެއްގެ މައްޗަށްކަން މި އިންޓަވިއުއިން އެބަ ހާމަވެއެވެ.
މުއިއްޒު އިންތިޚާބުވެވަޑައިގަތުމަށްފަހު، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރާވެސް ބައްދަލުކުރެއްވިއެވެ. ދެ ބޭފުޅުން އިންޑިއާ ސިފައިންނާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށްވެސް ވިދާޅުވިއެވެ. އެކަމަކު އެ ވިދާޅުވާހާ މުހިންމު މަސައްކަތަކަށް އިންޑިއާ ސިފައިން ފޮނުވާލުން ވެފައިވާއިރު، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު އައްސަވާލައްވަން ހަނދުމަފުޅުނެތީބާވައެވެ؟ ދިވެހިންގެ އިސްތިގުލާލާ ގުޅުންހުރި މިހާ ބޮޑު ކަމެއްގައި އެހާ މުހިންމު ތަފްސީލެއް ހަނދުމަފުޅުނެތުނީ ކަމަށް ގަބޫލެއް ނުކުރެވެއެވެ.
މުއިއްޒު ވިދާޅުވަނީ އިންޑިއާ ސިފައިން ބޭލި ކަމުގައިވިޔަސް މަޝްރޫއުތައް ނުހުއްޓޭނެ ކަމަށާއި، މިލިޓަރީ ގުޅުން އޮންނާނެ ކަމަށެވެ. އެހެންކަމުން ބާލަން އުޅެނީ ކޮން ސިފައިންނެއް ކަމާމެދު ވެސް މިހާރު ސުވާލު އުފެދެއެވެ. ރާއްޖޭގައި ތިބީ، ދިވެހި ސިފައިން ތަމްރީނުކުރަން ތިބި އިންޑިއާ ސިފައިން ކަމަށް ސަރުކާރުން ބުނެއެެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވާކަމަށް ބުނެ ތަފާތު މަންޒަރު ދައްކަން ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ. އުތުރުތިލަފަޅުން ފެނުނީ ދިވެހި ސިފައިންނެވެ. ހަނިމާދޫގައިވެސް ހަރަކާތްތެރިވަމުން ދިޔައީ، ޑޯނިއާ ދުއްވުމުގައި ހަރަކާތްތެރިވާ މަދު ސިފައިންނެވެ. އިންޑިއާގެ ހެލިކޮޕްޓަރުތަކާއި ޑޯނިއާތައް އޮޕަރޭޝަންތައް ހިންގާ ކަމަށްބުނެ އަޑުފަތުރާ ކޮންމެ ފަހަރަކު ފެންނަނީ ޑޮނިއާގައި ބަލި މީހުން އެއް ތަނުން އަނެއްތަނަށް ގެންދާ މަންޒަރެވެ. ނުވަތަ ދިވެހި ސިފައިން ތަމްރީނުކުރާ މަންޒަރެވެ.