ކ. މާލެ
|
14 އޮކްޓޯބަރ 2023 | ހޮނިހިރު 10:40
އަންނަ އަހަރުގެ ބަޖެޓުގެ ޑެފިސިޓް 9 ބިލިއަނުގައި ހުންނާނެކަމަށް ލަފާކުރެވޭ
އަންނަ އަހަރުގެ ބަޖެޓުގެ ޑެފިސިޓް 9 ބިލިއަނުގައި ހުންނާނެކަމަށް ލަފާކުރެވޭ
ރާއްޖެއެމްވީ
ބަޖެޓުގެ ޑެފިސިޓް
އަންނަ އަހަރުގެ ބަޖެޓުގެ ޑެފިސިޓް ހުންނާނެ ކަމަށް ލަފާކުރަނީ 9.8 ބިލިއަނުގައި
މިއީ ޖީޑީޕީގެ ނިސްބަތުން 8.5 އިންސައްތަ
ބަޖެޓުގެ ޕްރައިމަރީ ޑެފިސިޓް އެ އަހަރު ހުންނާނެކަމަށް ލަފާކުރެވެނީ 4,556.3 މިލިއަން ރުފިޔާގައި

އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ ޑެފިސިޓް ހުންނާނެ ކަމަލަށް ލަފާކުރަނީ 9.8 ބިލިއަނުގައި ކަމަށް ފިނޭންސް މިނިސްޓްރީން އަންދާޒާކޮށްފިއެވެ.

2024 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނީ 50.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފައެވެ. ފިސްކަލް ސްޓްރެޓަޖީ އަންގައިދޭ ބަޔާން 2024ން 2026ގައި ބުނެފައިވަނީ ދައުލަތުގެ ޚަރަދާއި އާމްދަނީގެ ސިޔާސަތުތަކަށް ގެންނަން ހުށަހަޅާ ބަދަލުތަކަށް ބަލައި 2024 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ޑެފިސިޓް ހުންނާނެކަމަށް ބެލެވެނީ 9,811.6 މިލިއަން ރުފިޔާ ނުވަތަ 9.8 ބިލިއަން ރުފިޔާގައި ކަމަށެވެ.

މިއީ ޖީޑީޕީގެ ނިސްބަތުން 8.5 އިންސައްތައެވެ. އަދި ބަޖެޓުގެ ޕްރައިމަރީ ޑެފިސިޓް އެ އަހަރު ހުންނާނެކަމަށް ލަފާކުރެވެނީ 4,556.3 މިލިއަން ރުފިޔާގައެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 3.9 އިންސައްތައެވެ. މެދުރާސްތާގައި ދައުލަތުގެ އާމްދަނީއާ ޚަރަދުގެ ސިޔާސަތުތަކަށް ގެންނަ ބަދަލުތަކަށް ރިއާޔަތްކޮށް ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ޑެފިސިޓް ކުޑަކޮށް، ބަޖެޓުގެ ޕްރައިމަރީ ބެލެންސް އަރަނިކުރެވޭނެކަމަށް ބެލެވެއެވެ. އަދި މީގެ ސަބަބުން ދައުލަތުގެ ދަރަނި އިތުރުވާ މިންވަރު ކުޑަކޮށް، ދެމެހެއްޓެނިވި މިންގަނޑަކަށް ވާސިލުވުމަށް އެހީތެރިވެދޭނެ ކަމަށް ބުނެފައިވެއެވެ.

ފިސްކަލް ސްޓްރެޓަޖީ އަންގައިދޭ ބަޔާނުގައި ބުނެފައިވަނީ ދައުލަތުގެ ޚަރަދުތައް ކޮންޓްރޯލްކޮށް އާމްދަނީ އިތުރުކުރުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުނ،ް މެދުރާސްތާގައި ދައުލަތުގެ ޖުމްލަ ދަރަނި އިތުރުވަމުންދާ މިންވަރު ހުންނާނީ ނޮމިނަލް ޖީޑީޕީ އިތުރުވަމުންދާ މިންވަރަށްވުރެ ދަށުގައި ކަމަށެވެ. އަދި އިންޓްރެސްޓަށް ކުރާ ޚަރަދުތައް އިތުރުވާ މިންވަރު ދެމެހެއްޓެނިވި މިންގަނޑެއްގައި ހިފެހެއްޓުމުގެ ގޮތުން، ބަޖެޓު ފައިނޭންސްކުރުމުގައި ކޮންސެޝަނަލް ނުވަތަ އިންޓްރެސްޓް ރޭޓް ކުޑަ ދަރަންޏަށް އިސްކަން ދޭން ވަނީ ރާވާފައެވެ.

އަންނަ އަހަރުގެ ބަޖެޓަކީ 50.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި ރިކަރަންޓް ޚަރަދަކީ 32.7 ބިލިއަން ރުފިޔާ ކަމަށް ބުނެފައިވެއެވެ. މީގެ ތެރެއިން ޕެންޝަނާއެކު މުވައްޒަފުންނަށް ހިނގާނެ ޚަރަދަކީ 13 ބިލިއަން ރުފިޔާއެވެ. އަދި ސަބްސިޑީތަކަށް 6.8 ބިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ވަނީ ބުނެފައެވެ.

- ކޮމެންޓް