2024 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނީ 50.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށް ފިނޭންސް މިނިސްޓްރީން އަންދާޒާކޮށްފިއެވެ.
ފިސްކަލް ސްޓްރެޓަޖީ އަންގައިދޭ ބަޔާން 2024ން 2026ގައި ބުނެފައިވަނީ ބޭސްލައިން ޚަރަދާއ،ި ޚަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުން ސަލާމަތްކުރެވޭނެ އަދަދުތަކާއ،ި ބަޖެޓުގައި ހިމަނާ އައު މަޝްރޫއުތަކާއި ޕްރޮގްރާމްތަކަށް ރިއާޔަތްކޮށް، 2024 ވަނަ އަހަރުގެ ދައުލަތުގެ ޖުމުލަ ބަޖެޓުގެ އަންދާޒާއަކީ 50,679.1 މިލިއަން ރުފިޔާ ނުވަތަ 50.67 ބިލިއަން ރުފިޔާއެވެ.
މިއީ 2023 ވަނަ އަހަރުގެ ބަޖެޓު ހުންނާނެކަމަށް ލަފާކުރެވޭ މިންވަރާއި އަޅާބަލާއިރު 5.3 އިންސައްތަ އިތުރު އަދަދެކެވެ. އަދި 2024 ވަނަ އަހަރު ޚަރަދު ހުންނާނެކަމަށް އަންދާޒާކުރެވެނީ 48,094.9 މިލިއަން ރުފިޔާ ނުވަތަ 48 ބިލިއަން ރުފިޔާގައެވެ. އަދި ޚަރަދު ކުޑަކުރަން ހުށަހަޅާފައިވާ ފިޔަވަޅުތައް ތަންފީޒުވުމުން މި އަދަދު 2025 ވަނަ އަހަރު 44,948.8 މިލިއަން ރުފިޔާ ނުވަތަ 44.9 ބިލިއަން ރުފިޔާއަށް ކުޑަވާނެކަމަށް ލަފާކޮށްފައި ވާއިރު، މެދުރާސްތާގައިވެސް ޚަރަދު އިތުރުވަމުންދާނީ އަހަރަކު އެވަރެޖްކޮށް 0.5 އިންސައްތައިން ކަމަށް ލަފާކޮށްފައިވެއެވެ.
ފިސްކަލް ސްޓްރެޓަޖީ އަންގައިދޭ ބަޔާން 2024ން 2026ގައި ބުނެފައިވަނީ، އަންނަ އަހަރަށް ހުށަހަޅާނެ ބޭސްލައިން ބަޖެޓަކީ 49،370.7 މިލިއަން ރުފިޔާ ނުވަތަ 49.3 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދު ރިކަރަންޓް ޚަރަދަށް ބަލާއިރު، އަންނަ އަހަރު 32.7 ބިލިއަން ރުފިޔާ އެކަމަށް ޚަރަދުވާނެއެވެ. މީގެ ތެރެއިން ޕެންޝަނާއެކު މުވައްޒަފުންނަށް ހިނގާނެ ޚަރަދަކީ 13 ބިލިއަން ރުފިޔާ ކަމަށާއި، ސަބްސިޑީތަކަށް 6.8 ބިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ވަނީ ބުނެފައެވެ.
މީގެ އިތުރުން ރިކަރަންޓް ޚަރަދުގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ކައުންސިލްތަކަށް ދޫކުރާ ގްރާންޓް، 1.9 ބިލިއަން ރުފިޔާގައި ހުރިއިރު، އެހެނިހެން ރިކަރަންޓް ޚަރަދުތައް ހުންނާނީ 5.4 ބިލިއަން ރުފިޔާގައި ކަމަށް ވަނީ އަންދާޒާކޮށްފައެވެ.
ދައުލަތުގެ ކެޕިޓަލް ޚަރަދަކީ 14.9 ބިލިއަން ރުފިޔާ ކަމަށް ފިސްކަލް ސްޓްރެޓަޖީ އަންގައިދޭ ބަޔާން 2024ން 2026ގައި ވަނީ އަންދާޒާކޮށްފައެވެ. ކެޕިޓަލް ޚަރަދުގެ ތެރެއިން ޕީއެސްއައިޕީއަށް 10.6 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.