އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ބުދަ ދުވަހުގެ ރޭ ހުއްޓުމެއް ނެތި ޣައްޒާއަށް ބޮން އެޅީ، ހަމާސް ޖަމާއަތް ނައްތައިލުމަށް އެއްގަމު މަގުން ހަމަލާދިނުމުގެ ކުރިންނެވެ. އިސްރާއީލުން ބުނީ ޣައްޒާ ސިޓީގެ އަވަށެއްގެ 200އަށްވުރެ ގިނަ އަމާޒަށް އެ ގައުމުގެ އެތައް ހަނގުރާމަމަތީ ޖެޓްތަކެއް ހަމަލާދީފައި ވާކަމަށާއި، އެއީ ހަމާސް ޖަމާއަތުން ހީވެސްނުކުރާ ފަދަ ހަމަލާތަކެއް ދޭން ކުރި ކަމެއް ކަމަށެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ، މިދިޔަ ހަފުތާބަންދުގައި ފެށި ހަމަލާތަކުގައި ޣައްޒާގައި ތިބި ފަލަސްތީނުގެ ހަތިޔާރު އެޅި 1،000 މީހުން އިސްރާއީލު ސިފައިން ޝަހީދުކޮށްލާފައި ވާކަމަށާއި، ހަމަނުޖެހުންތައް ބޮޑުވާން ފެށުމުން އިސްރާއީލުގެ ހުރިހާ ހިސާބުތަކެއްގައި ވެސް ސަލަމާތީ ކަންކަން ވަރުގަދަކޮށްފައި ވާކަމަށެވެ.
ނަމަވެސް އެއްވެސް އާރެއް ބާރެއް ނެތް ފަލަސްތީނު ރައްޔިތުން ވަޒަނުން ނެރުމަށް، އެމީހުންގެ ގެޔާއި ގެދޮރަށް ބޮންއަޅައި، ދަނީ ސުންނާފަތި ކުރަމުންނެވެ. އެފަދަ އެކަކީ ޣައްޒާގެ ރައްޔިތެއް ކަމަށްވާ މުހައްމަދު ނަޖާރުއެވެ. އޭނާ ބުނީ މިއަދު ބޯހިޔާކުރާނެ ތަނެއް ނެތްއިރު، ކާނެ ގޮތެއް އަދި ދަރިންތައް ނިންދަވާނެ ގޮތެއްވެސް ނެތްކަމަށެވެ.
އަހަންނަށް ގުޅާލެވުނު އެންމެން އެމީހުން ތިބި ތަނަކުން އައީ. އެމީހުން ބުނީ އެ ސަރަހައްދު ދޫކޮށް ދާށޭ. އަހަރެމެންގެ ފަހަތުގަ ޝަހީދުންތައް އޮތް. ދެން ބޮންތައް ގޮއްވާލާ، މުޅި ސަރަަހައްދު އެއްކޮށް ސުންނާފަތިކޮށްލީ. ގެތައް ހަލާކުވެ، ހުރިހާ އެއްޗެއް ނެތިގެން ހިނގައްޖެ. އެއްވެސް މީހަކަށް ގެއަކަށް ނުވަދެވޭނެ. މީ ހަމައެކަނި އިސްރާއީލުން އުފަލުގަ ތިބެން ކުރާ ކަންކަން. އަހަރެމެން މިތިބީ ވަށައިގެން ކުނިތަކެއްގެ މެދުގަ. ކާއެއްޗެއްވެސް ނެތް، ދިރިއުޅެވޭނެ ތަނެއްވެސް ނެތް. އަދިވެސް އެންމެން ހަމަލާ ދެނީ އަހަރެމެންނަށް. އަހަންނަށް ކާންވެސް އަދި ދަރިންނަށް ކާންވެސް ނުދެވޭ ހާލެއްގަ ތިއްބާ، އެމީހުން އަހަރެމެންގެ ގެދޮރު ހަލާކުކޮށްލީ. އަހަންނަކަށް މިގޮތަށް އުޅެވޭކަށް ނެތް. ކޮންތާކަށް ދާންވީ އަހަރެމެން؟މުހައްމަދު ނަޖާރު؛ ޣައްޒާގެ ރައްޔިތެއް
ޣައްޒާގެ ސިއްހަތާބެހޭ ވުޒާރާއިން ބުނީ، އިސްރާއީލުގެ ތާރީޚުގައި ފަލަސްތީނަށް ދިން އެންމެ ނުރައްކާތެރި ހަމަލާގައި ހޮނިހިރު ދުވަހުން ފެށިގެން 950ށްވުރެ ގިނަ މީހުން މަރުވެ، 5000އަށްވުރެ ގިނަމީހުން ޒަޚަމްވެފައި ވާކަމަށެވެ.
ވެއްޓިފައިވާ ގެތައް ކައިރީގައި ހުރެގެން އިމާރާތުގެ ދަށުގައި ހުރި ގޮދަޑިއާއި ބާލީސްތަކަށް އިޝާރާތްކުރަމުން ނަޖާރު ބުނީ ނިދޭނެ ގޮތެއް ނެތްކަމަށެވެ. އުޅެންވީ ކޮންތާކުކަމެއް ނޭނގޭ ކަމަށާއި، އެއީ ދިރިއުޅުމެއް ނޫން ކަމަށެވެ. ވެއްޓިފައިވާ އިމާރާތްތަކުގެ މެދުގައި ހުއްޓިހުރެ ނަޒާރު ބުނީ ޣައްޒާ ހަލާކުވެއްޖެ ކަމަށެވެ. ހުރިހާ އެއްޗެއް ހަލާކުވެއްޖެ ކަމަށެވެ.
އެންމެ ފުރަތަމަ އެތަނުގަ އެ އުޅެނީ އުމުރުން ދުވަސްވީ މީހަކު. މިތަނުގަ ތި ތިބީ ނުކުޅެދުންތެރިކަން ހުންނަ ހަތަރު މީހުން. މި އިމާރާތުގެ އެންމެން މަރުވީ. މި ގެ އެތެރޭން މުޅިން ހަލާކުވެއްޖެ. މި ގޭގެ ހުރިހާ އެއްޗެއް މުޅިން ހަލާކުވެއްޖެ. މުޅި ސަރަހައްދު ވަނީ ހަލާކުވެފަ. އެ ހުރިހާ ކަމެއް ނެތިގެން ދިޔައީ.މުހައްމަދު ނަޖާރު؛ ޣައްޒާގެ ރައްޔިތެއް
ޔަހޫދީ ހަރުކަށި ދައުލަތުން ވަނީ ޣައްޒާއަށް އަސާސީ ޚިދުމަތްތައްވެސް ބަންދުކޮށްފައެވެ. އެގޮތުން ކަރަންޓާއި، ފެނާއި، ގޭސް ކަނޑާލާފައިވާއިރު، ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.