ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ތަފާސްހިސާބުތަކަށް ބަލާނަމަ އިންތިހާބުގައި ވޯޓު ލީ މީހުންގެ ނިސްބަތް އުޅެނީ ގާތްގަނޑަކަށް 80 އިންސައްތައިގައެވެ. ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ހައްޤު ލިބިގެންވާ 282،395 މީހުންގެ ތެރެއިން 224،315 މީހުން ވަނީ ވޯޓުލާފައެވެ. އެހެންކަމުން ވޭތުވެދިޔަ އެހެން ރިޔާސީ އިންތިޚާބުތަކަށް ވުރެ ވޯޓުލީ މީހުންގެ ނިސްބަތް ވަރަށް ދަށެވެ.
މީގެ ކުރީގެ ރިޔާސީ އިންތިޚާބުތަކަށް ބަލާނަމަ 2008 ވަނަ އަހަރުގެ އިންތިޚާބުގެ ދެވަނަ ބުރުގައި %86.58 މީހުން ވޯޓުލާފައިވާއިރު އެ އަހަރު 209،294 މީހަކަށް ވޯޓުލުމުގެ ހައްޤު ލިބުނެވެ. 2013 ވަނަ އަހަރުގެ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްޤު ލިބުނީ 239،165 މީހުންނެށެވެ. އެ ފަހަރު %91.40 މީހުން ވޯޓުލިއެވެ. އޭގެ ފަހުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ލިބުނީ 262،135 މީހުންނަށެވެ. އޭގެ ތެރެއިން %89.22 މީހުން ވޯޓުލާފައިވެއެވެ.
މިފަހަރުގެ އިންތިޚާބުގައި ވޯޓުލީ މީހުން އަދަދު މަދުވުމަކީ ސިޔާސީ ޕާޓީތަކާއި ކަމާއި ގުޅުން ހުރި މިނިވަން މުއައްސަސާތަކުގެ ވެސް ކަންބޮޑުވުމެކެވެ. އިލްމީ ފެންވަރުގައި ދިރާސާ އެއް ނުކުރެވުނު ނަމަވެސް އެޗްއާރްސީއެމް ފަދަ ބައެއް މުއައްސަސާތަކުން ވަނީ އިންތިޚާބުގައި ވޯޓުލާން މީހުން ނުދިޔަ ސަބަބު ހޯދާ ދެނެގަތުމަށް މަސައްކަތްކޮށްފައެވެ. އަދި ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ވެސް ހިންގާފައިވެއެވެ.
ހަނދާން ބަހައްޓަންވީ ކަމަކީ ރައްޔިތުމީހާގެ ކިބައިން ބާރުތައް ފެށިގެން އަންނަ ޑިމޮކްރަސީއެއްގައި ތިމާގެ ވޯޓަކީ ތިމާ އަށް ޤައުމު ހިންގާނެ ގޮތުގައި ގޮތް ނިންމަން ލިބޭ ފުރުސަތެއް ކަމެވެ. އެއީ ކުރިއަށް އޮތް ފަސް އަހަރު ޤައުމުގެ އިސް ވެރިއެއްގެ ގޮތުގައި ހުންނަވާނެ ބޭފުޅަކު ނިންމުމުގައި ތިމާގެ ނަޒަރު ހާމަކުރަން ލިބޭ ހަޤީޤީ ފުރުސަތެވެ. އިންތިޚާބުތަކުގައި އެ މީހަކު ތާއީދުކުރާ މީހަކަށް ވޯޓު ދިނުމަކީ ޤައުމުގެ ސިޔާސަތުތަކާއި އުސޫލުތައް އެކުލަވާލާނެ ގޮތާމެދު ބަސްކިޔަން ތިމާ އަށް ލިބޭނެ އެންމެ ފުޅާ ފުރުސަތެވެ. ކޮންމެ ވޯޓަކީ ވެސް މުހިންމު ވޯޓެކެވެ. ޤައުމުގެ ކަންކަން ނިންމުމުގައި ދޭ ކޮންމެ ވޯޓަކީ ވެސް ޤައުމު ބިނާކުރުމުގައި ތިމާގެ ހިއްސާ ތިމާ އަށް އަދާކުރެވުނުކަން ޔަޤީންކުރުމަށް އަޅައިދޭ ބާރެކެވެ. އެއީ ފެހި ޤާނޫނު އަސާސީން ތިމާ އަށް ލިބޭ އެންމެ ބޮޑު ބާރޭ ބުނުމަކުން ގޯހަކަށް ނުވާނެއެވެ. އެންމެން ވެސް މި ފަރުދީ ޒިންމާ އަދާކުރަމާތޯއެވެ. ޤައުމީ ކަމެއްގެ ގޮތުގައި ދެކިގެން ވޯޓުލާން ނުކުމެ ވޯޓުލުން މުހިންމެވެ.
ތިމާގެ ވޯޓަކީ ގޮތް ނިންމާ ވޯޓަށް ވެސް ވެދާނެ!