ކ. މާލެ
|
27 ސެޕްޓެންބަރ 2023 | ބުދަ 17:04
އޭއައި ބޭނުންކޮށްގެން ހަދާފައިވާ، ފުރާވަރު އުމުރުގެ އަންހެން ކުދިންތަކެއްގެ ބަރަހަނާ މަންޒަރުތަކެއް ދައުރުކުރުން
އޭއައި ބޭނުންކޮށްގެން ހަދާފައިވާ، ފުރާވަރު އުމުރުގެ އަންހެން ކުދިންތަކެއްގެ ބަރަހަނާ މަންޒަރުތަކެއް ދައުރުކުރުން
ރޮއިޓާސް
އޭއައި ބޭނުންކޮށްގެން ބަރަހަނާ މަންޒަރުތަކެއް
އޭއައި ބޭނުންކޮށްގެން ހަދާފައިވާ، ފުރާވަރު އުމުރުގެ އަންހެން ކުދިންތަކެއްގެ ބަރަހަނާ މަންޒަރުތަކެއް ދައުރު ކުރަނީ، ހޭލާކަށް ނުވޭތަ؟
ގިނަ އަދަދެއްގެ ކުޑަކުދިންވެސް މިހާރު އޭއައި ޓެކްނޮލޮޖީ އެޕްލިކޭޝަންތައް ބޭނުން ކުރަމުން ދާ ދިއުމާމެދު، ބެލެނިވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުން
މި މައްސަލާގައި ވިއްސަކަށް ޝަކުވާއާއެކު ސްޕެއިންގެ ފުލުހުން ވަނީ 200 ސަފުހާގެ ފައިލެއްވެސް ޕްރޮސެކިއުޓަރާ ހަވާލުކޮށްފައި

ސައެންސާއި ޓެކްނޮލޮޖީގެ ތެރެއިން ޒަމާނަށް އަންނަމުން ދާ ބަދަލުތަކަކީ އެކަމުގެ ސަބަބުން ދިރިއުޅުމުގެ އެތައް ކަމަކަށް ލުއި ލިއްބައިދޭ ކަމަކަށް ވީނަމަވެސް، ހަމަ އެ ފަރުދާގެ ފުރަގަހުގައި ހިންގާ ޖަރީމާތައްވެސް ވަކި މަދެއް ނޫނެވެ. ކޮންމެ ކަމަކުންވެސް ނާޖާއިޒު ފައިދާ ނަގާ މީހުން މި ދުނިޔެއިން ހުސްވުމެއް ނެތްފަދައެވެ. އެތައް ބައެއްގެ ދިރިއުޅުމަށް ބޮޑު ލުޔެއް މި ފަހަކުން ހޯދައިދިން އެކައްޗަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ނުވަތަ މަސްނޫއީ ތޫނުފިލިކަމުގެ ޓެކްނޮލޮޖީ ކަމަށް ވާއިރު، އެކަމުންވެސް ނާޖާއިޒު ފައިދާ ނަގާ އެތައް ބަޔަކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެބަ ތިއްބެވެ.

އޭއައި ޓެކްނޮލޮޖީއަކީ އިންސާނީ ދަރިފަސްކޮޅަށް އޮތް ނުރައްކަލެއް ކަމަށް ބުނާ މީހުންގެ އަދަދުވެސް ވަކި މަދެއް ނޫނެވެ. އެ މީހުން މިފަދަ ގޮތަކަށް ވާހަކަދައްކަނީ ސަބަބުތަކެއް ނެތިއެއްވެސް ނޫނެވެ. ދާދި މިދާކަށްދުވަހު ސްޕެއިންގައި ހިނގައިގެން އުޅޭ ހާދިސާއަށް ބަލާލުމުން އެކަނިވެސް އެކަމަށް ބާރުދޭ އެތައް ހެއްކެއް ލިބެއެވެ.

އޭއައި ޓެކްނޮލޮޖީގެ ޝިކާރައަކަށް މިފަހަރު ވެގެން ދިޔައީ ފުރާވަރު އުމުރުގެ އަންހެން ކުދިންތަކެކެވެ. ސްޕެއިންގެ ހުޅަނގު ދެކުނުގައި ހިނގައިގެން އުޅޭ މިހާދިސާގައި، އެކުގައި އުޅުނު ކުދިންތަކެއް ސޯޝަލް މީޑިއާގައި ދައުރުކުރަން ފެށީ، ފުރާވަރު އުމުރުގެ އަންހެން ކުދިންތަކެއްގެ ބަރަހަނާ ތަސްވީރުތަކެކެވެ. އެ ތަސްވީރުތަކަކީ ވެސް ޝިކާރައަކަށް ވީ ކުދިންނާ އެއް އުމުރެއްގެ ކުދިން އުފެއްދި ތަސްވީރުތަކެއް ކަމަށް ބުނާއިރު، ޖިނާއީ މައްސަލައެއްގެ ގޮތުގައި އެކަންކަން ބެލުމުގެ ފުރުސަތު އޮތްތޯ، ސްޕެއިންގެ ޕްރޮސެކިއުޓަރަކު ގެންދަވަނީ ބައްލަވަމުންނެވެ.

އޭއައި އެޕްލިކޭޝަން ބޭނުންކޮށްގެން، އެބައިމީހުންގެ އަންހެން ދަރިންގެ ބަރަހަނާ މަންޒަރުތަކެއް ފެނިގެންދާ، އަސްލެއް ނެތް ތަސްވީރުތަކެއް އުފައްދައިގެން، ސޯޝަލް މީޑިއާގައި ދައުރުކުރަމުން ދާ މައްސަލާގައި އާއިލާތަކުން ހުށަހަޅާފައިވާ ވިއްސަކަށް ޝަކުވާއާއެކު، ސްޕެއިންގެ ފުލުހުން ވަނީ 200 ސަފުހާގެ ފައިލެއްވެސް ޕްރޮސެކިއުޓަރާ ހަވާލުކޮށްފައެވެ.

އޭއައި ބޭނުންކޮށްގެން އުފައްދާފައި ވާކަމަށް ބުނާ ތަސްވީރުތަކުގެ ޝިކާރައަކަށް ވީ ކުދިންތަކުގެ ތެރޭގައި ހިމެނޭ އެއް ކުއްޖެއްގެ މަންމައަކީ މިރިއަމް އަލްއަދީބުއެވެ. އޭނާއަކީ ގައިނަކޮލޮޖިސްޓެއްގެ އިތުރުން، ތައުލީމީ ދާއިރާގެ ކަންކަމުގައިވެސް ނަގާކިޔާ އުޅޭ މީހެކެވެ.

ދަރިފުޅު އެ ފޮޓޯތައް ދައްކާލީމަ، ވަކިން ޚާއްސަކޮށް އެ ދަރިފުޅު ފެންނަ ފޮޓޯތައް ދައްކާލީމަ އަހަރެންގެ ހިތަށް އެރި… އެއީ އަހަންނަށް، އަހަރެންގެ ދަރިފުޅުގެ ހަށިގަނޑު އެނގޭތީ، ހަށިގަނޑު ނޭނގޭނަމަ، އެ ފޮޓޯތަކަކީ އަސްލެއް ކަމެއް ނުވަތަ ނޫން ކަމެއްވެސް އަހަންނަށް ނޭނގުނީސް.
މިރިއަމް އަލްއަދީބު؛ މަންމައެއް

މިރިއަމް ބުނި ގޮތުގައި ވަޓްސްއެޕް މެދުވެރިކޮށް، އޭނާގެ ދަރިފުޅުގެ "ފޭކު ފޮޓޯތައް" ދައުރު ކުރަމުން ދަނީ ޖުލައި މަހުން ފެށިގެންނެވެ.

ދެން އަދި އަހަރެމެންނަށް މި އެނގުނީ، ޖުލައި މަހުން ފެށިގެން މިކަމެއް އެބަ ހިންގާކަން. އޭރު ގިނަ އަންހެން ކުދިންތަކެއް ތިބީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގަ. އިންތިހާއަށް ނުތަނަވަސްވެ، ހާސްކަމެއްގެ ތެރޭގަ. އެހެންނު ވާނީ، އެކަނިމާއެކަނި، ހިމޭނުން ތިބެ ވިއްޔާ އެ ދިޔައީ އެ ވޭން ތަހައްމަލުކުރަމުން. އެއީ، އެ ވާހަކަ ބުނެފީވިއްޔާ ކުށްވެރި ވެދާނެކަމުގެ އިހުސާސް އެކުދިންނަށް ކުރެވިފަ އޮތީމަ.
މިރިއަމް އަލްއަދީބު؛ މަންމައެއް

ގިނަ އަދަދެއްގެ ކުޑަކުދިންވެސް މިހާރު އޭއައި ޓެކްނޮލޮޖީ އެޕްލިކޭޝަންތައް ބޭނުންކުރަމުން ދާ ދިއުމާމެދު، ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ބެލެނިވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޖިނާއީ ކުށުގެ ވެށީގައި ހަރަކާތްތެރިވާ މީހުން މިހާރު މަސައްކަތްކުރަމުން ދަނީ މަސްނޫއީ ތޫނުފިލިކަން ބޭނުންކޮށްގެން، ހަޑިމުޑުދާރު މަންޒަރުތައް އުފައްދައިގެން މީހުންގެ ޝިކާރަކުރުމަށް ކަމުގެ އިންޒާރު، އެމެރިކާގެ ތަހުގީގީ އިދާރާ (އެފްބީއައި)ންވެސް ވަނީ އިންޒާރު ކޮށްފައެވެ.

ދަރިންނާއި ރައްޓެހިންގެ އިތުރުން އަމިއްލަ މީހާގެ ފޮޓޯތައް ސޯޝަލް މީޑިއާއާއި އިޖުތިމާއީ މެސެޖިންގ ޕްލެޓްފޯމްތަކަށް ދޫކޮށްލާއިރު، ދެވަނަ އަދި ތިންވަނަ ވިސްނުމަކަށް ދިއުމަކީ މިފަދަ ވެއްޓެއްގައި ކޮންމެހެންވެސް ކުރުން ބުއްދުވެރި ކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް