ކ. މާލެ
|
25 ސެޕްޓެންބަރ 2023 | ހޯމަ 20:13
2021 ވަނަ އަހަރާ ހިސާބަށް އީރާނުން ބުނަމުން ދިޔައީ އެ ޤައުމުގެ ނިއުކްލިއަރ މަޝްރޫޢަކީ ސުލްޙަވެރި މަޤްޞަދުތަކަކަށްޓަކައި ކުރިއަށް ގެންދާ މަޝްރޫޢެއް ކަމަށް
2021 ވަނަ އަހަރާ ހިސާބަށް އީރާނުން ބުނަމުން ދިޔައީ އެ ޤައުމުގެ ނިއުކްލިއަރ މަޝްރޫޢަކީ ސުލްޙަވެރި މަޤްޞަދުތަކަކަށްޓަކައި ކުރިއަށް ގެންދާ މަޝްރޫޢެއް ކަމަށް
ރޮއިޓާސް
ނިއުލިއަރ މަޝްރޫޢު
ނިއުކްލިއަރ މަޝްރޫޢުގެ ސުލްޙަވެރިކަން ސާބިތުކޮށްދެވޭނެ އޮތީ ހަމަ އެންމެ ގޮތެއް: ގްރޯސީ
އީރާނުގެ ނިއުކްލިއަރ މަޝްރޫޢު ކުރިއަށް ގެންދާ މަރުކަޒުތަކާއި އެފަދަ ތަންތަނަށް ޒިޔާރަތްކޮށް، ފުރިހަމަ ތަޙުޤީޤުތައް ހިންގުމަށް ބައިނަލްއަޤުވާމީ އިދާރާތަކާއި ބޮޑެތި ބާރުތަކުން މަސައްކަތް ކުރޭ

އީރާނުން ކުރިއަށް ގެންދާ އެޤައުމުގެ ނިއުކްލިއަރ މަޝްރޫޢުގެ ވާހަކަތަކަކީ ތާ އަބަދުމެހެން ބައިނަލްއަޤުވާމީ ޚަބަރުތަކުގެ ފަލަ ސުރުޚީތަކުން ފެންނަ ވާހަކައެކެވެ. ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ޤައުމުތަކާއި އީރާނާ ދެމެދު، ވަކިން ޚާއްޞަކޮށް، މުޅި ދުނިޔެއަށް ބާރާއި ނުފޫޒު ފޯރުވަމުން ދާ އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައި އޮތް ޒަމާންވީ ހަތުރުވެރި ޒުވާބުގެ މައިގަނޑު ބަޙުސަކަށްވެސް ނިއުކްލިއަރ މަޝްރޫޢުގެ މައްސަލަ އޮންނަނީ ވެފައެވެ.

މީލާދީން އޮނަވިހިސަތޭކަ ފަންސާހުގެ އަހަރުތަކުގައި އީރާނުން ފެށި ނިއުކްލިއަރ މަޝްރޫޢަކީ، ނިއުކްލިއަރ ޓެކްނޮލޮޖީގެ ރޮނގުން، ސައެންސްގެ ދިރާސާތަކެއް ކުރުމަށް އެ ޤައުމުން ފެށި މަޝްރޫޢެކެވެ. އެ މަޝްރޫޢުގެ ބައެއް ތަފްޞީލުތަކަކީ ބައިނަލްއަޤުވާމީ މުޖުތަމަޢަށް ސިއްރު ކޮށްފައި އޮންނަ ވާހަކަތަކެއް ކަމަށް ދުނިޔޭގެ ބޮޑެތި ބާރުތަކާއި، އިދާރާތަކުން ތުހުމަތު ކުރެއެވެ. ނިއުކްލިއަރ ޓެކްނޮލޮޖީގެ ރޮނގުން ދިރާސާތައް ކުރިއަށް ގެންދާ ގިނަ ސައިޓްތަކެއް އީރާނުގައި ހުންނަ ކަމަށް ވެއެވެ. އޭގެ ތެރޭގައި ޔުރޭނިއަމް 2 މައިންއަކާއި، ރިސަރޗް ރިއެކްޓަރެއްގެ އިތުރުން، ޔުރޭނިއަމް ފައްކާ ކުރާ ފެސިލިޓީތަކާއި، ޔުރޭނިއަމް މުއްސަނދި ކުރާ 3 ޕްލާންޓެއް ހުންނަ ކަމަށް އޮންނަނީ އެނގިފައެވެ.

2021 ވަނަ އަހަރާ ހިސާބަށް އީރާނުން ބުނަމުން ދިޔައީ އެ ޤައުމުގެ ނިއުކްލިއަރ މަޝްރޫޢަކީ ސުލްޙަވެރި މަޤްޞަދުތަކަކަށްޓަކައި ކުރިއަށް ގެންދާ މަޝްރޫޢެއް ކަމަށެވެ. ނިއުކްލިއަރ ހަތިޔާރު އުފެއްދުމާ ދެކޮޅަށް، އީރާނުގެ ރޫޙީ ލީޑަރު، އާޔަތުއްލާ ޢަލީ ޚާމަނާއީ ނެރުއްވާފައި އޮންނަ ފަތުވާއެއްވެސް އޮވެއެވެ. ނަމަވެސް، ނޮވެމްބަރު 2021ގައި އީރާނުން ދައްކަމުން ދިޔަ ވާހަކަތަކުގެ ރާގު ބަދަލުވިއެވެ. އެއީ އީރާނުގެ ނިއުކްލިއަރ މަޝްރޫޢުގެ ބާނީ ގޮތުގައި އެ ޤައުމުން ސިފަ ކުރާ ނިއުކްލިއަރ ސައެންޓިސްޓް އަދި ފިޒިސިސްޓް، މުޙުސިން ފަޚްރީޒާދީ އަވަހާރަކޮށްލިތާ އަހަރު ފުރުނު މުނާސަބާއެވެ. އެޓޮމިކް ހަކަތައާއި ބެހޭ އީރާނުގެ ރަސްމީ އިދާރާ (އޭއީއޯއައި)ގެ ކުރީގެ އިސްވެރިޔާގެ މަޤާމު އަދާ ކުރެއްވި ފަރީދުން ޢައްބާސީ-ދަވާނީ ވަނީ، އީރާނުގެ ކުރިއެރުން ގުޅިފައި ވަނީ، ސެޓެލައިޓްތަކާއި، މިސައިލްތައް އަދި ނިއުކްލިއަރ ހަތިޔާރުތަކާ ކަމަށް ވިދާޅުވެފައެވެ.

މިފަދަ ގޮތަކަށް ކަން އޮތް އިރު، މި ދުވަސްވަރަކީ އަނެއްކާވެސް، އީރާނުގެ ނިއުކްލިއަރ މަޝްރުޢޫގެ އަޑުފަށްގަނޑު ގަދަވެގެން އުޅޭ ދުވަސްކޮޅެކެވެ. އީރާނުގެ ނިއުކްލިއަރ މަޝްރޫޢަކީ ސުލްޙަވެރި މަޤްޞަދުތަކެއް އެކުލެވޭ މަޝްރޫޢެއްކަން އެ ޤައުމަށް ސާބިތު ކޮށްދެވެން އޮތް ހަމަ އެކަނި ގޮތަކީ، ނިއުކްލިއަރ ހަކަތައާ ބެހޭ އދގެ ބައިނަލްއަޤުވާމީ އިދާރާ (އައިއޭއީއޭ) އަށް، އީރާނުގެ ސަރުކާރުން ފުރިހަމަ އެއްބާރުލުން ދިނުން ކަމަށް، އެ އިދާރާގެ އިސްވެރިޔާ ކަމުގެ މަޤާމުގެ އިތުރު ދައުރަކަށް އިންތިޚާބުވެވަޑައިގެންނެވި ރަފައޭލް ގްރޯސީ ވަނީ ސެޕްޓެމްބަރު 25 ވަނަ ދުވަހު ވިދާޅުވެފައެވެ.

ވިއޭނާގައި ކުރިއަށް ދިޔަ 67 ވަނަ ޖެނެރަލް ކޮންފަރެންސްގައި ވާހަކަދައްކަވަމުން ގްރޯސީ ވިދާޅުވީ، އީރާނުގެ ފަރާތުން އިތުބާރު ހިފޭ، ޞައްޙަ ޤަރީނާތަކެއް ނުވަތަ ޔަޤީންކަމެއް، އައިއޭއީއޭއަށް ދޭން ޖެހޭ ކަމަށެވެ.

އީރާނުގެ ނިއުކްލިއަރ މަޝްރޫޢު ކުރިއަށް ގެންދާ މަރުކަޒުތަކާއި އެފަދަ ތަންތަނަށް ޒިޔާރަތްކޮށް، ފުރިހަމަ ތަޙުޤީޤުތައް ހިންގުމަށް ބައިނަލްއަޤުވާމީ އިދާރާތަކާއި ބޮޑެތި ބާރުތަކުން ސިލްސިލާ ގޮތެއްގައި މަސައްކަތް ކުރެއެވެ. އީރާނުން އެފަދަ ފުރުޞަތުތައް ދިން ކަމުގައި ވީ ނަމަވެސް، ހުރަސް އަޅާ ފަހަރުތައްވެސް އާދެއެވެ. އެފަދަކޮންމެ ވަޤުތަކީ، އީރާނުގެ ނިއުކްލިއަރ މަޝްރޫޢުގެ އަޑުފަށްގަނޑު ގަދަވާ ދުވަސްވަރަކަށް އޮންނަނީ ވެފައެވެ.

ދާދި ފަހުންވެސް އީރާނުން ވަނީ އައިއޭއީއޭގެ އިންސްޕެކްޓަރުންތަކަކަށް ހުރަސް އަޅާފައެވެ. އެކަމުގެ ސަބަބުން، އީރާނުގެ އެޓޮމިކް މަސައްކަތްތަކާ ބެހޭ ކަންކަން އެންމެ ފުރިހަމައަށް ތަޙުޤީޤުކޮށް ބަލައިލުމުގެ ފުރުޞަތަށް ވަނީ ހުރަސް އެޅިފައެވެ. އީރާނުން މީގެ ކުރިން އެފަދަ ކަމެއް އެ ފެންވަރުގައި ކޮށްފައި ނުވާއިރު، އެއީ އެކަން ކުރަން އެންމެ އެކަށީގެންވާ ގޮތް ނޫން ކަން ފާހަގަ ކުރައްވަމުން، ސެޕްޓެމްބަރ 16 ވަނަ ދުވަހު، ގްރޯސީ ވަނީ އީރާނުގެ ޢަމަލުތައް ކުށްވެރި ކުރައްވާފައެވެ.

އީރާނުގެ ނިއުކްލިއަރ މަޝްރޫޢުގެ މަޤްޞަދުތައް ބިނާވެފައި އޮތް ހަމަ އެކަނި އަސާސަކީ ސުލްޙަވެރި މަޤްޞަދުތަކެއް ކަން ސާބިތު ކޮށްދެވެން އޮތް ހަމަ އެކަނި ގޮތަކީ، އީރާނުގެ ސަރުކާރުން ފުރިހަމައަށް އެއްބާރުލުން ދީ، އަމަލީ ގޮތުން ފެންނަން އޮތް ނަތީޖާތަކެއް ނެރުން… ނިއުކްލިއަރ ހަކަތައަކީ، ހަކަތައިގެ އެހެން ހުރިހާ މަސްދަރުތަކާ އަޅާ ބަލާއިރު އެންމެ ރައްކާތެރި މަސްދަރު. އެކަމުގެ އެންމެ ބޮޑު އެއް ހިއްސާދާރަކީ އައިއޭއީއޭ. މީ އައިއޭއީއޭއިން ރައްކާތެރިކަމުގެ މިންގަނޑުތައް ދަމަހައްޓާތާ 65 ވަނަ އަހަރު.
ރަފައޭލް ގްރޯސީ؛ އައިއޭއީއޭގެ ޑައިރެކްޓަރ ޖެނެރަލް

ސެޕްޓެމްބަރު 25 ވަނަ ދުވަހުގެ ތަޤުރީރު ކުރިއަށް ގެންދަވަމުން ގްރޯސީ ވަނީ ނިއުކްލިއަރ ހަކަތައިގެ ރައްކާތެރި ކަމަށް ތަޢުރީފު ކުރައްވާފައެވެ. އެގޮތުން ހަކަތައިގެ މަސްދަރުތަކުގެ ތެރެއިން އެންމެ ރައްކާތެރި މަސްދަރަކީވެސް ނިއުކްލިއަރ ހަކަތަ ކަމަށް އޭނާ ވަނީ އިޝާރާތް ކުރައްވާފައެވެ. އަދި ނިއުކްލިއަރ މާއްދާއާ ގުޅިގެން އެކްސިޑެންޓެއް ހިނގާފާނެ ހިނދަކަށް، ދުނިޔެ ތައްޔާރުކޮށް، ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅާ، ދުނިޔޭގެ ވެއްޓަށް ލިބިދާނެ ގެއްލުންތަކުން ސަލާމަތް ކުރުމަށްޓަކާ، އައިއޭއީއޭގެ އިންސްޕެކްޓަރުން ހަރަކާތްތެރި ދައުރެއް އަދާ ކުރަމުން ދާ ކަމަށްވެސް ގްރޯސީ ވަނީ ފާހަގަ ކުރައްވާފައެވެ.

ގްރޯސީގެ ވާހަކަތައް އެފަދަ ގޮތަކަށް ހުރިއިރު، އީރާނުގެ ރައީސް، އިބްރާހީމް ރައީސީ ވަނީ ހަމަ އެކަމާ ބެހޭ ގޮތުން އދގެ އާންމު މަޖިލީހުގެ ހަވާސާގައި ތަޤުރީރު ކުރައްވާފައެވެ. އައިއޭއީއޭގެ ތަޙުޤީޤު ޓީމުތަކުން އީރާނަށް ގޮސް، އެ ޤައުމުގެ ނިއުކްލިއަރ މަޝްރޫޢާ ބެހޭ ކަންކަން ބަލާ ފާސް ކުރުމުގައި އެ ޤައުމަށް އެއްވެސް މައްސަލައެއް ނެތް ކަމަށް ރައީސީ ވަނީ ވިދާޅުވެފައެވެ. އިންސްޕެކްޓަރުންނަކީ ޞައްޙަކަން ކަށަވަރު ކުރެވޭ، އިތުބާރު ހިފޭ ބަޔަކަށް ވާނަމަ، އީރާނުގައި އެމީހުންގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ކަމަށްވެސް ރައީސީ ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް