ކ. މާލެ
|
24 ސެޕްޓެންބަރ 2023 | އާދީއްތަ 15:59
އިދިކޮޅު ކޯލިޝަނުން ބޭއްވި މުޒާހަރާ
އިދިކޮޅު ކޯލިޝަނުން ބޭއްވި މުޒާހަރާ
ޕީޕީއެމް
ޕީޕީއެމް ގެ މުޒާހަރާކުރުން
މުޒާހަރާތައް ހުއްޓާލީ، އިންޑިއާ ސިފައިން ފޭބީތޯ؟
'އިންޑިއާ އައުޓް'ގެ އަޑު ކެނޑިއްޖެ
ރައީސް ޔާމީން މިނިވަންކުރާން ގޮވާ އަޑެއްވެސް މިހާރަކު ނީވެ
ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ވިއްކާނެ މާ ބޮޑު ސިޔާސަތުތަކެއް ނެތުމުން ރައްޔިތުންނަށް ވިއްކޭތޯ ނެރުނު އަސްލެއްނެތް އުފެއްދުންތަކެއް

މި ސަރުކާރު ފެށުނީއްސުރެން އިދިކޮޅުން ހިންގަމުންދާ އެންމެ ބޮޑު އެއް ޕްރޮޕެގެންޑާއަކީ، އިންޑިއާ ސިފައިން ދިވެހިރާއްޖޭގައި ތިބިކަމަށްބުނެ، 'އިންޑިއާއަޓް' ގެ ނަމުގައި ކުރަމުންދާ މުޒާހަރާތަކެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވަނީ 'ހަރާން ހުކުމް' އެއްކަމަށްބުނެ ހިންގާ މުޒާހަރާތަކެވެ.

ކުރީކޮޅުގައި ހަމަ ކޮންމެ ރެއަކު އަދި ފަހަކަށް އައިސް ކޮންމެ ހަފްތާ ބަންދަކާ ދިމާކޮށް، އިދިކޮޅުން ކުރިއަށްގެންދާ މުޒާހަރާތަކަކީ، އާންމު ރައްޔިތުންނަށް ނުހަނު ގިނަގުނަ ތަކުލީފުތަކަކާއި ކުރިމަތިލާންޖެހުނު ކަމެކެވެ. އެގޮތުން އާންމުކޮށް ހަފްތާ ބަންދު ދުވަސްތަކުގައި އާއިލާއާއިއެކު ވަގުތު ހޭދަކުރުމަށް ނިކުންނަ ގިނަ މީހުން އަނބުރާ ގެއަށް ވަންނަންޖެހެނީ މާޔޫސްކަންމަތީއެވެ.

އެންމެ ގިނައިން އާންމުން އެއްވެއުޅޭ ސަރަހައްދުކަމަށްވާ އާޓިފިޝަލް ބީޗު ސަރަހައްދުގައި ކޮންމެ ހަފްތާ ބަންދަކާއި ދިމާކޮށް އިދިކޮޅުން ކުރިއަށްގެންދާ މުޒާހަރާތަކުގެ ސަބަބުން، އާންމު ރައްޔިތުނަށް އެތައް ތަކުލީފެއް އުފުލަންޖެހުނެވެ. އިދިކޮޅުން މަގުތައް ބަންދުކޮށް މަގު މެދުގައިތިބެ ލަވާ ހަޅޭކުގެ ސަބަބުން މަގުތައް ތޮށްޖެހި، ހިނގާބިނގާވެ އުޅުމަށް ދަތިވެ ބަސް ދަތުރު ކުރުމަށް ބޮޑެތި ދަތިތަކަކާއި ކުރިމަތިލާން ޖެހުނެވެ.

ވަކި މީހެއްގެ ހައްގެއް ގެއްލިގެންކަމަށްބުނެ އެ ހައްގު ހޯދައިދިނުމަށް މުޒާހަރާ ކުރާއިރު، އާންމު ރައްޔިތު މީހާގެ ހައްގަށް އަރައިގަނެވޭކަން އޭރު ނޭނގެނުތޯއެވެ؟

ނަމަވެސް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގެން ކާމިޔާބީއާއެކު މަންޒަރު ބަދަލުވެއްޖެއެވެ. މެދުނުކެނޑި ކުރަމުންދިޔަ މުޒާހަރާތައް ހުއްޓިއްޖެއެވެ. 'އިންޑިއާ އައުޓް'ގެ އަޑު ކެނޑިއްޖެއެވެ. ރައީސް ޔާމީން މިނިވަންކުރާން ގޮވާ އަޑެއްވެސް މިހާރަކު ނީވެއެވެ. މީ ކިހިނެއްވީ ކަމެއްތޯއެވެ؟ މުޒާހަރާތަށް ހުއްޓުނީ ކީއްވެތޯއެވެ؟ 'އިންޑިއާ އައުޓް'ގެ އަޑު ކެނޑުނީ ކީއްވެތޯއެވެ؟ ރާއްޖޭގައި ތިބިކަމަށް ތިޔަ ވިދާޅުވާ އިންޑިއާ ސިފައިން އަމިއްލައަށް ފައިބައިގެން ދިޔައީތޯއެވެ؟ އަދި ހައިކޯޓުގައި ހިނގަމުންދިޔަ އިސްތިއުނާފްގެ މައްސަލަ ނިމި ރައީސް ޔާމީން މިނިވަންވީތޯއެވެ؟ ނޫނީ އިންޑިއާއިން ފައިސާދީގެން އެހެން ގޮވުން ހުއްޓުވީތޯއެވެ؟

އިދިކޮޅުން މުޒާހަރާކުރަން ފެށީއްސުރެން ގިނަ ބަޔަކު ބުނަމުންދިޔަ ވާހަކައަކީ، އިންޑިއާ ސިފައިން ރާއްޖޭގައި ތިބިކަމާއި، ރައީސް ޔާމީން ނުހައްގުން ޖަލަށްލާފައިވާކަމަށް ގޮވަމުންދިޔަ ވާހަކަތަކަކީ އެއްވެސް އަސާސެއްނެތް ވާހަކަތަކެއްކަމަށެވެ. ނަމަވެސް އޭރު އެކަން ވެގެންދިޔައީ އާންމު ރައްޔިތުން ދައްކާ ތޯތޯ ވާހަކަތަކަކަށެވެ. ނަމަވެސް މިހާރު އިދިކޮޅުގެ މުޒާހަރާތައް ހުއްޓާލުމުން އޭރު އެމީހުން ދައްކަމުންދިޔަ ވާހަކަތަކަކީ އެއްވެސް އަސާސެއްނެތް ވާހަކަތަކެއްކަން ޔަގީން ވެއްޖެއެވެ. އެއީ މިހާރުއޮތް ސަރުކާރާއި ދެކޮޅަށް ދައްކާނެ އެހެން ވާހަކައެއް ނެތުމުން، ގޮވަމުންދިޔަ ގޮވެލިތަކެއްކަންވެސް އިނގިއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ވިއްކާނެ މާ ބޮޑު ސިޔާސަތުތަކެއް ނެތުމުން ރައްޔިތުންނަށް ވިއްކޭތޯ ނެރުނު އަސްލެއްނެތް އުފެއްދުންތަކެއްކަން ގިނަ ބަޔަކަށް ގަބޫލުކުރެވިއްޖެއެވެ. އެހެންނޫންނަމަ، ނުވަތަ އެކަމުގައި އެހާ ބޮޑު ހަގީގަތެއް އޮތްނަމަ އެ ބުނާ އިންޑިއާ ސިފައިން މި ގައުމުން ފައިބަންދެން އަދި ރައީސް ޔާމީން ޖަލުން މިނިވަންވަންދެން އެ މުޒާހަރާތައް މެދުކަނޑާނުލާ ގެންދިޔައީސްނޫންތޯއެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް