ކ. މާލެ
|
22 ސެޕްޓެންބަރ 2023 | ހުކުރު 13:12
އިސްލާމީ މަރުކަޒުގައި ހުކުރު ދުވަހުގެ ޚުތުބާ އަޑުއަހަނީ
އިސްލާމީ މަރުކަޒުގައި ހުކުރު ދުވަހުގެ ޚުތުބާ އަޑުއަހަނީ
ރާއްޖެއެމްވީ
ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުމުގެ ނުބައިކަން
ރިޝްވަތާ ދުރުވޭ، އެއީ އީމާންކަމުގެ ނޫރު ނިއްވާލައި ކަށްވަޅު އަނދިރިކުރާ އެއްޗެއް: ޚުތުބާ
ވަރަށް ގިނަ މުޖުތަމައުތަކުގައި ރިޝްވަތު އަމަލުތައް ވަނީ އާއްމުވެފައި
ރިޝްވަތަކީ މުޖުތަމައުގައި ފަސާދަ އުފެދުމަށް މެދުވެރިވާ ވަސީލަތެއް
ރިޝްވަތަކީ ހަދިޔާއެއް ނޫން، އެއީ ހައްގާ ދެކޮޅަށް ހަނގުރާމަ ކުރުމަށްޓަކައި ބޭނުންކުރެވޭ ވަރުގަދަ ޒަހަރެއް

ރިޝްވަތަކީ އިމާންކަމުގެ ނޫރު ނިއްވާލައި، ކަށްވަޅު އަނދިރިކުރާ އެއްޗެއް ކަމަށާއި، އެއާ ދުރުވުމަށް ހުކުރު ޚުތުބާގައި ގޮވާލައިިފިއެވެ.

''ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުމުގެ ނުބައިކަން'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ މުޅި ދުނިޔޭގައި ފެތުރިފައިވާ ނުރައްކާތެރި ބޮޑެތި ވަބާތަކުގެ ތެރެއިން ނުރައްކާތެރިކަން ފިލުވައިލަން އެންމެ އުދަނގޫއެއް ވަބާއަކީ ރިޝްވަތުގެ ވަބާ ކަމަށެވެ. އެއީ ވަރަށް ސިއްރު ގޮތެއްގައި ކުރެވެމުންދާ ކަމަކަށްވާތީ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ ވަރަށް ގިނަ މުޖުތަމައުތަކުގައި ރިޝްވަތު އަމަލުތައް އާއްމުވެފައިވާ ކަމަށާއި، ބައެއް މުޖުތަމައުތަކުގައި ކޮންމެވެސް ގޮތަކުން ކޮންމެވެސް މިންވަރެއްގެ ރިޝްވަތަކައި ނުލައި އެއްވެސް ކަމެއް ނުކުރެވޭ ކަމަށެވެ. މިފަދަ މުޖުތަމައުތަކުގައި އަދުލު އިންސާފު ގާއިމް ކުރުމަށް ހުންނަ އިދާރާތަކުގައި ވެސް ރިޝްވަތާއި ރިޝްވަތުގެ އަމަލުތައް އިތުރުވެފައިވާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ޚުތުބާގައި ބުނީ މިފަދަ ކަންކަމަކީ ގައުމާއި މުޖުތަމައު ހަލާކުގެ ތެރެއެއަށް ވެއްޓިގެން ދިއުމަށް މެދުވެރިވެގެންދާ ކަންކަމެއް ކަމަށާއި، ގައުމުގެ ތަރައްގީގެ ދުވެލި މަޑުޖެހި ކުރިއެރުމަށް ހުރަސްއެޅޭ ކަންކަމެއް ކަމަށެވެ.

Advertisement

މިކުޑަކުޑަ މުޖުތަމައުވެސް މިނުރައްކާތެރި ވަބާގައި ޖެހިފައިވާކަން ފާހަގަކޮށް ޚުތުބާގައި ބުނީ ރިޝްވަތާއި ނާޖާއިޒު ފައިދާ އާއި ހިޔާނާތުގެ އަމަލުތައް މުޖުތަމައުގައި ގިނަވެ އެކަމަކީ ވަރަށް އާދައިގެ ކަމެއް ކަމަށް މުޖުތަމައުގެ ބައެއް މީހުން ދެކެން ފަށާފައިވާ ކަމަށެވެ. ޚުތުބާގައި ބުނީ މާތްﷲ ރިޝްވަތު ހަރާމް ކުރައްވާފައިވަނީ ރިޝްވަތަކީ މުޖުތަމައުގައި ފަސާދަ އުފެދުމަށް މެދުވެރިވާ ވަސީލަތަކަށްވާތީ ކަމަށާއި، އެއީ ހައްގާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ބޭނުން ކުރެވޭ ހަތިޔާރަކަށްވާތީ ކަމަށެވެ. ރިޝްވަތުގެ ކަންތައްތައް އާއްމުވެއްޖެ މުޖުތަމައުއެއްގައި ހަމަޖެހުން ގެއްލި އަމާންކަން ގެއްލޭނެ ކަމަށާއި، ރުޅިވެރިކަމާއި، އަދާވާތްތެރިކަމުގެ ޝިކާރައަކަށް އެ މުޖުތަމައުގެ ފަރުދުން ވާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ ރިޝްވަތަކީ ހަދިޔާއެއް ނޫން ކަމަށާއި، އެއީ ހައްގާ ދެކޮޅަށް ހަނގުރާމަ ކުރުމަށްޓަކައި ބޭނުންކުރެވޭ ވަރުގަދަ ޒަހަރެއް ކަމަށެވެ. އަދި މުޖުތަމައުގެ ސަފުތައް ރުޅާލާ ފިތުނައެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ރިޝްވަތަކީ ތިމާއަށް ހައްގު ނޫން ކަމެއް ނުވަތަ ހައްގު ނޫން އެއްޗެއް ނުވަތަ ހައްގު ނޫން މަންފާއެއް ލިބިގަތުމަށް ނުވަތަ ކަމަކުން ބަރީއަވެ ސަލާމަތްވުމަށް ފައިސާ ނުވަތަ އެނޫން ވެސް އެއްޗެއް މީހަކަށް ނުވަތަ ބަޔަކަށް ހޯދައި ދިނުމެވެ. ހަމަކަށަވަރުން ރިޝްވަތު ދޭ މީހާއާއި ރިޝްވަތު އުފުލާ މީހާ އެބަހީ ރިޝްވަތު ދިނުމުގައި މެދުވެރިޔަކަށްވާ މީހާއާއި ރިޝްވަތުގައި ހިފާ މީހާއަށް މާތްﷲ ވަނީ ލައުނަތް ލައްވާފައެވެ. ރަސޫލާ ހަދީސް ކުރައްވާފައިވެއެވެ. މާނައީ: ރިޝްވަތު ދޭ މީހާ އާއި ރިޝްވަތު ހިފާ މީހާއަށް މާތް ﷲ ސުބްހާނަހޫ ވަތަޢާލާ ލައުނަތް ލެއްވިއެވެ
ހުކުރު ޚުތުބާ

ޚުތުބާގައި ބުނީ ރިޝްވަތަކީ ހަރާމް އެއްޗަކަށްވީއިރު އެފަދަ ފައިސާއެއްގައި ނުވަތަ މުދަލެއްގައި މުސްލިމުން ހިފައިގެން ނުވާނެ ކަމަށާއި، އެފަދަ އެއްޗެއް އަނބިދަރީންނަށާއި ގާތްތިމާގެ މީހުންނަށް ކާން ދީގެން ނުވާނެ ކަމަށެވެ. އެހެނީ ރަސޫލާمُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ހަދީސްފުޅެއްގައި އައިސްފައިވާ ގޮތުން ހަރާމް އެއްޗެއް ކައިގެން އެމީހެއްގެ ގައިގައި ޖަހާ މަސްގަނޑު ނަރަކައަށް މާހައްގުކަން ބޮޑު ކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

ރިޝްވަތު ދޭ މީހުންނާއި އުފުލާ މީހުންނާއި ބަލައިގަންނަ މީހުން މާތް ﷲ އަށް ބިރުވެތިވުމަށް ގޮވާލައި ޚުތުބާގައި ބުނީ ތިމާ ކަށްވަޅުގައި އޮންނަންޖެހޭ ވަގުތު ހަނދާން ކުރަންޖެހޭ ކަމަށާއި، ރިޝްވަތު ވާނީ ކަށްވަޅު އަނދިރިކުރާ އެއްޗަކަށް ކަމަށެވެ. އަދި އީމާންކަމުގެ ނޫރު ނިއްވާލާ އެއްޗަކަށް ކަމަށާއި، މިފަދަ ކަންކަމުން ދުރުހެލިވާން ޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ޚުތުބާގައި ބުނީ ހަރާމް ގޮތުގައި ހޯދާފައިވާ ތަކެތިން ކައިބޮއެ އުޅުމާއި، އުނުފޭރާން ލުމަކީ އެމީހެއްގެ އަމަލުތައް މާތްﷲ ގަބޫލުނުކުރައްވާނެ ކަމެއް ކަމަށެވެ.

ރިޝްވަތަށް މަގުފަހިވާ ވަރަށް ގިނަ ސަބަބުތައް އިލްމުވެރިން ބަޔާންކުރައްވާފައިވާކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެއްކަމަކީ އެކަމުގައި ބައިވެރިވާ މީހުންގެ އީމާންކަން ނެތުން ކަމަށާއި، ރިޒުގު ދެއްވަނީ މާތްﷲކަން އެމީހުންނަށް ގަބޫލު ނުކުރެވުން ކަމަށެވެ. އަދި ދެވަނަ ކަމަކީ ތިމާއަށް ލިބޭ މިންވަރަށް ޝުކުރުވެރި ނުވުމާއި ތިމާއަށްވުރެ ތަނަވަސް މީހުން އުޅޭ ގޮތަށް އުޅޭ ހިތްވެ، މިންވަރަށް އިމާންނުވެވުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ އެންމެ ހަލާލު އެއްޗަކީ ހަލާލު މަސައްކަތް ކޮށްގެން އިންސާނާ އަމިއްލައަށް ހޯދާ އެއްޗެއް ކަމަށެވެ. އޭގައި ބަރަކާތްލެއްވިގެންވާ ކަމަށާއި، އޭގެ ސަބަބުން ތިމާއާއި ތިމާގެ ހަޔާތުގައި ބާއްޖަވެރިކަން ލެއްވިގެންވާ ކަމަށެވެ. އެހެންކަމުން ދުންޔަވީ ވަގުތީ ހިތްހަމަ ޖެހުމަށް ރިޝްވަތުގައި ހިފުމުގެ ބޭނުމެއް ނެތް ކަމަށާއި، އެކަމުން ދުރުވުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް