ކ. މާލެ
|
17 ސެޕްޓެންބަރ 2023 | އާދީއްތަ 13:13
ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު
ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު
ރީ-ރެޖިސްޓްރޭޝަން
މުއިއްޒު މޮޅުވުމުން އޭރު އީސީގެ ނުފޫޒެއް ނެތް، މިހާރު ރާގާއި ލަވަ ވެސް ބަދަލުވެއްޖެ
ވޯޓްލުމުގެ ހައްޤު ލިބި އެހެންނަމަވެސް ވޯޓްލާން ނުނިކުންނަ މީހުންގެ އަދަދަކީ 56،909 މީހުން

ކޮންމެ އިންތިޚާބަކާއި ދިމާކޮށް ވޯޓު އޮޅުވާލުމުގެ ވާހަކަ އާއި ފާހަގަ ވެއްޓޭ ވާހަކައަކީ އަބަދުވެސް އެއް ދިމާލަކުން އަންނަ ވާހަކަތަކެކެވެ. އެހެންނަމަވެސް މިފަހަރުގެ ރިޔާސީ އިންތިޚާބުގައި އެންމެންނަށް ވެސް ލިބިގެންދިޔަ ހައިރާންކަމަކީ މިކަހަލަ އެއްވެސް ވާހަކައެއްގެ އަޑު ނީވުމެވެ. އިދިކޮޅު ކެންޑިޑޭޓާއި އަދި ސަރުކާރުގެ ފަރާތުން ވެސް ވޯޓު އޮޅުވާލުމުގެ ވާހަކަތަކެއް ނުދައްކައެވެ. އިންތިޚާބުގެ ވޯޓުލުމުގެ ކަންތައްތައް ނިމިގެންދިޔައީ ވެސް މާބޮޑު ހަމަނުޖެހުމެއް ނެތި އަމާންއޮމާންކަމާއެކުގައެވެ. މިފަހަރުގެ އިންތިޚާބާ މެދު އިލެކެޝަންސް ކޮމިޝަނުން ބުނީ އެހެންނެވެ. އަދި މި އިންތިކާބު އޮބްޒާވްކުރުމަށް ޔޫރިއަޕިއަން ޔޫނިއަނުންނާއި ބޭރުގެ 100ށްވުރެން ގިނަ އޮބްޒާވަރުން ވެސް ބުނީ އެހެންނެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ރަސްމީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވާއިރު މިހާރު އެކޮމިޝަނުން ދަނީ ދެވަނަ ބުރު ބޭއްވުމަށް ތައްޔާރުވަމުންނެވެ. މި ތައްޔާރީތަކުގެ ތެރެއިން އަލުން ރީ-ރެޖިސްޓްރީ ވާން ބޭނުންވި މީހުންނަށް އެ ފުރުސަތު ވެސް ހުޅުވާލިއެވެ. މި މަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް ރީ ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުސަތުގައި ދެ ދުވަހުގެ ތެރޭގައި 25،000ށްވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން ބުނީ އާދިއްތަ ދުވަހުއެވެ. މިހެން ބުނިފަހުން މާގިނައިރުތަކެއް ނުވަނީސް އެކި ގޮތްގޮތަށް ވާހަކަތައް ފެތުރެން ފަށައިފިއެވެ. އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފައްދަވަން ފަށައިފިއެވެ. 25000ށްވުރެ ގިނަ މީހުން ރީ-ރެޖިސްޓަރ ކުރުމުން އެކަން އިދިކޮޅުގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ވެސް ހަޖަމުކުރަން ދަތިފުޅުވިއެވެ. މި ސަރުކާރުން ރިޔާސީ އިންތިހާބު "ވަގަށް" ނެގުމުގެ މަސައްކަތް ފަށައިފި ކަމަށާއި ރީރަޖިސްޓަރީ ކުރުމަށް ދެ ދުވަސް ތެރޭ 25،000ށްވުރެ ފޯމު ހުށަހަޅާފައިވަނީ އެ އޮޅުވާލުމުގެ ތެރެއިން ކަމަށް ޕީޕީއެމް/ޕީއެންސީ ހިންގުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވެސް ވަނީ ވިދާޅުވެފައެވެ.

މި ތުހުމަތުތަކާއި ގުޅިގެން ވޯޓުލީ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާން ރެޖިސްޓްރީވުމަށް ހުޅުވާލި ފުރުސަތުގައި 25،000ވުރެން ގިނަ ރީ-ރެޖިސްޓްރޭޝަން ފޯމު ހުށަހެޅި ނަމަވެސް އެ ޕްރޮސެސް ފުރިހަމަ ކުރަމުން ދަނީ، ފޯމުތަކުގެ ސައްހަކަށް ކަށަވަރުކޮށްފައި ކަމަށާއި މައްސަލައެއް ނޫޅޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބުރައީސް އިސްމާއިލް ހަބީބް ވަނީ މީޑިއާތަކަށް ވިދާޅުވެފައެވެ. އެ ކޮމިޝަނަށް ހުށަހެޅޭ ރީ-ރެޖިސްޓްރޭޝަން ފޯމުތައް ފުރިހަމަ ކުރަނީ އެ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް ފަހުގައި ކަމަށާއި އަދި، އެއަށް ފަހުގައި ވޯޓާސް ރެޖިސްޓްރީއަށް ޝަކުވާ ހުށަހަޅަން ވެސް ހުޅުވައިލާނެ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން އޮޅުވާލައިގެން އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ނޯންނާނެ ކަމަށާއި އިދިކޮޅުން ތުހުމަތު ކުރާ ފަދަ އެއްވެސް ކަމެއް ނުހިނގާނެކަން ފުރިހަމައަށް ކަށަވަރުވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އިދިކޮޅުން މިހެން ބުނި ނަމަވެސް ރިޔާސީ އިންތިޚާބުގެ ފުރުތަމަ ބުރުގެ ރަސްމީ ނަތީޖާއިން ވެސް، އިލެކްޝަންސް ކޮމިޝަންގެ މައްޗަށް މި ސަރުކާރުގެ ނުވަތަ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ނުފޫޒު ނެތްކަން ހާމަވެގެންދިޔައެވެ. އެ ކޮމިޝަންގެ މެންބަރުންނަށް "މަޖުބޫރު" ކޮށްފައެއް ނުވެއެވެ. މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ މާހައުލެއް ސަރުކާރުން ވަނީ އެ ކޮމިޝަނަށް ފޯރުކޮށްދީފައެވެ. އިދިކޮޅު މީހުންނަށް ހަމަތިބެފައި ކުއްލިއަކަށް "އިލެކްޝަންސް ކޮމިޝަން" ގޯސްވެގެން މިއުޅެނީ ކީއްވެގެންބާއޭ ހިތަށް އަރައެވެ. ހަމަ ކުއްލިއަކަށް މުޅި ކޮމިޝަން މަސައްކަތް ކުރާ ނިޒާމު ގޯސްވެއްޖެއެވެ. އެ މީހުން މިހާ ތެޅިގަނެގެން މިއުޅެނީ ކީއްވެބާއޭ ވެސް ހިތަށްއަރައެވެ. ނުކުމެ މިތިބީ މެޗަކަށް ކަމަށާއި މިމެޗުގެ ފުރަތަމަ ހާފު ނިމުނުނަމަވެސް އެއީ މުޅި މެޗް ނިމުން ނޫންކަމަށް ރައީސް ސާލިހު ވިދާޅުވުމުން، އެ މީހުން ތެޅިގަތް ތެޅިގަތުމެކޭ ވެސް ހިތަށް އަރައެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާތައް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރުމުން މި އެމީހުންނަކަށް އެ ކޮމިޝަން ގޯހެއް ނުވިއެވެ. ކޮމިޝަންގެ މެންބަރުންގެ ނަޒާހަތްތެރިކަމާމެދު ވެސް ސުވާލެއް ނުއުފައްދައެވެ. އޭއީ ފަހަރުގައި އިންތިޚާބުގެ ފުރުތަމަ ބުރުން އެންމެ ގިނަ ވޯޓު މުއިއްޒަށް ލިބުމުންކަން ވެސް ވެދާނެއެވެ. އޭރު އިލެކްޝަންސް ކޮމިޝަން ހަމައޯކޭއެވެ. އިދިކޮޅުން ވިސްނާލިޔަސް ސާފުވާން އެއްކަމެއް އެބައޮތެވެ. އެއީ މިފަހަރުގެ އިންތިޚާބުގައި ވޯޓްލާން ނުކުތް މީހުންގެ އަދަދު އިންތިހާއަށް މަދުކަމެވެ. ވޯޓްލުމުގެ ހައްޤު ލިބި އެހެންނަމަވެސް ވޯޓްލާން ނުނިކުންނަ މީހުންގެ އަދަދަކީ 56،909 މީހުންނެވެ. އަދި ދެވަނަ ބުރުގައި އަލަށް 408 މީހަކަށް ވޯޓްލުމުގެ ހައްޤު ލިބިފައިވެއެވެ. އެހެންކަމުން އިދިކޮޅުން އެ ދައްކާ ވާހަކައިގެ އެއްވެސް އޮށްޓަރެއް ނެތެވެ. އެހެންޏާވެސް ކަންތައްތައް ކުރާ އުސޫލުން މިފަހަރު ވެސް އިދިކޮޅުން މި ފެށީ އައު "ޕްރޮޕެގެންޑާއެއް" ފަތުރާށެވެ. ރައްޔިތުންގެ ހިތުގައި އިލެކްޝަންސް ކޮމިޝަނާމެދު ނަފްރަތު އުފެއްދާއި މި ސަރުކާރުގެ ބޮލުގައި ދޮގު ތުހުމަތުތައް އަޅުވާ، ސަރުކާރާމެދު ރައްޔިތުންގެ ހިތުގައި ނަފްރަތު އުފެއްދުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް