ކ. މާލެ
|
10 ސެޕްޓެންބަރ 2023 | އާދީއްތަ 16:15
ޖީ-20 ސަމިޓަށް ދިއްލީ ސާފު ކުރުން
ޖީ-20 ސަމިޓަށް ދިއްލީ ސާފު ކުރުން
ރޮއިޓާސް
ޖީ-20 ސަމިޓް
ޖީ-20 ސަމިޓަށް ދިއްލީ "ސާފު ކުރަން" އޮތް ގޮތަކީ ފަޤީރުން މަގުމަތިކޮށްލުންބާ؟
ދިއްލީގެ ޖިފުޓިތަކުގައި ދިރިއުޅެމުން ދިޔަ ބައެއް މީހުން ވަނީ މައްސަލަ ހިފައިގެން، ދިއްލީގެ ހައިކޯޓަށްވެސް ގޮސްފައި
ގެތަށް ބިމާހަމަކުރުމުގެ މަސައްކަތް ފެށީ މީގެ 4 މަސްދުވަސް ކުރިން

އިޤްތިޞާދީ ގޮތުން އެންމެ ކުރިއަރާފައި ވާ 20 ޤައުމުގެ އިއްތިހާދު (ޖީ-20)ގެ ބައްދަލުވުމެއް އެމީހުން ދިރިއުޅޭ ސިޓީގައި ކުރިއަށް ގެންދަން ހަމަޖެހުނު ޚަބަރާއެކު، އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ފަޤީރު އަވަށްގަނޑެއްގެ ރަށްވެހިންނަށް ކުރެވެން ފެށީ އިންތިހާ އުފާވެރި އިޙުސާސްތަކެކެވެ. ޖަންތާ ކޭމްޕުގެ ޖިފުޓިތަކާ އެންމެ 500 އެއްހާ މީޓަރު ދުރުގައި ސަމިޓް ކުރިއަށް ގެންދިއުމަކީ އެމީހުންގެ ދިރިއުޅުމަށް އެތައް ފައިދާތަކެއް ކުރާނެ ކަމުގެ ފޮނި ޢުއްމީދުތައް ކުރަން ފެށިއެވެ.

ނަމަވެސް، ކަން ވެގެން ދިޔައީ އެއާ ޚިލާފަށެވެ. އުޖާލާ މުސްތަޤުބަލަކަށް ދެކެމުން ދިޔަ ފޮނި ހުވަފެންތައް ވިއްސިވިހާލިވީއެވެ. ޖިފުޓިގަނޑުންވެސް ނުކުންނަން މަޖުބޫރުވެ، މަގުމަތިވީއެވެ.

ދަރުމެންދްރާ ކުމާރާއި ޚުޝްބޫ ދޭވީއާއި އެ ދެމަފިރިންގެ 3 ދަރިންނަކީ، މިދިޔަ މަސްތަކުގެ ތެރޭގައި ދިއްލީއިން ބިމާ ހަމަކޮށްލި ގެތަކުން ނުކުތް އެތައް ބައެއްގެ ތެރޭގައި ހިމެނޭ ޢާއިލާއެކެވެ. ދަރުމެންދްރާއާއި ޚުޝްބޫއަކީވެސް މިއަދު ދެ އެކްޓިވިސްޓުންނެވެ. އެ ދެމަފިރިން ބުނި ގޮތުގައި، އެ މީހުން ގެތަކުން ނެރެ އެއްލާލީ، ސެޕްޓެމްބަރު 9 އިން 10 އަށް ކުރިއަށް ގެންދަން ތާވަލު ކޮށްފައި އޮތް ސަމިޓަށް ދިއްލީ "ޒީނަތްތެރި" ކުރުމުގެ ގޮތުންނެވެ.

އާންމުން ދިރިއުޅެމުން ދިޔަ ގެތައް ބިމާ ހަމަ ކުރުމުގެ މަސައްކަތް ކުރަމުން ދަނީ ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ ސަރުކާރުންނެވެ. ދަރުމެންދްރާގެ ދެމަފިރިން ފަދަ ރައްޔިތުންގެ ވާހަކަތައް، މޯދީ ސަރުކާރުން އޮފިޝަލުން ދޮގު ކުރައްވައެވެ. ސަރުކާރުގެ ދިފާޢުގައި އޮފިޝަލުން ވިދާޅުވަމުން ދަނީ އެ ގެތަކަކީ ސަރުކާރުގެ ބިމުގައި ޤާނޫނާ ޚިލާފަށް އަޅާފައި ވާ ގެތަކެއް ކަމަށާ، އެފަދަ ތަންތަން ނައްތާލުމަށް ހިންގަމުން ދަނީ "ދާއިމީ ހަރަކާތެއް" ކަމަށެވެ.

ދިއްލީގެ ޖިފުޓިތަކުގައި ދިރިއުޅެމުން ދިޔަ ބައެއް މީހުން ވަނީ މައްސަލަ ހިފައިގެން، ދިއްލީގެ ހައިކޯޓަށްވެސް ގޮސްފައެވެ. ބޭނުމަކަށް ވީ އެމީހުންގެ ބޯހިޔާވަހިކަމުން ބޭރަށް ނެރެ އެއްލާ ނުލާނެ ގޮތެއް ހެދުމެވެ. ނަމަވެސް ހައި ކޯޓުންވެސް ޙުކުމް ކުރީ އެމީހުންނާ ދެކޮޅަށެވެ. ވަޒަންވެރިވެގެން އުޅެމުން ދަނީ ޣައިރު ޤާނޫނީ ގޮތެއްގައި ކަމަށެވެ. އޭގެ ފަހުން ސިޓީގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ މެއި 31 ގެ ނިޔަލަށް ގެތަކުން ނުކުތުމަށް މުހުލަތު ދީފައެވެ.

ޖަންތާ ކޭމްޕް ފަދަ ފަޤީރު އަވަށްގަނޑުތަކުގައި އަޅާފައި ހުރި ގެތަކަކީ އެތައް އަހަރެއްގެ ބުރަ މަސައްކަތުން ބަޔަކު ކޮޅަށް ޖަހާފައި ވާ ހިޔާތަކެކެވެ. އެ ޖިފުޓިތަކުގައި ދިރިއުޅެމުން ދާ މީހުންނަކީ ކައިރި ހިސާބުތަކުގައި މަސައްކަތްކޮށްގެން ދިރިއުޅުމެން ދާ ބައެކެވެ. އެ ކުދިކުދި ޖިފުޓިތަކުގައި އެމީހުން ދިރިއުޅެމުންދާތާ މިހާރު އެތައް އަހަރެއްވެސްވެއްޖެއެވެ.

އަހަރަމެން މިތާ އުޅޭތާ 25 އަކަށް 30 އަހަރު ވެދާނެ. ދެން އަހަރަމެން ވަކި ދާނީ ކޮންތާކަށް، ކުއްލިއަކަށް އަހަރަމެންގެ ގެތަށް ބިމާހަމަކޮށްލީމަ؟ އަހަރަމެން އަތަކު އެއްވެސް ވަޞީލަތެއް ނެތް. ނޫނީ ދިރިއުޅޭނެ އެހެން އެއްވެސް ތަނެއް އޮތީކީ ނޫން. ގެދޮރު ގެއްލި، މަގުމަތިވީ. ހިތަށް އަރާ، ކަމާ ބެހޭ ފަރާތްތަކަށް ބަލިމަޑުކަމެއް ޖެހި މަރުވެދާނެނަމައޭ. ފަޤީރުންނަށް އިހާނެތިކޮށް ހިތުމުގެ ނަތީޖާ މާ ރަނގަޅެއް ނުވާނެ.
ޚުޝްބޫ ދޭވީ؛ ދިއްލީގެ ފަޤީރު އަވަށެއްގެ ރަށްވެއްސެއް

ގެތަށް ބިމާހަމަކުރުމުގެ މަސައްކަތް ފެށީ މީގެ 4 މަސްދުވަސް ކުރިންނެވެ. މެއި މަހުގެ ހޫނުގަދަ ދުވަސްތަކުން ދުވަހެއްގެ ހެނދުނެއްގެ ވަޤުތު، ޖަންތާ ކޭމްޕުގެ ރަށްވެހިންނަށް "މަރުޙަބާ ކީ" ބުލްޑޯޒަރުތަކުންނެވެ. ޓިނުން ހަދާފައި ވާ ވަޤުތީ ހިޔާތައް ބިމާހަމަ ކުރަމުން ދިޔަ މަންޒަރުތަކުގެ ވީޑިއޯވެސް ވަނީ އާންމު ވެފައެވެ. އަމިއްލަ ގެދޮރު ކަމަށް ދެކިގެން އެތަންތަނުގައި ދިރިއުޅެމުން ދިޔަ މީހުން، ފެންކަޅިވެފައި އެ މަންޒަރު ބަލަން ތިބި ތަންވެސް އެ ވީޑީއޯއިން ފެނެއެވެ.

ކަމާބެހޭ ފަރާތްތަކުން އަހަރަމެންނަށް އެންގީ ޖީ-20 ސަމިޓަށް، ގެތަށް ހުސް ކުރަން. އެމީހުން އެ ސަރަޙައްދު ސާފު ކުރަން ޖެހޭތީއޯ. ސާފު ކުރަން ޖެހެންޏާ، އޭގެ މާނައަކީ ފަޤީރުން ނެރެ އެއްލާލުމެއް ނޫންދޯ. ފަޤީރުންނަކީ އެހާ ހަޑި ބަޔަކަށް ވަންޏާ، ރީތިކޮށްލަން ކުރެވިދާނެ ކަންތައްތައްވެސް އެބަހުރި. ފަޤީރުން ނުފެންނާނެހެން ފަރުދާއެއް ދަމާލާ، ނޫނީ ބިއްގަނޑެއްވެސް ޖަހާލެވުނީސްދޯ.
ޚުޝްބޫ ދޭވީ؛ ދިއްލީގެ ފަޤީރު އަވަށެއްގެ ރަށްވެއްސެއް

އަތުގައި ހުރިއްޔާ ހުރި މުދާކޮޅެއް މަގުގެ އެއް ފަރާތުގައި ބަހައްޓައިގެން އިން ދޭވީ، ދެން ދާނެ ތަނެއް އޭނާއަކަށް ނޭނގެއެވެ. ދޭވީގެ ފިރިމީހާ އަކީ ޕްރަގަތީ މައިދާނުގައި ކްލަރކްއެއްގެ ވަޒީފާގައި އުޅޭ މީހެކެވެ. އެއީ ޖީ-20ގެ ސަމިޓް ކުރިއަށްދާ މާލަންވެސްމެއެވެ.

20 އަކަށް މިލިއަން މީހުންގެ އާބާދީއެއް އޮތް ދިއްލީގައި ގިނަ ބަޔަކު ވަޒަންވެރިގެން އުޅެނީ އެއްވެސް ރޭވުންތެރިކަމެއް ނެތް ގޮތަކަށް އަޅާފައި ވާ ގެތަކެއްގައެވެ. އަހަރުތައް ފާއިތުވަމުން ދިޔަ ވަރަކަށް ތޮއްޖެހި ފިތި ބާރުވަމުންނެވެ. މި އަހަރުގެ އޭޕްރިލް 1 ވަނަ ދުވަހާއި ޖުލައި 27 ވަނަ ދުވަހާ ދެމެދު އެކަނިވެސް ދިއްލީގައި ގެތައް ބިމާހަމަކުރުމުގެ 49 މަޝްރޫޢެއް ކުރިއަށް ގެންގޮސް، 229 އޭކަރުގެ ބިން، ސަރުކާރަށް 'އަލުން' ނަގާފައިވެއެވެ.

ޖީ-20 ސަމިޓާ ދިމާކޮށް، އާންމު ރަށްވެހިން ކުރަމުން ދިޔައީ ފޮނި ޢުއްމީދެކެވެ. ފަޤީރުންނަށް ކޮންމެވެސް ވަރެއްގެ އެހީއެއް ދިއްކޮށްލާނެ ވެރިންތަކެއް ވަޑައިގަންނަވާނެ ކަމުގެ ފޮނި ޢުއްމީދުގައި ހުރި މުޙައްމަދު ޝަމީމްގެގެވެސް ބިމާ ހަމަކޮށްލީއެވެ.

އަހަރެން ހީކޮށްގެން ހުރީ ޖީ-20ގެ ލީޑަރުން އިންޑިއާއަށް އައިސް، ފަޤީރުންނަށް ކޮންމެވެސް އެއްޗެއް ދިއްކޮށްލާނެ ކަމަށް. އެކަމަކު، ކަންވެގެން މިދިޔައީ ދިމާ އިދިކޮޅަށް. އެވެރިން މިތަނަށް އަރާ، އަހަރަމެންގެ މަހާނަމަތީ ތިބެ ކާލައިގެން ދާނީ. އަހަރަމެން ފޮރުވަން ބޭނުންވަންޏާ، ފަރުދާއެއް ދަމާލާފަ، ރީތި މާގަސްކޮޅެއް އިންދާލީމަ އެ ނިމުނީއެއްނޫންތަ؟
މުޙައްމަދު ޝަމީމް؛ ދިއްލީގެ ފަޤީރު އަވަށެއްގެ ރަށްވެއްސެއް

އެތައް އަހަރެއް ވަންދެން ދިރިއުޅެމުން ދިޔަ ގެ، އަމިއްލަ ލޯ ކުރިމަތީގައި ސުންނާފަތިކޮށްލި މަންޒަރު ބެލުމަށްފަހު ދޭވީގެ ޢާއިލާއިން ވީލްބަރޯއަކަށް މުދާކޮޅު އަޅައިގެން މިޞްރާބު ޖެހީ 10 ކިލޯމީޓަރު ދުރުން ލިބުނު އެންމެ ކޮޓަރިގަނޑަކަށެވެ. ތޮއްޖެހިފައި އޮތް އެ ސަރަޙައްދުން ލިބުނު އެ ކޮޓަރީގެ ކުއްޔަކީ މަހަކު 2500 ރުޕީޒްއެވެ. ނަމަވެސް، މިދިޔަ މަހު އެ ޢާއިލާއިން އަނެއްކާވެސް ޖަންތާ ކޭމްޕުގައި، ސަރުކާރުން އަތް ނުލާ އޮތް ސަރަޙައްދަކަށް ބަދަލުވިއެވެ. ހަމަ އެންމެ ކޮޓަރިއަކަށެވެ. 3500 ރުޕީޒްގެ ބޮޑު ކުއްޔަކަށެވެ. އެކަން އެގޮތަށް ކުރީ ދަރިންގެ ޙައްޤުގައެވެ. ހެޔޮ އަގެއްގައި ކުރިން ބަދަލުވި ކޮޓަރިން، ސްކޫލަށް ދިއުމަށް ދަރިންނަށް ދަތިވާތީއެވެ.

 ޖީ-20 ސަމިޓްއާ ދިމާކޮށް، 200 އަށް ވުރެ ގިނަ ބައްދަލުވުން، އިންޑިއާގެ 50 އަކަށް ސިޓީގައި ކުރިއަށް ގެންދިއުމަށް ވަނީ ތާވަލުކޮށްފައެވެ. ވަޒީރުންނާއި އޮފިޝަލުންނާއި މަދަނީ ޖަމިއްޔާތަކުން ބައިވެރިވާ އެ ބައްދަލުވުންތަކަކީ ޖީ-20ގެ މައި ސަމިޓަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ ބައްދަލުވުންތަކެކެވެ.

އަހަރު ދުވަހަށް ދެމިގެންދާ ޖީ-20ގެ ރިޔާސަތާ އިންޑިއާއިން ހަވާލުވީ 2022 ވަނަ އަހަރުއެވެ. އޭގެ ކުރިން ރިޔާސަތު ބެލެހެއްޓީ އިންޑޮނޭޝިއާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް