Advertisement
ކ. މާލެ
|
9 ސެޕްޓެންބަރ 2023 | ހޮނިހިރު 14:19
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވާހަކަދައްކަވަނީ
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ރައްޔިތުންގެ ނިންމުމަށް އިހުތިރާމްކުރުން
ރައްޔިތުންގެ ނިންމުމަށް އިހުތިރާމްކޮށް، ގައުމާއެކު ކުރިއަށްދާންޖެހޭ: ނައިބު ރައީސް
މުޅި ރާއްޖޭގައި ވޯޓުލުމުގެ މަސައްކަތްތައް ކުރިއަށްދަނީ ވަރަށް އަމާންކަމާއެކު
ކޮންމެ ގޮތަކަށް ނަތީޖާ ލިބުނު ނަމަވެސް ގައުމު ނުހުއްޓޭނެ
ކުރިމަގު ފެންނަނީ ވަރަށް އުޖާލާކޮށް

ދިވެހި ރައްޔިތުން ނިންމާ ނިންމުމަށް ހުރިހާ ފަރާތްތަކުން އިހުތިރާމްކުރަންޖެހޭ ކަމަށާއި، ގައުމާއެކު ކުރިއަށްދާންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ހެނދުނު ޖަމާލުއްދީން ސްކޫލަށް ވަޑައިގަންނަވާ ވޯޓުލެއްވުމަށްފަހު މީޑީއާތަކަށް މައުލޫމާތު ދެއްވަމުން ނައިބު ރައީސް ވިދާޅުވީ އިންތިޚާބުތަކަކީ ހުރިހާ ރައްޔިތުންނާއި ގުޅިފައި އޮންނަ ކަމެއް ކަމަށާއި، މުޅި ގައުމުގެ ކުރިއެރުމާއި، ރައްޔިތުންގެ އުންމީދާއި ކުރިމަގާއި ގުޅިފައިވާ ކަމެއް ކަމަށެވެ. އަދި ވޯޓު ލުމަކީ ފަރުދީ ޒިންމާއެއް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

Advertisement

ރިޔާސީ އިންތިޚާބު ކުރިއަށްދާ ގޮތަށް އިޝާރާތް ކުރައްވައި ނައިބު ރައީސް ވިދާޅުވީ މުޅި ރާއްޖޭގައި ވޯޓުލުމުގެ މަސައްކަތްތައް ކުރިއަށްދަނީ ވަރަށް އަމާންކަމާއި، ހަމަހިމޭންކަމާއެކު ކަމަށެވެ.

އަޅުގަނޑަށް މިފެންނަނީ ވަރަށް ހަމަޖެހުމާއެކު މުޅި ރާއްޖޭގައި އިރާދަކުރެއްވިއްޔާ ވަރަށް ހަމަޖެހުމާއެކު ހަމަހިމޭން ކަމާއެކު ވަރަށް ސްމޫތުކޮށް ވޯޓުލުމުގެ ކަންތައްތައް ކުރިއަށްދާ މަންޒަރު. އަޅުގަނޑުމެންގެ އުންމީދަކީ ވެސް މިއީ. އަޅުގަނޑުމެންނަށް މިގޮތަށް އައު ގާނޫނު އަސަސީއަށްފަހު ދެތިންފަހަރު އިންތިޚާބު ބޭއްވިއްޖެ. އަޅުގަނޑުމެން ވަރަށް ގިނަ ކަންތައްތަކަށް ފަރިތަވެއްޖެ މިހާރު. އެހެންވީމަ އެގޮތަށް އެކުވެރިކަމާއެކު ކިތަންމެ ވާދަވެރިކަމެއް އޮތަސް މިއީ އެންމެ ގިނަ ކެންޑިޑޭޓުން ބައިވެރިވި އިންތިޚާބު.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް

ރައްޔިތުންގެ ނިންމުން ގަބޫލުކުރަންޖެހޭކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ މިރޭ ނަތީޖާ އެނގިގެންދާނެ ކަމަށާއި، ދިވެހި ރައްޔިތުންގެ ނިންމުމަށް ހުރިހާ ފަރާތްތަކުން އިހުތިރާމް ކުރަންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ކޮންމެ ގޮތަކަށް ނަތީޖާ ލިބުނު ނަމަވެސް ގައުމު ނުހުއްޓޭނެ ކަމަށާއި، ކުރިމަގު ފެންނަނީ އުޖާލާކޮށް ކަމަށެވެ. މަސައްކަތް ކުރާނީ ތަރައްގީއާއެކު ކުރިއެރުމަށް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް