ކ. މާލެ
|
8 ސެޕްޓެންބަރ 2023 | ހުކުރު 07:30
އައްޑޫ ސިޓީގައި ބޭއްވި އުފާވެރި އަމާން ރާއްޖެ ކެމްޕޭން ޖަލްސާގައި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވާހަކަފުޅުދައްކަވަނީ
އައްޑޫ ސިޓީގައި ބޭއްވި އުފާވެރި އަމާން ރާއްޖެ ކެމްޕޭން ޖަލްސާގައި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވާހަކަފުޅުދައްކަވަނީ
އެމްޑީޕީ
އުފާވެރިއަމާން ރާއްޖެ- އުފާވެރި އައްޑޫ
ރައްޔިތުން ބޭނުންވަނީ ސުލްހަ ގެނެސްދޭނެ ފަލްސަފާއެއް، އެ ފަލްސަފާ އޮތީ އެމްޑީޕީގައި: ނިޒާރު
ކޮންމެ ރައްޔިތަކަށް ލިބެންޖެހޭ ހައްގުތައް ހަމަހަމަކަމާއެކު ކަށަވަރުކޮށްދިނީ މި ސަރުކާރުން
ވާދަވެރިން ގޮވާލަނީ ހަނގުރާމައަށް، މާޔޫސްކަމުގައި ދެއްކޭ ނުދެއްކޭ ވާހަކަތައް އެމީހުންނަށް ނޭންގޭ
އައްޑޫ ސިޓީއަށް ވެސް ބޮޑު އިންގިލާބީ ބަދަލެއް ގެނެސްދީފައިވޭ

ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ ސުލްހަ ގެނެސްދޭނެ ފަލްސަފާއެއް ކަމަށާއި، އެ ފަލްސަފާ އޮތީ އެމްޑީޕީގެ ފިކުރުގައި ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ އައްޑޫ ސިޓީގައި ބޭއްވި އުފާވެރި އަމާން ރާއްޖެ ޖަލްސާގައި ނިޒާރު ވިދާޅުވީ ހަމަހަމަ ޖަޒީރާވަންތަ ފަލްސާފާއެއް އޮތީ އެމްޑީޕީގައި ކަމަށާއި، އެ ސިޔާސަތުތަކާއެކު ވެރިކަން މިހާތަނަށް އެންމެ ރަނގަޅަށް ކުރެއްވީ އެމްޑީޕީގެ ސަރުކާރެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ކަމަށެވެ. މި ރާއްޖޭގެ ރައްޔިތުން ބޭނުންވާ ސުލްހައާއި ކޮންމެ ރައްޔިތަކަށް ލިބެންޖެހޭ ހައްގުތައް ހަމަހަމަކަމާއެކު ކަށަވަރުކޮށްދިނީ މި ސަރުކާރުން ކަމަށް ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ ކުޑަރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި މުޅި ރާއްޖެއަށް މި ސަރުކާރުން ތަރައްޤީ ގެނެސްދެމުންދާ ކަމަށާއި، އައްޑޫ ސިޓީއަށް ވެސް ބޮޑު އިންޤިލާބީ ބަދަލެއް ގެނެސްދީފައިވާ ކަމަށެވެ. އައްޑޫއަށް ބަލާލުމުން އެކަން ކޮންމެ ރައްޔިތަކަށް ފެންނަކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީ އެ ފަލްސަފާއެއްގައި ދެމިއޮތް އެންމެން ހަމަހަމަކޮށް ޖަޒީރާވަންތަ ރާއްޖެއެއް މިރާއްޖޭގައި އެބައޮތް ކަމާއި، އަދި މުޅި ޖަޒީރާތަކާއި، މިހުރިހާ ޖަޒީރާތަކަށް ހަމަހަމަ ސިޔާސަތުތަކެއް އޮންނަން ޖެހޭނެކަން އަޅުގަނޑުމެންނަށް ގަބޫލުކުރެވި އެ ސިޔާސަތުތައް އެންމެ ރަނގަޅަށް މި ރާއްޖޭގައި ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ތަންފީޒު ކުރެއްވި ރައީސް އަކީ ރައީސް އިބްރާހީމް މުހައްމަދު ސާލިހު. ކުޑަރަށެއް ބޮޑު ރަށެއް ބެއްލެވުމެއްނެތި ގެންނެވި ތަރައްޤީ. މި ރާއްޖޭގެ ރައްޔިތުން އެކަމަކަށް އެދި އޮތް ސުލްހަ އަދި ހަމައެއާއެކު ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ކަށަވަރުކުރާ ހައްގުތައް ހަމަހަމަކަމާއެކު ރައްޔިތުންނަށް ގެނެސްދެއްވީތީ. މި އައްޑޫ ސިޓީއަކަށް އެކަނި ބަލާލިއަސް މިދެންނެވި ކަންކަން އަޅުގަނޑުމެންނަށް ފެނިގެންދޭ. ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ މި ސިޔާސަތު.
އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު

2013 އިން 2018ގެ ވެރިކަމަށް އިޝާރާތް ކުރައްވައި ނިޒާރު ވިދާޅުވީ އެ ވެރިކަމުގައި ރައްޔިތުންނަށް ސުލްހަމަސަލަަސްކަމާއެކު ދިރިއުޅެވެން ނެތް ކަމަށެވެ. އެހެންކަމުން މިއަދު ރައްޔިތުންނަށް ދެ ދައުރުގެ ވެރިކަން ތަޖުރިބާކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ މިއަދުވެސް ވާދަވެރިން ގޮވާލަނީ ހަނގުރާމައަށް ކަމަށާއި މާޔޫސްކަމުގައި ދެއްކޭ ނުދެއްކޭ ވާހަކަތައް އެމީހުންނަށް ނޭންގޭ ކަމަށެވެ. ނިޒާރު ވިދާޅުވީ މަދަނީ ފިކުރާއި ދީނީ ފިކުރުގައި ވާހަކަތައް ދައްކަން ޖެހޭ ކަމަށާއި އެ ފިކުރު ހުންނަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގައި މިއޮތް އިސްލާމް ދީން ވެސް ދަމަހައްޓަންޖެހޭ ކަމަށެވެ. ނަމަވެސް ހަރުކަށިކަމާއި އަނިޔާވެރިކަން ރައްޔިތުން ބޭނުންނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ނިޒާރު ވިދާޅުވީ ނިންމަންޖެހޭ ނިންމުންތައް ނިންމަންޖެހޭނީ ހެޔޮވިސްނުމާއެކު ކަމަށެވެ. އިތުރު ޗޮއިސްއެއް ރައްޔިތުންނަށް ނެތް ކަމަށާއި ރައްޔިތުން ސުލްހަ ގެނެސްދޭނެ ފަލްސަފާއަށް ޖާގަދީ، ރައީސް ސާލިހަށް ދެވަނަ ދައުރެއް ހޯދައިދިނުމަށް ވޯޓު ދެއްވުމަށް މި ޖަލްސާގައި ނިޒާރު ގޮވާލެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް