ކ. މާލެ
|
12 ޖެނުއަރީ 2025 | އާދީއްތަ 19:10
ރާއްޖެއެމްވީ
އައްޑޫގެ ކަރަންޓުގެ މައްސަލަ
އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑެމުންދާތާ މަހެއް، ރޯދަ މަހުގެކުރިން ހައްލެއް ނުވާނެ - ނިޒާރު
ކަރަންޓުގެ މައްސަލަ އަށް ހައްލު ނާންނަނީ މިދިޔަ ސަރުކާރުން އެ މައްސަލަ ހައްލުކުރުމަށް ކުރި މަސައްކަތްތައް ބޮލާލާ ޖަހާފައިވާތީ ކަމަށް ނިޒާރު ވިދާޅުވި
އައްޑޫ އިން ކަރަންޓު ކެނޑުމުގެ މައްސަލަ އިންތިހާ އަށް ބޮޑަށް ދިމާވެފައިވާ ކަމަށް އޭނާ ވިދާޅުވި

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑެމުންދާތާ މަހެއްހާ ދުވަސް ވެފައިވާ ކަމަށާއި އެކަމަށް ހައްލެއް ނުހޯދި ރައްޔިތުން ތިބީ މާޔޫސްވެފައި ކަމަށް އައްޑޫގެ މޭޔަރ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ އައްޑޫ ސިޓީގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަ އާއި މެދު ރާއްޖެޓީވީގެ 60 މިނިޓަށް މައުލޫމާތުދެއްވަމުންނެވެ.

އައްޑޫ އިން ކަރަންޓު ކެނޑުމުގެ މައްސަލަ އިންތިހާ އަށް ބޮޑަށް ދިމާވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ހޮނިހިރު ދުވަހުގެ ރޭ ވެސް 08:00ގެ ކުރިން އައްޑޫއިން ކަރަންޓު ކެނޑިފައިވާ ކަމަށާއި އޭރު އޭނާ ރަސްމީ އިވެންޓަކަށް ދާން ތައްޔާރުވަނީ ކަމަށް ނިޒާރު ވިދާޅުވިއެވެ. އެފަދަ އެތައް ތަކުލީފުތަކެއް ކަރަންޓު ކެނޑުމުގެ ސަބަބުން އާއްމުންނަށް ދިމާވާ ކަމަށް ނިޒާރު ވަނީ ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް އެކަމާއި މެދު ސީރިއަސްކަމެއް ދީގެން ސަރުކާރުން މަސައްކަތްކުރާތަން ނުފެންނަ ކަމަށް ނިޒާރު ވަނީ ވިދާޅުވެފައެވެ. އެ މައްސަލަ ހައްލުކުރުމަށް ސަރުކާރާއި އެކު ކެނޑިނޭޅި ވާހަަކަ ދެއްކި ނަމަވެސް އެ ކަމަށް ކުރިއެރުމެއް ނުލިބޭ ކަމަށް ނިޒާރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރޯދަ މަހުގެ ކުރިން މި މައްސަލަ ހައްލުވާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް އެކަން އެގޮތަށް ވެދާނެ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށެވެ. އައްޑޫގެ ގުޅިފައިވާ ރަށްތަކަށް އެކަށީގެންވާ ގޮތެއްގައި ކަރަންޓު ނުދެވި މެނޭޖްކުރުމަށް އެކި ސަރަހައްދުތަކުން ދެ ގަޑި އެއްްހާ އިރަށް ކަރަންޓު ކަނޑަމުންދާތާ ވެސް މަހެއްހާ ދުވަސް ވެފައިވާ ކަމަށް ނިޒާރު ވިދާޅުވިއެވެ. އައްޑޫގެ ކަރަންޓުގެ މައްސަލަ އަށް ހައްލު ނާންނަނީ މިދިޔަ ސަރުކާރުން އެ މައްސަލަ ހައްލުކުރުމަށް ކުރި މަސައްކަތްތައް ބޮލާލާ ޖަހާފައިވާތީ ކަމަށް ނިޒާރު ވިދާޅުވިއެވެ. ނިޒާރު ވަނީ އައްޑޫ އާއި އެކަށީގެންވާ މިންވަރަށް ކެޕޭސިޓީ އައްޑޫގައި ނެތް ކަމަށް ވެސް ވިދާޅުވެފައެވެ. ނިމިިިދިޔަ ހަފްތާގައި ވެސް ފެނަކައިގެ ވެރިންނާއި މި މައްސަލަ އާއި މެދު ވާހަކަ ދެއްކި ކަމަށާއި އެކަށީގެންވާ ޖަވާބެއް ނުލިބޭ ކަމަށް ނިޒާރު ވިދާޅުވިއެވެ. ނިޒާރު ވިދާޅުވީ ފެނަކަ އޮތީ ބަނގުރޫޓްވެފައި ކަމަށާއި، ބަނގުރޫޓުވެފައިވާ ކުންފުންޏަކަށް އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކޮށް ނުދެވޭނެ ކަމަށެވެ.

ތައްޔާރުވާން ރެޑީވަނިކޮށް ކަރަންޓުދިޔައީ. ކަރަންޓު ނެތި މި ތައްޔާރުވާން ޖެހެނީ. މިދިޔަ ސަރުކާރުން މައްސަލަ ހައްލުކުރުމަށް ވަރަށް ބޮޑު ޚަރަދުތަކެއް ވެސް ކުރި. އެ ކަން ހުއްޓާލާފަ އޮތީ ސަރުކާރު ބަދަލުވެފަ. ޗައިނާ ބަޔަކާއި މިކަން ހަވާލުކުރަން ސޮއިކުރި ކަން އެނގޭ. އެކަމުގެ ވެސް ހިލަމެއް ނުވޭ. މިކަން ފެށޭނެ ދުވަހެއް ނޭނގޭ. ރޯދައިގަ މި ތަކުލީފުގަ އުޅެން ޖެހުން އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް. މިކަން ހިނގާ ގޮތް ބޮޑު ކަމުން ރައްޔިތުން ހޭނިފަ ތިބީ. އެހެންވެ މާ ބޮޑަށް ސޯޝަލް މީޑިއާ އިން މި ވާހަކަ ނުފެންނަނީ. ކޮންމެހެން މައްސަލަ ހައްލުވީކީ ނޫން. ހަފްތާއެއް ވެއްޖެ މެދު ނުކެނޑި ކަރަންޓު ކަނޑާތަން. އެތައް ގެއްލުމެއް އެބަވޭ. އެތައް ސާމާނެއް ހަލާކުވޭ އެބަ. ކެތްތެރިވުން ނޫން ގޮތެއް ނެތް މިހާރު އާއްމުންނަށް. އެންމެ ގިނައިން ޓެކްސް ދައްކާ އެއްތަން މިއީ. މި ހާލުގަ އުޅޭކަށް ނުޖެހޭ. މި ހާލުގަ ކިތައް މީހުން އުޅޭނެތޯ؟
އައްޑޫގެ މޭޔަރ އަލީ ނިޒާރު

ނިޒާރު މިފަދައިން ވިދާޅުވެފައިވާ އިރު، މިދިޔަ އޮކްޓޯބަރ މަހު އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވަނީ އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ސެންޓްރަލް ޕަވަރ ސްޓޭޝަން ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ވަޒީރު ވަނީ އެ ސިޓީގެ ސެންޓްރަލް ޕަވަރ ހައުސްގައި މިހާރު ޚިދުމަތް ދެވެނީ 12.1 މެގަވޮޓްގެ ކެޕޭސިޓީގައި ކަމަށް ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް ޕީކް ޑިމާންޑް މިހާރުވެސް ހުރީ 12.2 މެގަވޮޓްގައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން މި ވަގުތު ވެސް އައްޑޫގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް 13 ޖަނަރޭޓަރު ބޭނުންކުރަމުންދާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވި ގޮތުގައި އެ ޖެނެރޭޓަރުތަކުގެ ތެރެއިން ދެ ޖަނަރޭޓަރުގެ އޯވަރ ހޯލް ކުރުމުގެ ޕްރޮކިއުމެންޓްގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި އެ މަސައްކަތް އަވަސްކުރާނެ ކަމަށް ވެސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މި މައްސަލަ ހައްލުކުރުމަށް 1.2 މެގަވޮޓްގެ ޖަނަރޭޓަރެއް ގަތުމަކީ ވެސް އެ މައްސަލަ ހައްލުކުރަން ކުރާ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން 32 މެގަވޮޓްގެ ސެންޓްރަލް ޕަވަރ ސްޓޭޝަންގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ފެނަކައިން މީގެ ކުރިން ވަނީ ބުނެފައެވެ. އެކަން ފްލޭންކޮށްގެން ޓެންޑަރ ކޮށް ބަޔަކާ ހަވާލުކޮށްފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެކަމަށްޓަކާ ވަރަށް ބޮޑު ހަރަދެއް ހިނގާތީ ފައިނޭންސް މަސައްކަތް ކުރުމުގެ ކަންކަން ހަމަޖައްސަމުންދާ ކަމަށާ އައްޑޫ ސިޓީގައި ސޯލާ ޕެނަލް ޖެހުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

- ކޮމެންޓް