ކ. މާލެ
|
22 އޯގަސްޓް 2023 | އަންގާރަ 15:06
ރައީސް ޞާލިހު
ރައީސް ޞާލިހު
އުފާވެެރި އަމާން ރާއްޖެ ކެމްޕެއިން
ކުރީ ސަރުކާރުން ދައުލަތަށް ލިބުނު އެއްޗެއްވިއްޔާ އެ ޚަރަދު ކުރީ ރައްޔިތުން ޖަލުގައި ބައިތިއްބަން - ރައީސް
ކަމަދޫގައި ޒަމާނީ ފެންވަރަށް މަގު ތަރައްޤީކުރުމަށް ރައީސް ވައުދުވެލެއްވި
2013 އިން 2018 އަށް ވެރިކަމުގައި ތިބި އިރު ކަންކަން ނުކުރެވުނީ ކީއްވެތޯ ރައީސް ސުވާލު އުފެއްދެވި
ކުރީ ސަރުކާރުގައި ދައުލަތުގައި ޚަރަދު ކުރާނެ ފައިސާ ނެތި ދިޔަ ކަމަށާއި އެ ފައިސާ އަމިއްލަ އެކައުންޓަށް ވެއްދި ކަަމަށް ވެސް ރައީސް ވިދާޅުވި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުރީ ސަރުކާރުން ދައުލަތަށް ލިބުނު އެއްޗެއްވިއްޔާ އެ ޚަރަދު ކުރީ ރައްޔިތުން ޖަލުގައި ބައިތިއްބަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ބ.ކަމަދޫގައި ބޭއްވި ބަނދަރު ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން ކުރާ ކަންކަން ކުރަނީ ޓެކްސް ފައިސާ އިން ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފާޑުކިޔާ ކަމަށެވެ. އެއީ ތެދެއް ކަަމަށާއި، އެކަން ކުރަން ޖެހޭ ގޮތަކީ އެއީ ކަމަށް ރައީސް ވިދާޅުވިއެވެ. ދައުލަތަށް ލިބޭ ފައިސާ އިން ކުރަން ޖެހޭނީ ފައިދާވާ މަސައްކަތްތައް ކަަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ދައުލަތުގެ މުދާ ކުއްޔަށް ދީގެން ހޯދާ ފައިސާ ޚަރަދުކުރަން ޖެހޭނީ ރައްޔިތުންނަށް ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

2013 އިން 2018 އަށް ވެރިކަމުގައި ތިބި އިރު ކަންކަން ނުކުރެވުނީ ކީއްވެތޯ ރައީސް ސުވާލު އުފެއްދެވިއެވެ. އެ ބޭފުޅުންނަށް ވެސް 5 އަހަރުގެ ފުރުސަތެއް ލިބިވަޑައިގެންނެވި ކަމަށާއި އޭރު ހުރިހާ ބާރެއް ސަރުކާރަށް ލިބިފައި އޮތް ކަމަށް ރައީސް ވިދާޅުވިއެވެ. މަސައްކްތަތައް ނުކުރެވުނު ސަބަބު ވަރަށް ސާފުކަމަށާއި އެއީ ދައުލަތުގެ ފައިސާ އަށް ޚިޔާނާތްތެރިވުމުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެ ސަރުކާރުން އިހުމާލުވެފައިވާ ކަމަށާއި ބޮޑެތި ފަޅުތައް ވިއްކައިގެން ލިބުނު ފައިސާ އޭރު ގެއްލުވާނި ކަމަށް ރައީސް ވިދާޅުވެފައެވެ.

ދައުލަތުގައި ޚަރަދު ކުރާނެ ފައިސާ ނެތި ދިޔަ ކަމަށާއި އެ ފައިސާ އަމިއްލަ އެކައުންޓަށް ވެއްދި ކަަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި އޭރު ލިބުނު އެއްޗެއްވިއްޔާ ޚަރަދު ކުރީ ރައްޔިތުން ޖަލުގައި ބޭތިއްބުމަށާއި، ޕެޕަރސްޕްރޭ އަށް ކަމަށް ރައީސް ވިދާޅުވިއެވެ. އޭރު ހަަމަޖެހުން ނެތް ކަމަށް ފާހަގަކުރައްވާ ރައީސް ވިދާޅުވީ އޭރުގެ ފުލުހުންގެ ބަޖެޓަށް ބެލުމުން އޭރު ޕެޕަރސްޕްރޭ އާއި މުގުރަށް ކުރި ޚަރަދުތައް އެނގެން ހުންނާނެ ކަަަމަށެވެ.

އެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވަނީ ކަމަދޫ އަށް ކޮށްދެއްވާނެ ކަންކަމުގެ ލިސްޓު ހާމަކުރައްވާފައެވެ. އޭގެ ތެރޭގައި

- މަލްޓިޕަރޕަސް ހޯލާއި، ސްކޫލްގެ ކްލާސްތައް އެޅުމާއި

- ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކޮށް މޫދަށް އެރޭ ސަރަހައްދެއް ޤާއިމްކުރުމާއި

- ރަށުގަ ބޮޑު އާ މިސްކިތެއް އެޅުމާއި

- ޒަމާނީ ފެންވަރަށް މަގު ތަރައްޤީކުރުމާއި

- ހެލްތް ސެންޓަރ 24 ގަޑިއިރަށް ބަދަލުކޮށް ޚިދުމަތް ރަނގަޅުކުރުމާއި

- އޭޓީއެމް ޚިދުމަތް ފެށުމާއި

- އިންޖީނުގެ އަޕްގްރޭޑްކުރުމާއި

- ނެޓްބޯޅަ ކޯޓަކާއި ވޮލީ ކޯޓެއްގެ މަސައްކަތް ހިމެނެއެވެ.

މިއަދު ތަރައްޤީ ގެނެވުނީ ސިޔާސީ ހަލަބޮލިކަން ނެތުމުން ކަމަށާއި އެފަދަ ކަންކަމުގެ ތެރެއަށް ވަދެވަޑައިގަންނަވަން ބޭނުންފުޅު ނުވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެފަދަ ބޭބޭފުޅުން ވެރިކަމަށް އައުމުން ރާއްޖޭގައި ކަރަންޓާއި، ބަނދަރާއި، ނަރުދަމާގެ މަސައްކަތް ނުކުރެވޭނެ ކަަމަށާއި އަނބުރާ އަނިޔާވެރިކަމަށް ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އުފާވެރި އަމާން ރާއްޖެ އެއް ހޯދާދިނުމަށް މަސައްކަތް ކުރަން އެމަނިކުފާނަށް ވޯޓުދެއްވުމަށް ރައީސް ވަނީ އެދިވަޑައިގަންނަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް