ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އިރުޝާދު ދެއްވާފައިވަނީ އިންތިޚާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ހުރަސް އެޅޭ ކަމެއް ނުކުރުމަށް ކަަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އަސްލަމް އެފަދައިން ވިދާޅުވީ އަންގާރަ ދުވަހު މަޖިލީހުގެ އިދާރާގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުންނެވެ. އަސްލަމް ވިދާޅުވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާ މެދު ސީދާގޮތެއްގައި ރައީސާއެކު މަޝްވަރާކުރެވިފައިނުވާ ކަމަށެވެ. ނަމަވެސް ރައީސް ވަނީ މީގެ ކުރިން ވެސް އިންތިޚާބީ ރައީސްގެ ހުވާކުރުމުގެ ރަސްމިއްޔާތަށް ހުރަސް އެޅޭ ކަމެއް ނުކުރުމަށް އިރުޝާދު ދެއްވާފައި ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅާފައި ވަނިކޮށް އެ މައްސަލަ އެޖެންޑާ ނުކުރައްވާ ނަޝީދު ރިޔާސަތުގައި އިންނަވައިގެން މުއިއްޒު ހުވާކުރައްވާނަމަ އެކަމާ މެދު ޤާނޫނީ ގޮތުން ސުވާލު އުފައްދަވާނެ ކަަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ އެ ޖަލްސާ ބޮއިކޮޓް ކުރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަަމަށެވެ. ނަމަވެސް އިންތިޚާބީ ރައީސް ހުވާކުރެއްވުމުގެ ޖަލްސާއާ މެދު އެމްޑީޕީގެ ޕީޖީ ގްރޫޕުން ޢަމަލުކުރާނެ ވަކި ގޮތެއް އަދި ނިންމަވާފައިނުވާ ކަމަށާއި އެކަން ނިންމަވާނީ މެންބަރުންގެ މަޝްވަރާގެ މަތިން ކަމަށް އަސްލަމް ވިދާޅުވިއެވެ. އެ ޖަލްސާގެ ރިޔާސަތުގައި ނަޝީދު އިންނަވާ ނަމަ އަމަލުކުރާނެ ގޮތާ މެދު މެންބަރުންގެ މެދުގައި ތަފާތު ޚިޔާލުތައް ހުރިކަން އަސްލަމް ހާމަކުރެއްވިއެވެ. އެގޮތުން ބައެއް މެންބަރުން ވަނީ ހަމަހިމޭން އިހުތިޖާޖެއް ކުރެއްވުމަށް ނުވަތަ ޖަލްސާ ދޫކުރައްވާ ވަޑައިގެންނެވުމަށް ޚިޔާލު ހުށަހެޅުއްވާފައި ކަމަށް އަސްލަމް ވިދާޅުވިއެވެ.
އެމްޑީޕީގެ 55 މެންބަރުން ހާޒިރު ނުވިޔަސް ހުވާކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދެވޭނެކަން އަސްލަމް ފާހަގަކުރެއްވިއެވެ. އަދި މުއިއްޒު ހުވާކުރެއްވުމަށް ހުރަސް އެޅުމުގެ އެއްވެސް ނިޔަތެއް އެމްޑީޕީގެ ނެތްކަމަށް އަސްލަމް ތަކުރާރުކުރެއްވިއެވެ.
އިންތިޚާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒު ރައީސް ކަމުގެ ހުވާކުރެއްވުން އޮތީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ޖުމްހޫރީ މައިދާނުގައި އެވެ. އެ ދުވަހުގެ ޖަލްސާގައި 3500 އެއްހާ ފަރާތްތަކުން ބައިވެރިވާނެ ކަމަށް އިންތިޚާބީ ރައީސްގެ އޮފީހުން ބުނެ އެވެ.
މި ޖަލްސާގެ ތައްޔާރީތައް ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް) އިން ފަށާފައިވާއިރު، މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 22.9 މިލިއަން ރުފިޔާ އަށެވެ. އަދި މި ރަސްމިޔާތަށް ތައްޔާރުކުރުމަށް ޖުމްހޫރީ މައިދާން ވަށައި ފެންސު ޖަހައި ބަންދުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.