ކ. މާލެ
|
31 އޮކްޓޯބަރ 2023 | އަންގާރަ 21:09
ހުކުރު މިސްކިތް
ހުކުރު މިސްކިތް
އިސްލާމިކް މިނިސްޓްރީ
ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑަ
މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި
ކަލްޗަރަލް ޒޯނެއް ތަރައްޤީކުރުމުގެ މަޤްސަދުތަކުގެ ތެރޭގައި ހުކުރު މިސްކިތަށް ރައްކާތެރިކަން ހޯދައިދިނުން
ކަލްޗަރަލް ޒޯންގެ އިމުގެ ތެރޭގައި މިހާރު ފެންނަންހުރި މާލޭގެ މުސްކުޅި އެކި ބިނާތައް ހިމެނެ
މިފަދަ ކަލްޗަރަލް ޒޯނެއް ތައާރަފްކުރާއިރު މި ޒޯނުގެ ކަންކަން ހިނގާނެ ޤަވާއިދާއި އުސޫލެއް އޮންނާނެ

މާލޭ ހުކުރު މިސްކިތް ވަށައިގެން ބަފަރ ޒޯނެއްގޮތަށް ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ނިންމަވައިފިއެވެ.

މިގޮތަށް ނިންމަވާފައި ވަނީ އަންގާރަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

މާލޭ ހުކުރު މިސްކިތް ވަށައިގެން ބަފަރޒޯނެއްގޮތުގައި، ކަލްޗަރަލް ޒޯނެއް ކަނޑައެޅި، އެކަމުގެ ޤަވާއިދުތަކާއި އުސޫލުތައް ހިމެނުމަކީ ޔުނެސްކޯ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި އެ މިސްކިތް ހިމެނުމަށް ކުރަންޖެހޭ މުހިންމު ކަމެއްކަން މި ކަރުދާހުގައި ވަނީ ފާހަގަކޮށްފައެވެ. މިފަދަ ކަލްޗަރަލް ޒޯނެއް ތަރައްޤީކުރުމުގެ މަޤްސަދުތަކުގެ ތެރޭގައި ހުކުރު މިސްކިތަށް ރައްކާތެރިކަން ހޯދައިދިނުމާއި، މާލޭ ހުކުރު މިސްކިތް، ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމުގެ ފުރުސަތު ބޮޑުކުރުމާއި، އެ ސަރަހައްދަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފަސޭހައިން މައުލޫމާތު ލިބި، ފަތުރުވެރިކަމުގެ އައު ދޮރުތަކެއް މިކަމުގެ ސަބަބުން ހުޅުވި، އިޤްތިސާދަށްވެސް ހެޔޮބަދަލުތަކެއް އައުމަށް މަގުފަހިކުރުން ހިމެނެއެވެ.

ރައީސް ސާލިހް މިއަދު ކަނޑައެޅުއްވި ކަލްޗަރަލް ޒޯންގެ އިމުގެ ތެރޭގައި މިހާރު ފެންނަންހުރި މާލޭގެ މުސްކުޅި އެކި ބިނާތައް ހިމެނެއެވެ. އެގޮތުން، އެ ޒޯން ކަނޑައަޅުއްވާފައިވަނީ މާލޭ ހުކުރު މިސްކިތް، މެދުޒިޔާރަތް މުލީއާގެ، ދަރުމަވަންތަ ރަސްގެފާނު މިސްކިތް، އުސްގެކޮޅު، ކަޅުވަކަރު މިސްކިތް، ބަންޑާރަ ކޮށި، އިހުގެ ނާދީ އިމާރާތް އަދި ދާރުލް އުލޫމްގެ އިތުރުން ޖުމްހޫރީ މައިދާންވެސް ހިމެނޭ ގޮތަށެވެ.

މާލޭގެ ދުވަސްވީ ތަރީޚާއި އާސާރީ ބިނާތަކަށް ހިމާޔަތް ލިބޭގޮތަށް މި ސަރަހައްދުގައި ކަލްޗަރަލް ޒޯނެއް ކަނޑައެޅުމަކީ މުހިންމު ކަމެއްކަން ފާހަގަކޮށް، މިފަދަ ކަލްޗަރަލް ޒޯނެއް ތައާރަފްކުރާއިރު މި ޒޯނުގެ ކަންކަން ހިނގާނެ ޤަވާއިދާއި އުސޫލެއް އޮންނާނެކަން ވަޒީރުންގެ މަޖުލީހަށް މިކަމާ ބެހޭގޮތުން ހުށަހަޅާފައިވާ ކަރުދާހުގައި ފާހަގަކޮށްފައިވެއެވެ.

- ކޮމެންޓް