ކ. މާލެ
|
20 އޯގަސްޓް 2023 | އާދީއްތަ 12:35
އަލް ހިލާލްގެ އެއްބަސްވުމުގައި މިޓްރޮވިޗް ސޮއި ކުރަނީ
އަލް ހިލާލްގެ އެއްބަސްވުމުގައި މިޓްރޮވިޗް ސޮއި ކުރަނީ
ޓްވިޓަރ
އަލް ހިލާލް
އަލް ހިލާލް އިން މިޓްރޮވިޗްގެ ސޮއި ހޯދައިފި
އެ ކުލަބާއެކު އޭނާ ސޮއި ކުރި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް

ފުލަމް އަށް ކުޅެމުން އައި ސާބިއާގެ ފޯވާޑް އަލެކްސަންޑަ މިޓްރޮވިޗް، ސައުދީ ޕްރޯ ލީގުގެ އަލް ހިލާލަށް ސޮއި ކޮށްފި އެވެ.

އަލް ހިލާލުން ވަނީ މިޓްރޮވިޗް އެ ކުލަބަށް ސޮއި ކުރިކަން ރަސްމީކޮށް އިއުލާންކޮށްފަ އެވެ. އުމުރުން 28 އަހަރުގެ ކުޅުންތެރިޔާ އަލް ހިލާލަށް ސޮއި ކުރީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެހެންކަމުން އެ ކުލަބާއެކު އޭނާ ސޮއި ކުރި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އަލް ހިލާލްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ ކުލަބުގެ ޗެއާމަން ފަހަދު ބިން ސައީދު ނާފެލް އެވެ. ފްރާންސްގެ ޕެރިހުގައި އޮތް ސޮއި ކުރުމުގެ ރަސްމިއްޔާތަށްފަހު އަލް ހިލާލްގެ ޗެއާމަން ވިދާޅުވީ، އައު ސީޒަނަށް ކުލަބު ވަރުގަދަ ކުރުމަށް ކުރަމުން އަންނަ މަސައްކަތުން އިތުރު ކަމެއް ހާސިލްކުރެވުނު ކަމަށެވެ. މިޓްރޮވިޗާއެކު އަލް ހިލާލް އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިޓްރޮވިޗް އެންމެ ފުރަތަމަ 2018 ވަނަ އަހަރު ފުލަމް އަށް ބަދަލުވީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އެއަށްފަހު އެ އަހަރުގެ ޖުލައި މަހު އޭނާ ވަނީ އެކުލަބާއެކު ދާއިމީ އެއްބަސްވުމެއް އެކުލަވާލައިފަ އެވެ. ފުލަމް އަށް ޖުމުލަ ކުޅެދިން 206 މެޗުގައި އޭނާ ވަނީ 111 ލަނޑު ޖަހައިފަ އެވެ. މިޓްރޮވިޗް އަންނަނީ 2013 ވަނަ އަހަރުން ފެށިގެން ސާބިއާގެ ޤައުމީ ޓީމަށް ވެސްް ކުޅެމުންނެވެ. މިހާތަނަށް ޤައުމީ ޓީމަށް އޭނާ ވަނީ 81 މެޗު ކުޅެދީ 52 ލަނޑު ޖަހައިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް