ކ. މާލެ
|
11 އޯގަސްޓް 2023 | ހުކުރު 13:14
ހުކުރު ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން
ހުކުރު ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން
އިސްލާމިކް މިނިސްޓްރީ
ތައުލީމާ ތަރުބިއްޔަތުގެ މާތްކަން
ކުދިންގެ ހިތްތަކުގައި އިސްލާމީ އަޤީދާ ހަރުދަނާކުރުމަށް ބެލެނިވެރިންނާއި މަދަރުސާއިން ގުޅިގެން މަސައްކަތް ކުރުމަށް ޚުތުބާގައި ގޮވާލައިފި
ދެދުނިޔޭގެ ހަޔާތަށް ފައިދާ ހުރި ބޭނުންތެރި ހަރަކާތްތަކުން ކުދީންގެ ހުސް ވަގުތު ފަޅުފިލުވަންޖެހޭ
އިސްލާމް ދީނަށާއި، ގައުމަށް ވަފާތެރި ފައިދާ ހުރި ބަޔަކަށް ހެދުމަށްޓަކައި އެދުރުންގެ ދައުރު ވަރަށް ބޮޑު
ދަރިންނަށް އަދަބާއި އުޅުންތެރިކަން ދަސްކޮށް ދިނުމަކީ ގައުމުގެ ބިންގާ ހަރުދަނާ ކުރުމަށް އެޅޭ ވަރަށް ބޮޑު ބާރެއް

ކުދިންގެ ހިތްތަކުގައި އިސްލާމީ އަގީދާ ހަރުދަނާކޮށް އިސްލާމީ އުސޫލުތައް ބިނާކުރުމަށް ބެލެނިވެރިންނާއި މަދަރުސާއިން ގުޅި ލާމެހިގެން މަސައްކަތްކުރާނަމަ ކާމިޔާބުކުރެވޭނެ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

''ތައުލީމާ ތަރުބިއްޔަތުގެ މާތްކަން'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ މާތް ނަބިއްޔާ މުހައްމަދު ﷺ އިސްލާމީ މުޖުތަމައުގައި ތައުލީމު ފެތުރެއްވުމަށް ޚާއްސަ އަހައްމިއްޔަތު ކަމެއް ދެއްވި ކަމަށާއި، ހުދު އެކަލޭގެފާނު އެކަމުގައި ބައިވެރިވެ ވަޑައިގަތްނެވި ކަމަށެވެ. ނަތީޖާއަކަށްވީ ހޭލުންތެރި، އިލްމުވެރި، އުފެއްދުންތެރި އުއްމަތެއް ބިނާވުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ފެށިގެން މިދިޔަ ދިރާސީ އަހަރަށް އިޝާރާތްކޮށް ޚުތުބާގައި ބުނީ އިސްލާމް ދީނާއި ދުންޔަވީ ރޮނގުތަކުން އިތުރު ކުރިއެރުންތަކެއް ލިބޭތޯ މަސައްކަތް ކުރުމަށް އަޒުމް ކަނޑައަޅަންޖެހޭ ކަމަށާއި، ދެދުނިޔޭގެ ހަޔާތަށް ފައިދާ ހުރި ބޭނުންތެރި ހަރަކާތްތަކުން ކުދިންގެ ހުސް ވަގުތު ފަޅުފިލުވަންޖެހޭ ކަމަށެވެ.

ޚުތުބާގައި ބުނީ ފޮނި ނަތީޖާ ކުދިންނަށް ނެރެވޭނީ މަދަރުސާ އާއެކު އެއްބާރު ލައިގެން ކަމަށާއި، މަދަރުސާގެ ގަވާއިދުތަކަަށް ބޯލަނބައިގެން ކަމަށެވެ. ކުދިންގެ މުދައްރިސުންނަށް ހައްގުވާ ގަދަރާއި އިހްތިރާމް ކުދިން އަދާކޮށްގެން ކަމަށާއި، އެމީހުންނަކީ ދުނިޔެއާއި އާހިރަތުގެ ހެޔޮ މަގަށް އަލިކޮށްދޭ ވޮށްތަކެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. މަދަރުސާ އަކީ ދަރިންގެ ދެވަނަ ހިޔާވަހިކަން ފާހަގަކޮށް ޚުތުބާގައި ބުނީ ކުދިންގެ ހިތްތަކުގައި އިސްލާމީ އަގީދާ ހަރުދަނާކޮށް އިސްލާމީ އުސޫލުތައް ބިނާކުރަނީ މަދަރުސާ އިން ކަމަށާއި، މަދަރުސާ އިން މިދައުރު ފުރިހަމައަށް އަދާކޮށްފިނަމަ މުޅި އުއްމަތުގެ މުސްތަގުބަލު އުޖާލާވެ އަމާންވާނެ ކަމަށެވެ. އަދި ބާއްޖަވެރިކަމުގެ މަގުތައް އާރާސްތުވެ ފާގަތިކަން އާއްމުވާނެ ކަމަށާއި، މިބުރަ މަސައްކަތް ކާމިޔާބު ކުރެވޭނީ މަދަރުސާ އާއި ބެލެނިވެރިން ގުޅި ލާމެހިގެން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި އެ ދެފަރާތުގެ ލަނޑުދަނިތަކާއި، އުއްމީދުތައް އެކައްޗަކަށް ހަދައިގެން ކަމަށެވެ.

ޚުތުބާގައި ބުނީ އިސްލާމް ދީނަށާއި، ގައުމަށް ވަފާތެރި ފައިދާ ހުރި ބަޔަކަށް ހެދުމަށްޓަކައި އެދުރުންގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. މިފަދަ ތަރުބިއްޔަތެއް އެކުދިންނަށް ދެވޭނީ ކެތްތެރިކަމާއި ހިކްމަތްތެރިކަމާއެކު އެ މަސްއޫލިއްޔަތު އަދާކޮށްގެން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ ކުދިންނަށްޓަކައި މައިންބަފައިންނާއި ދައުލަތުން ކުރަމުންދާ ހޭދަތަކާއި ތަނަވަސް ކޮށްދީފައިވާ ފުރުސަތުތަކުގެ ބޭނުން ކުދިން ހިފަންޖެހޭ ކަމަށެވެ. ޚުތުބާގައި ބުނީ ކުދިން އުނގެނޭ އިލްމުގެ ނޫރުން ﷲގެ ރުހިވޮޑިގަތުމާއި މައިންބަފައިންގެ ހިތްހަމަޖެހުމާއި ގައުމަށް ކުރިއެރުން ހޯދައިދޭންޖެހޭ ކަމަށެވެ. އަދި އިސްލާމް ދީނާއި ވަތަނަށްޓަކައި ޤުރުބާން ވުމަށް ކެރޭ ބަޔަކަށްވުމަށް ހަށިތަކާއި ނަފުްސުތައް ހާނުވައި ތައްޔާރުކުރަންޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މާތްﷲ ވަހީކުރައްވާފައިވެއެވެ. މާނައީ: އެއުރެންނާ ދެކޮޅަށް ތިޔަބައިމީހުންނަށް ކުޅަދާނަވީހައި ބާރެއް ތިޔަބައިމީހުން ތައްޔާރު ކުރާށެވެ. އަދި އަސްތައް ވެސް ބަނދެ ތައްޔާރުކުރާށެވެ. އެކަމުން ﷲ ގެ ޢަދުއްވުންނާއި ތިޔަބައިމީހުންގެ އަދުއްވުންނާއި އެއުރެން ނޫން އެހެން ބަޔަކު ބިރު ގެންނެވުމަށްޓަކައެވެ. ތިޔަބައިމީހުންނަކަށް އެރުރެންނެއް ނޭނގެތެވެ. ﷲ، އެއުރެން ދެނެވޮޑިގެންވެތެވެ.
ހުކުރު ޚުތުބާ

ދަރިންނަކީ މާތްﷲ ހަވާލު ކުރައްވާފައިވާ ބޮޑު އަމާނާތެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެކުދިން ރަނގަޅު ގޮތުގައި ބަލައި ބޮޑު ކުރެވިއްޖެނަމަ އެކުދިންގެ ހެޔޮ ދުއާ މަންފާ ކުރާނެ ކަމަށާއި، ދަރިންނަށް އަދަބާއި އުޅުންތެރިކަން ދަސްކޮށް ދިނުމަކީ ގައުމުގެ ބިންގާ ހަރުދަނާ ކުރުމަށް އެޅޭ ވަރަށް ބޮޑު ބާރެއް ކަމަށެވެ. އަދި އިސްލާމް ދީން ބާރު އަޅަނީ މި އަމާޒަށް ވަސީލު ވުމަށް ކަމަށާއި، އިސްލާމް ދީން މިކަމަށް ބާރު އަޅައި ހިތްވަރުދެނީ ކުދިން ތަރުބިއްޔަތު ކުރުމަށް އެހެން ހުރިހާ ނިޒާމެއްގައި ކޮށްފައިވާ މަސައްކަތްތަކަށްވުރެ މަތިވެރި މިންވަރަކަށް ކަމަށެވެ. ހެޔޮކޮށް ދަރިން ތަރުބިއްޔަތު ކުރުމަކީ އިސްލާމް ދީނުގައި އެކަމުގައި ގާއިމުވެ ތިބި މީހުންނަށް ސަވާބާއި ދަރުމަ މާތްﷲ ދެއްވާނެ ކަމެއްކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް