ކ. މާލެ
|
9 އޯގަސްޓް 2023 | ބުދަ 13:38
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް
ރައީސް އޮފީސް
ޕްރޮސްތެޓިކް އަދި އޯތޮޓިކް ލެބޯޓްރީ
ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕްރޮސްތެޓިކް އަދި އޯތޮޓިކް ލެބޯޓްރީ ނައިބުރައީސް ހުޅުއްވައިދެއްވައިފި
ލެބުގެ ސަބަބުން ވަރަށް ގިނަ ބަޔަކަށް އެކަމުން ފަސޭހަތައް ލިބޭނެ
ޕްރޮސްތެޓިކް އެންޑް އޯތޮޓިކް ލެބަކީ ޚާއްސަ އެސިސްޓިވް ޑިވައިސްތައް ތައްޔާރުކުރެވޭނެހެން ގާއިމްކޮށްފައިވާ ލެބެއް

ބޭސްފަރުވާހޯދުމަށް ކުރަންޖެހޭ ދަތުރު ޚަރަދު ކުޑަކޮށް، ރާއްޖޭގައި ތިބެގެން މަތީ ފެންވަރުގެ ސިއްހީ ޚިދުމަތް ރާއްޖޭގެ އެކި ސަރަހައްދުތަކުން ފޯރުކޮށްދީ ފެންވަރު ރަނގަޅު ގިނަ ކަންކަމަށް ފަރުވާކުރެވޭ ސްޕެޝަލިސްޓުން ތިބޭ އަދި ޒަމާނީ ވަސީލަތްތައް ގާއިމްވެފައިވާ ހޮސްޕިޓަލްތައް ގާއިމްކުރުމުގެ ސިޔާސަތުގެ ދަށުން ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ޕްރޮސްތެޓިކް އަދި އޯތޮޓިކް މެނުފެކްޗަރިންގ ލެބޯޓްރީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ހުޅުއްވައިދެއްވައިފިއެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި ޕްރޮސްތެޓިކް އަދި އޯތޮޓިކް މެނުފެކްޗަރިންގ ލެބޯޓްރީ ހުޅުއްވައިދެއްވައި ނައިބުރައީސް ވިދާޅުވީ މި ސަރުކާރުން އެންމެ އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތަކީ ސިއްހީ ދާއިރާ ހަރުދަނާކޮށް އެއްވެސް މީހަކު ބާކީނުކޮށް އެންމެ ބޭނުންޖެހިފައިވާ މީހުންނަށް އެ ބޭނުންތައް ފުއްދައިދިނުން ކަމަށެވެ.

އެގޮތުން ބުދަ ދުވަހު ހުޅުއްވައިދެއްވި ލެބުގެ ސަބަބުން ވަރަށް ގިނަ ބަޔަކަށް އެކަމުން ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ މި ލެބުގެ ސަބަބުން ރައްޔިތުންނަށް ލިބިގެންދާނެ ފައިދާތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.

ހަމަ އެއާއެކު ނައިބު ރައީސް ވަނީ ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކުރުމަށް ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވައި އެމަސައްކަތްތަކުން ހާސިލްކުރެވިފައިވާ ކާމިޔާބީތައް ފާހަގަކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި އެކަންކަމުގައި އެހީތެރިވެދެއްވި ފަރާތްތަކަށް އެމަނިކުފާނު ޝުކުރުއަދާކުރެއްވިއެވެ. މީގެ އިތުރުން ބޭރުގެ ފަރާތްތަކުން ސިއްހީ ދާއިރާ ހަރުދަނާކުރުމަށް ދެއްވާ އެއްބާރުލުން ފާހަގަކުރައްވައި، ހުޅުއްވައިދެއްވި ލެބު ތަރައްގީ ކުރުމުގައި އިންޑިއާ ސަރުކާރުން ވެދެއްވި އެހީތެރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ސިއްހީ ދާއިރާގެ ޚިދުމަތްތަކާއި އެހެނިހެން މުހިންމު ޚިދުމަތްތައްތައް ތަރައްގީ ކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ މައްޗަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

ޕްރޮސްތެޓިކް އެންޑް އޯތޮޓިކް ލެބަކީ ޚާއްސަ އެސިސްޓިވް ޑިވައިސްތައް ތައްޔާރުކުރެވޭނެހެން ގާއިމްކޮށްފައިވާ ލެބެކެވެ.

މީގެކުރިން ޕްރޮސްތެޓިކް ނުވަތަ އޯތޮޓިކް އެސިސްޓިވް ޑިވައިސްތައް ބޭނުންވާ ފަރާތްތަކަށް މި ތަކެތި ހޯދަމުން ދިޔައީ ރާއްޖެއިން ބޭރުންނެވެ. އަދި މިހާރު މި ވަޞީލަތްތައް ހުޅުމާލެ ހޮސްޕިޓަލުގައި ތައްޔާރު ކުރެވެން ފެށުމުން، މިކަމަށް ސަރުކާރުން ހޭދަކުރާ ޚަރަދުގެ 3 ގުނަ ސަލާމަތްކުރެވިގެންދާނެއެވެ. އަދި މިފަދަ ވަޞީލަތް ބޭނުންވާ ފަރާތްތަކަށް އެންމެ އަވަސް މިނުގައި މިތަކެތި ލިބުމުގެ ފުރުސަތުވެސް ފަހިވެގެންދާނެއެވެ.

ކޮންމެ އާއިލާއެއްގެ ކޮންމެ މީހަކީ ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުންނަ މީހަކަށްވުމަށް ފުރިހަމަ ސިއްހީ ނިޒާމެއް ގާއިމްކުރުމަކީ މި ސަރުކާރުގެ ސިޔާސަތެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް