ކ. މާލެ
|
7 އޯގަސްޓް 2023 | ހޯމަ 13:14
ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ޑރ.މުހައްމަދު މުއިއްޒު
ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ޑރ.މުހައްމަދު މުއިއްޒު
ރާއްޖެއެމްވީ
ޔާމީން މުއިއްޒަށް ތާއީދު ކުރެއްވުން
ގޮތް ދޫކުރައްވައި ޔާމީން މުއިއްޒު އެންޑޯޒް ކުރައްވައިފި
މުއިއްޒާއި ދެކޮޅަށް ބަޔާނެއް ނެރުވުމަށް މަސައްކަތް ކުރެއްވި
ސްޓޭންޑް ބަދަލުކުރެއްވީ ފަހު ވަގުތު
ޔާމީން ވަނީ އިންތިޚާބު ބޮއިކޮޓު ކުރުމަށް އެދި އިދިކޮޅު ލީޑަރުންނަށް ނޯޓު ވެސް ދީފައި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވިސްނުންފުޅު ބަދަލު ކުރައްވާ، ޕީއެންސީ އިން ނެރޭ ރިޔާސީ ކެންޑިޑޭޓަށް ތާއީދުކުރެއްވުމަށް ނިންމަވައިފި އެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލް މުހައްމަދު ތޮލާލް މީޑީއާތަކަށް ފޮނުއްވި މެސެޖްގައި ވިދާޅުވެފައިވަނީ ޕްރޮގެސިވް ކޮންގްރެސް ކޯލިޝަން އަށް އަދި ދިވެހި ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތަކީ، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސެނެޓާއި އާންމު މެމްބަރުންނާއި، ލައްކައަކަށްވުރެ ގިނަ ދިވެހި ރައްޔިތުންގެ އެދުމާއެއްގޮތަށް ކޯލިޝަންގެ ފަރާތުން ކެންޑިޑޭޓަކު އިންތިޚާބުގައި ވާދަކުރެއްވުންކަމާއި، ސެނެޓްގެ ވިސްނުމާއި އެއްގޮތަށް ޔާމީން، އެމަނިކުފާނުގެ ވިސްނުންފުޅު ބަދަލު ކުރައްވާފައިވާ ކަމަށެވެ. އަދި ޕީއެންސީ އިން ނެރޭ ރިޔާސީ ކެންޑިޑޭޓަށް ތާއީދުކުރެއްވުމަށް ނިންމަވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މީގެ ކުރިން އެމަނިކުފާނު އުޅުއްވީ ޕީއެންސީގެ ފަރާތުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ފޯމް ހުށަހަޅުއްވާފައިވާ މާލެސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒާ ދެކޮށް ބަޔާނެއް ނެރުއްވުމަށެވެ.

ޕީއެންސީން ވަކި ކެންޑިޑޭޓެއް ނެރުމަށް އެ ޕާޓީގެ ސެނެޓުން މިމަހުގެ 3 ވީ މިދިޔަ ބުރާސްފަތި ދުވަހު ފާސްކުރީ، ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ކަން ހަވާލުކޮށްފައިވާ ޔާމީނަށް އިންތިޚާބުގައި ވާދަނުކުރެވޭ ހާލަތެއްގައި ބެކްއަޕް ކެންޑިޑޭޓެއް ނެރުމަށެވެ. އެއީ އެންމެފަހުގެ ޗޮއިސް ކަމަށް އޭރު ޕީޕީއެމުން ވަނީ ބުނެފައެވެ. އަދި ވަގުތު އޮވެއްޖެނަމަ ޕީޕީއެމުން ކެންޑިޑޭޓެއް ނެރޭނެ ކަމަށް އެ ޕާޓީގެ ލީޑާޝިޕުން މައުލޫމާތު ދީފައިވެއެވެ.

Advertisement

ނަމަވެސް ޔާމީންގެ ކެންޑިޑޭސީ ބަލައިނުގަތުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމީ ރަނގަޅަށް ކަމަށް ސުޕްރީމްކޯޓުން ހުކުމް ކުރުމާއެކު، ޔާމީން ވަނީ އިންތިޚާބު ބޮއިކޮޓު ކުރުމަށް އެދި އިދިކޮޅު ލީޑަރުންނަށް ނޯޓު ދީފައެވެ. އެނޯޓާ ގުޅިގެން ޕީޕީއެމް/ޕީއެންސީ ސެނެޓު ބައްދަލުވުމެއް އާދިއްތަ ދުވަހުގެ މެންދުރުފަހު ވަނީ ބާއްވާފައެވެ. މި ބައްދަލުވުމުގައި ނިންމީ އިންތިޚާބު ބޮއިކޮޓު ނުކުރުމުގެ ލަފާ ޔާމީންއަށް އެރުވުމަށެވެ. ނަމަވެސް އާދިއްތަ ދުވަހުގެ ރޭ ޔާމީންގެ އަނބިކަބަލުން މެދުވެރިކޮށް ޔާމީން ވަނީ ސެނެޓުގެ ނިންމުން ބަލައިނުގަންނަވާނެ ކަމަށް އަންގަވާފައެވެ. އެއާއެކު އާދިއްތަ ދުވަހުގެ ރޭ ވެސް އިސް ބޭފުޅުންގެ ބައްލުވުމުގެ ކުރިއަށް ދިޔައެވެ. އެބައްދަލުވުމަށްފަހު އިދިކޮޅު ބައެއް ބޭފުޅުން ވަނީ މުއިއްޒަށް ތައީދު ކުރުމަށް ވެސް ނިންމާފައެވެ.

މީގެ އިތުރުން މުއިއްޒު ވަނީ ހޯމަ ދުވަހު ކެންޑިޑެސީ ފޯމު އީސީ އަށް ހުށަހަޅުއްވާފައެވެ. އަދި މުއިއްޒު ފޯމު ހުށަހެޅުއްވީ ޔާމީނުގެ ތާއީދާއި ރުހުން އެ ކަމުގައި އޮވެގެންތޯ ނޫސްވެރިން ސުވާލު ކުރުމުން މުއިއްޒު ވިދާޅުވީ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ފަހުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ. އަދި އޭގެފަހުން ޔާމީނުގެ އިސް ވަކީލު އަދި އެމަނިކުފާނުގެ ރަނިންމޭޓެއް ގޮތަށް ހަމަޖެއްސެވި، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ޕްރޮގެސިވް ކޮންގްރެސް ކޯލިޝަން އަށް އަދި ދިވެހި ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތަކީ، ޕްރޮގްރެސިވް ކޮންގްރެސްގެ ސެނެޓާއި އާއްމު މެމްބަރުންނާއި، ލައްކައަކަށްވުރެ ގިނަ ދިވެހި ރައްޔިތުންގެ އެދުމާއެއްގޮތަށް ކޯލިޝަންގެ ފަރާތުން ކެންޑިޑޭޓަކު އިންތިޚާބުގައި ވާދަކުރެއްވުން ކަމަށެވެ. ސެނެޓްގެ ވިސްނުމާއި އެއްގޮތަށް ޔާމީން ވަނީ އެމަނިކުފާނުގެ ވިސްނުންފުޅު ބަދަލު ކުރައްވާފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް