'އެމްޓީސީއެސް ވިޔަފާރިވެރިންގެ ބާޒާރު 2023' ބާޒާރު ޖުލައި 31ގައި ބާއްވަން ނިންމައިފިއެވެ.
މީދޫ ޓޫރިޒަމް ކޯޕަރޭޓިވް ސޯސައިޓީއިން އިސްނަގައިގެން، މި ބާޒާރު ބާއްވަން ނިންމީ މީދޫއާއި ހުޅުދޫގެ ވިޔަފާރިންނަށް ފަހި ފުރުސަތުތަކެއް ހުޅުވައިދިނުމުގެ ގޮތުން ކަމަށެވެ. އެގޮތުން މި ދެރަށް ފިޔަވައި، އައްޑޫ ސިޓީގެ އެހެން ވިޔަފާރިވެރިނަށްވެސް މި ބާޒާރުގައި ބައިވެރިވުމުގެ ފުރުސަތު އެބައޮތް ކަމަށް އެމްޓީސީއެސްއިން މައުލޫމާތުދިނެވެ.
މީދޫ ބަނދަރު ސަރަހައްދުގައި ޖުލައި މަހުގެ 31ން ފެށިގެން އޮގަސްޓް 6ގެ ނިޔަލަށް ކުރިއަށްގެންދަން ނިންމާފައިވާ މިބާޒާރު އޮންނާނީ ކޮންމެ ރެއެއްގެ 20:00ން ފެށިގެން 23:00ގެ ނިޔަލަށެވެ.
އެމްޓީސީއެސްއިން ބުނީ، ޖުމްލަ 30 ސްޓޯލްްއަށް ޓާރގެޓްކޮށް ބާއްވާ މިބާޒާރުގައި އަދިވެސް ސްޓޯލްތައް އެބަހުރިކަމަށާއި، ކުޑަ ފީއަކާއެކު ސްޓޯލްތައް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު އަދިވެސް އެބައޮތް ކަމަށެވެ. ސްޓޯލްތަކަށް ކަރަންޓާއި، މޭޒާއެކު، ވިޔަފާރިކުރާނެ ޖާގަ ދޭނެކަމަށް އެ ޖަމީއްޔާއިން ބުނެއެވެ.
މިފަދަ ބާޒާރެއް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ އައްޑޫސިޓީއަކީ އެކި ދާއިރާތަކުން ފުޅާ ދާއިރާއެއްގައި އެކި ބާވަތުގެ ވިޔަފާރި ކުރަމުން އަންނަ ސިޓީއެއް ކަމުގައި ވީނަމަވެސް ވިޔަފާރިތައް އިތުރަށް ޕްރޮމޯޓްކޮށް މިފަދަ ބާޒާރުތަކުގައި ތަކެތި ވިއްކުމުގެ މަގު ތަނަވަސްވެފައި ނެތުމުން، އެފަދަ ފުރުސަތުތައް ވިޔަފާރިވެރިންނަށް ހުޅުވައިދިނުމުގެ ބޭނުމުގައި ކަމަށެވެ.
އަދި މިފަދަ ބާޒާރުތަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ވިޔަފާރިތައް ކުރިއެރުވުމަށް ރަނގަޅު ފުުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށެވެ. މިއީ މީދޫގައި މިގޮތަށް ބާއްވާ ފުރަތަމަ ބާޒާރު ކަމަށްވާއިރު، ކުރިއަށްއޮތް ތަނުގައި މިފަދަ އިތުރު ފުރުސަތުތަކެއް ވިޔަފާރިވެރިންނަށް ހުޅުވާލަދޭނެ ކަމަށްވެސް ޖަމިއްޔާއިން ބުންޏެވެ.