މި އަހަރު ފަހުކޮޅު ބާއްވާ ކްރިކެޓްގެ އެންމެ ބޮޑު ދެ މުބާރާތުގައި ކުޅެން ޕާކިސްތާނާއި އިންޑިޔާއިން އެއް ގައުމު އަނެއް ގައުމަށް ދާން ދަނީ ދެކޮޅު ހަދަމުންނެވެ.
އޭޝިއާގެ އެންމެ ބޮޑު ކްރިކެޓް މުބާރާތް އަންނަ އޮގަސްޓް މަހުގެ 31ގައި ބާއްވާނީ ޕާކިސްތާނުގަ އެވެ. އަދި ދުނިޔޭގެ ތައްޓަށް ކުޅޭ ވޯލްޑްކަޕް ކްރިކެޓް މުބާރާތް އިންޑިޔާގައި ފަށާނީ އޮކްޓޫބަރު މަހުގެ ފަހެއްގަ އެވެ. މި ދެ މުބާރާތުގައި އެއް ގައުމު އަނެއް ގައުމަށްދާން އިންކާރުކުރާއިރު މިކަމުގައި ހަރުކަށިކޮށް ވިސްނަމުންދަނީ އިންޑިޔާއިންނެވެ.
އެ ގައުމުން ބޭނުންވަނީ އޭޝިއާ ކަޕުގައި އިންޑިޔާ ކުޅެން ޖެހޭ މެޗުތައް ސްރީލަންކާގައި ނުވަތަ ނިއުޓްރަލް ދަނޑެއްގައި ކުޅުމަށެވެ. ޕާކިސްތާނުން ވެސް ބާރު އަޅަނީ ވޯލްޑްކަޕުގައި އެ ގައުމު އިންޑިޔާގައި ކުޅެންޖެހޭ ފަސް މެޗު އެހެން ގައުމެއްގައި ކުޅުމަށެވެ. ނަމަވެސް މިކަމަށް ޕާކިސްތާނުން ހުށަހަޅާ ގޮތެއްވެ އެވެ. އެ ގައުމުން ބުނަނީ މިގޮތް ވާން ބޭނުންވަނީ އޭޝިޔާކަޕުގައި ކުޅެން ޕާކިސްތާން އިންޑިޔާ އަށް ނާންނަކަމުގައިވާނަމަ ކަމަށެވެ.
މީގެ އިތުރުން އިންޑިޔާ އަށް ވޯލްޑްކަޕުގައި ކުޅެން ދިއުމުގެ ކުރިން އޭޝިޔާ ކަޕަށް ޕާކިސްތާނަށް އަންނާނެ ކަމުގެ ޔަގީންކަން ލިޔުމުން ދިނުމަށް އެ ގައުމުން ވަނީ އެދިފަ އެވެ.
ދުނިޔޭގެ ކްރިކެޓް މައި އިދާރާ އާއި އޭޝިއާގެ މައި ކްރިކެޓް ކައުންސިލަށް މިހާތަނަށް ވަނީ މި ދެ ގައުމުގެ މައްސަލައިގައި ހައްލެއް ހޯދުމަށް ދަތިވެފަ އެވެ.