ކ. މާލެ
|
5 ޖުލައި 2024 | ހުކުރު 19:11
ކަމަދޫގެ ސަޤާފީ ކުޅިވަރުތަކުން ބޮޑު ސަމާލުކަމެއް ލިބުނު ޒާރާ ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަނީ
ކަމަދޫގެ ސަޤާފީ ކުޅިވަރުތަކުން ބޮޑު ސަމާލުކަމެއް ލިބުނު ޒާރާ ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަނީ
ކަމަދޫ ޢީދު ކުޅިވަރުތައް
ކަމަދޫ ޢީދު ކުޅިވަރުތަކުން ވިދާލި ޒާރާ - ނެށުމަށް އޮތް ލޯބި ފެށުނީ ކުޑަކުޑަ އިރުން ފެށިގެން!
ކަމަދޫ ޢީދު ކުޅިވަރުތަކުން ފެނުނު އައިމިނަތު ޒާރާ ވަނީ އޭނާގެ ނެށުމުގެ ހަރަކާތްތަކުން އެތައް ބައެއްގެ ސަމާލުކަން ދަމައިގަނެފަ.

އައިމިނަތު ޒާރާ އޭ ބުނީމަ ފަހަރުގަ އެ ދައްކަނީ ކާކުގެ ވާހަކަކަން ނޭނގިދާނެއެވެ. އެހެންނަމަވެސް ކަމަދޫގެ ބޮޑު ޢީދުގެ ކުޅިވަރުތަކުން ފެނުނު ޒާރާ އޭ ބުނެފިއްޔާ އެންމެ ފުރަތަމަ ވެސް ހިތަށް ގެނެވޭނީ ޒާރާގެ ސޫރައެވެ. ކަމަދޫގެ ފަރި ސަޤާފީ ހަރަކާތްތަކުގައި ކުދިބޮޑު އެތައް ބަޔަކު ފެނިގެން ދިޔައެވެ. ދިވެހިވަންތަ އެތައް ކުލައެއް ކަމަދޫގެ ސަޤާފީ ހަރަކާތްތަކުން ފެނުނެވެ. އެހެންނަމަވެސް ދިވެހިންގެ ސަމާލުކަން ދަމައިގަތް ފަންނާނަކީ ޒާރާއެވެ. އެއް ބަޔަކު ދައްކަނީ އޭނާގެ ފަރި ނެށުމުގެ ވާހަކައެވެ. އަނެއް ބަޔަކު ދައްކަނީ އޭނާގެ ސާދާ ހިނިތުންވުމުގެ ވާހަކައެވެ. ދެން ތިބި މީހުން ދައްކަނީ ޒާރާގެ ރީތިކަމުގެ ވާހަކައެވެ. މި ހުރިހާ ސިފައެއް އެކުވެގެން، ޒާރާ ވެގެންދިޔައީ އާއްމުންގެ ޝައުގުވެރިކަން ހުއްޓުނު މީހަކަށެވެ. ޚާއްސަކޮށް މީސްމީޑިއާގައި ޒާރާގެ ފޮޓޯތަކާއި ވީޑިއޯތައް ފެތުރިގެން ދިޔައީ ފަތުއަޑު ކިޔާފައެވެ. އެ ހަރަކާތްތައް ފެނި ދެން އީދު ފާހަގަކުރަން ދާނީ ކަމަދޫ އަށް ކަމަށް ބުނި މީހުން ވެސް މަދެއް ނޫނެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ޒާރާ ކިޔާދިން ގޮތުގައި ނެށުމަކީ އޭނާ ވަރަށް ކުޑަ ކުޑަ އިރުން ފެށިގެން ކޮށް އުޅޭ ކަމެކެވެ. އޭނާ ހަނދާންވާ ގޮތުން ގްރޭޑް 5 ނޫނީ 6ގަ ހުރީއްސުރެ ކޮންމެ އަހަރަކުވެސް އާއިލާ އާއި ރަށު މީހުންނާއި އެކު އޭނާ އައީ ޢީދު ކުޅިވަރުތަކުގައި ބައިވެރިވަމުންނެވެ. އެހެންކަމުން އޭނާ އަށް ލިބިފައިވާ ހުނަރަކީ ވަރަށް ކުޑަ އިރުން ފެށިގެން ގަތާ ނަގާފައިވާ އުކުޅެކޭ ބުނެވިދާނެއެވެ. ޒާރާ ކިޔާދިން ގޮތުގައި ޢީދު ހަރަކާތްތަކުގައި ފެނިގެންދާ ސަޤާފީ ނެށުންތަކަކީ ގާތްގަނޑަކަށް މަސް، ދެ މަސް ދުވަހުގެ ފަރިތަކުރުން ތަކާއިއެކު ބާއްވާ ހަރަަކާތްތަކެކެވެ. އެހެންވީމަ އެ ހަރަކާތްތައް ފުރިހަމަ ނުވާންވީ ސަބަބެއްވެސް ނެތްތާއެވެ. ސްޓޭޖް ހަރަކާތްތަކަކީ ދެތިން ދުވަހުގެ ފަރިތަކުރުންތަކަށް ފަހު ހުށަހަޅާ ހުށަހެޅުންތައް ކަމަށް ޒާރާ ވަނީ ބުނެފައެވެ.

ކޮންމެ އަހަރަކުވެސް ޢީދުގަ ހަރަކާތްތެރިވަން ކަމަދޫގަ. އެންމެ ކުޑަ އިރުއްސުރެން ކަމަދޫ ޢީދުގަ ހަރަކާތްތެރިވަމުން އައީ. ބޮޑަށް ސަޤާފީ ދެން ސްޓޭޖް ވެސް.
އައިމިނަތު ޒާރާ

މިއީ ޒާރާ މިފަދަ ހަރަކާތަކުން ފެނުނު ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ރާއްޖެޓީވީން ގެނެސްދިން ފެހި ފެހި އާޒާދީ ލަވައިން ޒާރާގެ ފަރި ހަރަކާތްތައް ފެނިގެން ދިޔައެވެ. އެ ފުރުސަތު ލިބުނީ ހަބޭސް ބޮޑު ބެރު ގްރޫޕްގެ ރައްޓެއްސެއްގެ ފަރާތުން ކަަމަށް ޒާރާވަނީ ބުނެފައެވެ. އަދި މިހާތަނަށް ހުށަހެޅުނު އެންމެ ކަމުދާ ހުށަހެޅުމަކީ މިފަހަރު ބޮޑު ޢީދު ޕްރޮމޯޓް ކުރަން ތައްޔާރު ކުރި ލަވަ ކަމަށް ޒާރާ ވަނީ ބުނެފައެވެ.ޒާރާ ބުނާ ގޮތުން އެ ލަވަޔަކީ އޭނާގެ އިތުރުން މުޅި ޓީމާއި، ރަށުގެ އެންމެންގެ ބުރަ މަސައްކަތް ފެނިގެންދާ ހިތްގައިމު ލަވައެކެވެ.

ޒާރާގެ ބައެއް ނެށުންތަކުގެ ތެރެއިން

ޒާރާ ބުނާ ގޮތުން ނެށުމަކީ އޭނާ އަށް އާއިލީ ކަމެކެވެ. "ނެށުމުގެ ހުނަރު ލިބެނީ މާމަ ފަރާތުން، މާމައަކީ ވެސް ބަނޑިޔާ ގްރޫޕްގަ ނަށާއުޅުނުމީހެއް" ކަމަށް ފާހަގަކޮށް އޭނާގެ ހުނަރުގެ ކްރެޑިޓް އޭނާ ހިއްސާކުރީ އޭނާގެ އާއިލާ އާއިއެވެ. ޒާރާ ބުނާގޮތުން އޭނާ ނަށަނީ ވަކި މީހެއްގެ ނެށުން ބަލައިގެންނެއް ނޫނެވެ. ޒާރާގެ ނެށުމުން ފެންނަ އަމިއްލަ ވަންތަކަން ބަލާލުމުން އެކަން އެނގިގެންދެއެވެ. މީސްމީޑިއާގައި ލިބުނު ކުއްލި މަޤްބޫލުކަމާއި އެކު އޭނާ އަށް ޕޮޒިޓިވް ކޮމެންޓްތަކާއި ނެގެޓިވް ކޮމެންޓްތަކާއި ކުރިމަތިލާން ޖެހުނުކަން ފާހަގަކޮށް ޒާރާ ބުނީ ނެގެޓިވް ކޮމެންޓްތަކުން ހިތް ނުތަނަވަސްވާ ކަމަށެވެ. އެހެންނަމަވެސް އެއަށް ބުނާނެ އިތުރު އެއްޗެއް ނެތް ކަމަށް ޒާރާ ބުނެއެވެ. ޒާރާ ބޭނުމީ ރަނގަޅު ފައްސި ވިސްނުމެއްގައި އޭނާގެ ހުނަރާއި އެކު ކުރިއަށް ދާށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް