ކ. މާލެ
|
10 މެއި 2025 | ހޮނިހިރު 13:06
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގެ ތެެރެއިން
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގެ ތެެރެއިން
ރާއްޖެއެމްވީ
އިންޑިއާ-ޕާކިސްތާން ހަނގުރާމަ
އިންޑިއާ ޕާކިސްތާން ހަނގުރާމައިގައި ރާއްޖެ އޮތީ ކޮން ކޮޅެއްގައި ކަމެއް ސަރުކާރަށް ނުބުނެވުނު
މިހާރު ކުރިއަށްދާ ހަނގުރާމައިގައި ރާއްޖެ އޮތީ އިންޑިއާ ފަޅީގައިތޯ ނުވަތަ ޕާކިސްތާންގެ ފަޅީގައިތޯ އެހުމުން ހީނާ ވަނީ އެ ސުވާލަށް ސީދާ ޖަވާބެއް ދެއްވުމަށް ދެކޮޅު ހައްދަވާފައި

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު މިހާރު ކުރިއަށްދާ ހަނގުރާމައިގައި، ރާއްޖެ އިން އޮތީ ކޮން ކޮޅެއްގައި ކަން ބުނެ ދިނުމަށް ދިވެހި ސަރުކާރުން ދެކޮޅު ހަދައިފި އެވެ.

އެކަމާ ގުޅިގެން ރާއްޖެ އެމްވީ އިން ވަނީ ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދުއާ ސުވާލު ކޮށްފަ އެވެ.

އެގޮތުން މި ހަނގުރާމައިގެ ސަބަބުން، ޕާކިސްތާނުގައި ތިބި ދިވެހިންނާއި، ދިވެހި ކިޔަވާ ކުދިންގެ ޙާލު ސަރުކާރުން ބަލަމުން ގެންދޭތޯ އާއި، ހަނގުރާމައިގެ ސަބަބުން ރާއްޖެ އަށް މުދާ އެތެރެ ކުރުމުގައި ދަތިތަކެއް ހުރި ތޯ އާއި، އަދި ރާއްޖެ އޮތީ ކޮން ޤައުމެއްގެ ފަޅީގައި ތޯ ވާނީ ސުވާލު ކޮށްފަ އެވެ.

ޖަވާބުގައި އެންމެ ފުރަތަމަ ހީނާ ފޮނުވީ ފޮރިން މިނިސްޓްރީ އިން ބުރާސްފަތި ދުވަހު ނެރެފައިވާ ނޫސް ބަޔާނެވެ. އޭގައި ބުނެފައި ވަނީ ޕާކިސްތާނުގައި ތިބި ދިވެހި ކިޔަވާ ކުދިންގެ ހާލު ދިވެހި ސަރުކާރުން ބަލަމުން އަންނަ ކަމަށެވެ.

އޭގެ ފަހުން މުދާ އެތެރެ ކުރުމުގައި ދަތިތަކެއް ހުރި ތޯ އަދި ދިވެހި ރާއްޖެ އޮތީ ކޮން ޤައުމެއްގެ ފަޅީގައި ތޯ ކުރި ސުވާލަށް ޖަވާބު ދޭން އެދުމުން ހީނާ ވިދާޅުވީ، އެއްވެސް މުދަލެއް ރާއްޖެ އެތެރެ ކުރުގައި މައްސަލައެއް ދިމާވެފައި ނެތް ކަމަށެވެ.

ހަނގުރާމައިގައި ރާއްޖެ އޮތް ފަޅިއަކާ ގުޅޭ ގޮތުން ހީނާ އެއްޗެއް ވިދާޅު ނުވާތީ، އަނެއްކާ ވެސް އެ ސުވާލު ތަކުރާރު ކުރުމުން ހީނާ ވިދާޅުވީ، ރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ ހާމަކަން ބޮޑު ސިޔާތަކެއް ކަމަށެވެ. އަދި އެތައް ފަހަރު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްްޒު ވަނީ އެ ސިޔާސަތު ތަފްސީލް ކޮށްދެއްވާފައި ކަމަށް ހީނާ ވިދާޅުވި އެވެ.

ހީނާ އެހެން ވިދާޅުވުމުން، މިހާރު ކުރިއަށްދާ ހަނގުރާމައިގައި ރާއްޖެ އޮތީ އިންޑިއާ ފަޅީގައިތޯ ނުވަތަ ޕާކިސްތާންގެ ފަޅީގައިތޯ އެހުމުން ހީނާ ވަނީ އެ ސުވާލަށް ސީދާ ޖަވާބެއް ދެއްވުމަށް ދެކޮޅު ހައްދަވައިފަ އެވެ.

އޭގެ ބަދަލުގައި ކުރީގެ މެސެޖަށް ރިޕްލައި ދެއްވައި ހީނާ ވިދާޅުވީ "މިއީ އޭގެ ޖަވާބަކީ" އެވެ.

އެހެންކަމުން އިންޑިއާ އާއި ޕާކިސްތާނާ ދެމެދު މިހާރު ކުރަމުން އަންނަ ހަނގުރާމައިގައި ރާއްޖެ އޮތީ ކޮން ޤައުމެއްގެ ފަޅީގައި ކަމެއް ބުނެދޭން ދިވެހި ސަރުކާރުން ވަނީ ދެކޮޅު ހަދައިފަ އެވެ.

- ކޮމެންޓް