ބާ ބޫޓެއް ހިފައިގެން ހުރި 30 އަހަރުގެ ޒުވާނާއަކީ ޝަރީފު ޒަރޫއީއެވެ. ޒިންމާދާރު މީހަކަށް ވަނީ ޓައިއެއް އަޅާ އޮފީހެއްގެ މޭޒު ދޮށުގައި ވަޤުތުތަކެއް ހޭދަކޮށްގެން އެކަނި ނޫން ކަމާއި، ތިމާވެއްޓަށް ރައްކާތެރި ވެވެން އޮތް ހަމަ އެކަނި ގޮތަކީ ޕްލާސްޓިކާ ދުރުވެ، ފުޅި އަޅައިގެން ކަނޑުގެ އަޑިއަށް ފީނުން ނޫން ކަން، އޭނާ އެ ދަނީ ކިތަންމެހާވެސް ރަނގަޅަކަށް ސާބިތުކޮށްދެމުންނެވެ. ޝަރީފުގެ މަސައްކަތަކީ ބާ ބޫޓާއި ދަބަސްތަކުގައި ކުރެހުމެވެ. ޝަރީފަށް ލިބިފައި ވާ ކުރެހުމުގެ ހުންނަރުވެރިކަމާއި ފަންނުވެރިކަމުގެ ފެންވަރާ މެދު ސުވާލު އުފައްދާނެ ޖާގައެއް އޭނާ ނުދެއެވެ.
ތޫނިސްއަށް ނިސްބަތްވާ ޝަރީފަކީ ހަމަ އެކަނި ކުރެހުންތެރިއެއް ނޫނެވެ. އޭނާ ވަނީ އެ ހުނަރުވެރިކަމުގެ ފައިދާ އޭގެ އެންމެ އިންތިހާއަށް ލިބިގަތުމަށްޓަކާ، އަމިއްލަ ވިޔަފާރިއެއްވެސް ފަށާފައެވެ. އިތުރު މީހަކާ ބައިވެރިވެގެން، "ކެނެޓީ"ގެ ނަމުގައި ފެށި ވިޔަފާރިއަކީ އަދި ޅަފަތުގެ މަރުހަލާގައި އޮތް ވިޔަފާރިއެކެވެ. ވިޔަފާރީގެ މަޤުޞަދަކީ، ކުރެހުމުގެ ފަންނުވެރިކަން، ތިމާވެއްޓާ ރައްޓެހި ގޮތަކަށް ބޭނުން ކޮށްގެން ބާ ދަބަސްތަކާއި ބޫޓުތައް މަރާމާތު ކުރުމެވެ. ނުވަތަ އާ ދިރުމެއް ގެނެސް ދިނުމެވެ.
ކެނެޓީއަކީ އިންޤިލާބަށް ފަހު ތޫނިސްގެ ބާޒާރަށް ކުރިމަތިވި ހީނަރުކަން ފޫބެއްދުމަށް ޚިދުމަތެއް ދިނުމުގެ ގޮތުން ފެށި ކަމެއް. ހަމަ އެއާ އެކީ ކުނީގެ ގޮތުގައި އުކާލާ ބޫޓުތަކާއި ލެދަރުގެ ސަބަބުން މުޅި ދުނިޔޭގެ ވެއްޓަށް ކުރިމަތިވާ ނުރައްކާވެސް މި އޮތީ ބޮޑުވެފަ. އަހަރަމެން މި ވަނީ އެ ދެ ކަމަށްވެސް ޙައްލެއް ހޯދާ ދީފަ. އަހަރަމެންގެ ޚިދުމަތްތަކުގެ އަސާސީ އަމާޒަކީ ލެދަރު ބޭނުންކޮށްގެން ހަދާފަ ހުންނަ ބޫޓާއި ދަބަސްތަކަށް އާ ދިރުމެއް ގެނެސްދިނުން. ފަންނުވެރި، އަދި ވެއްޓާވެސް ރައްޓެހި ގޮތަކަށް އާ ރޫހެއް ހޯދާ ދިނުން. ކުރިއަށް ވުރެ މާ ނަލަކޮށް އަހަރަމެންނަށް އުފެއްދުންތައް ނެރެވޭޝަރީފު ޒަރޫއީ؛ ތޫނިސްގެ ޒުވާން ވިޔަފާރިވެރިއެއް
މާއްދީ އުފަލަށް ބޭނުން ކޮށް އުޅޭ ދަބަސްތަކާއި ބޫޓުތަކުގެ ސަބަބުން ބޭކާރު ގޮތުގައި އުފެދިގެން ދާ ކުނިބުނީގެ މިންވަރު މަދުކޮށް، ބޫޓާއި ދަބަސްތަކާ މެދު ކަސްޓަމަރުންގެ ހިތުގައި ދެވިފައި އޮންނަ ޤަދާރާއި މަޤާމު ވަރުގަދަ ކުރުމަކީވެސް ޝަރީފު ކުރަމުން ދާ ވިޔަފާރީގެ މަޤުޞަދެކެވެ. ދެމެހެއްޓެނިވި ގޮތެއްގައި، ޒަމާނީ ފަރުމާތައް ގެނެސްދީ، މީގެ ކުރިން ބަޔަކު ބޭނުން ކޮށްފައި ހުރި މުދަލަށް އާ ރޫޙެއް ގެނެސްދިނުމަކީ ޝަރީފުގެ މަސައްކަތެވެ. ބޫޓާއި އަތް ދަބަސް ފަދަ ތަކެއްޗާ މެދު ގުޅުން ވަރުގަދަ ކުރުމަށް އޭނާގެ ކަސްޓަމަރުންނަށް ދަސްކޮށްދެއެވެ.
ކެނެޓީގެ އެންމެ މުހިންމު އެއް މަޤުޞަދަކީ، މުދާ ގަންނަ މީހުންގެ އުޅުމަށް ބަދަލުތަކެއް ގެނައުން. ގަންނަ މުދަލަށް، އެމީހަކު ޒިންމާ ކުރުވުން އަހަރަމެންގެ މަޤުޞަދަކީ. ވެއްޓާ ރައްޓެހި އުފެއްދުންތައް ގަންނަން ހިތްވަރު ދިނުން ބޭނުމަކީ. ހަލުވި ދުވެއްޔެއްގަ ބަދަލު ވަމުންދާ ޒަމާނީ ފެޝަންގެ ދުނިޔޭގެ އަވައިގަ ޖެހުމުގެ ބަދަލުގަ، ރީސައިކަލް ކޮށްފަ ހުންނަ އުފެއްދުންތަކެއް ގަންނަން ބާރު އެޅުމަކީ އަހަރަމެންގެ މަސައްކަތްޝަރީފު ޒަރޫއީ؛ ތޫނިސްގެ ޒުވާން ވިޔަފާރިވެރިއެއް
ކެނެޓީގެ މަސައްކަތް ޝަރީފު ފެށީ 2020 ވަނަ އަހަރުއެވެ. މަސައްކަތް ފެށީ އަމިއްލަ ގޭގެ ހަތަރު ފާރުގެ އެތެރޭގައެވެ. ވިޔަފާރި އިޝްތިހާރުކޮށް މީހުންގެ ސަމާލުކަން ހޯދީ ސޯޝަލް މީޑިއާގެ އެހީގައެވެ. މިއަދު ޝަރީފުއަކީ އޭނާއަށް އަތް ގާތް ކޮށްދޭނެ 10 މެންބަރުންގެ ޓީމެއް ގޮވައިގެން އެންމެ ކުރީގައި ހުރި ޖަޑިބެވެ.
ޝަރީފުއާއި އޭނާގެ ޓީމުން ބާ ބޫޓާއި ދަބަސްތަކަށް އާ ދިރުމެއް ގެނެސް ދެނީ ކަސްޓަމަރުންގެ ޑިމާންޑަށް ބަލައިގެންނެވެ. އެމީހަކު އެންމެ ގަޔާވާނެ ގޮތަކަށެވެ. މީހުން ބޭނުން ނެތިގެން އުކާލާ ބޫޓުތަކާއި ދަބަސްތައްވެސް ޝަރީފު އެއްކުރެއެވެ. ޒަމާނީ ކުރެހުންތަކާއި ފަރުމާތަކުން އާ ދިރުމެއް ގެނެސްގެން، ބާޒާރަށް އެ ސާމާނުތައްވެސް ނެރެއެވެ. ގޮނޑަށް އުކާލާ ބޫޓާއި ދަބަހުގެ ޢަދަދު ދަށް ކުރުމުގެ ބޭނުމުގައެވެ. މި ބާވާތުގެ ތަކެއްޗަކީ، ކުނީގެ ގޮތުގައި އުކާލުމުން ވެއްޓަށް ނޭދެވޭ ގެއްލުންތަކެއް ފޯރުވާ ތަކެއްޗެވެ.
ޝަރީފު އަމާޒު ހިފާފައި ހުރީ މީހުން ބޭނުން ނެތިގެން އުކާލާ އެކި ބާވަތްތަކުގެ ލެދަރު ބޭނުންކޮށްގެން، އޭނާގެ އަމިއްލަ ބޫޓު ބްރޭންޑެއް ތަޢާރަފު ކުރުމާ ދިމާއަށެވެ. އަދި އޭނާގެ ކުޑަކުޑަ ވިޔަފާރި، އެހެން ޤައުމުތަކަށްވެސް ފުޅާ ކުރުމަކީވެސް މިއަދު ޝަރީފު ކުރަމުން ދާ ފޮނި ޢުއްމީދެކެވެ.
ދިރިއުޅުމުގެ އާދަކާދަ ހުންނަ ގޮތުން ކުނީގެ ގޮތުގައި އުކާލާ ތަކެތި އިތުރުވުމުގެ މައްސަލައަކީ މިއަދު މުޅި ދުނިޔެއަށްވެސް ކުރިމަތިލާން ޖެހިފައި ވާ ބޮޑު މައްސަލައެކެވެ. ކުނީގެ މައްސަލައަށް ހައްލެއް ހޯދާ، ކުނިބުނީގެ ސަބަބުން ވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމަކީ ކަމާ ބެހޭ އިދާރާއެއްގެ އެކަނި ޒިންމާއެއް ކަމުގައި އަމިއްލައަށް ނިންމައިގެން ތިބުމުގެ ބަދަލުގައި، ޝަރީފު ފަދައިން ފަރުދީ ޒިންމާ އުފުލުމުގައި ޒުވާނުން ސާބިތުވެއްޖެ ނަމަ، މާ ގިނަ ދުވަހެއް ނުވެ، އެދެވޭ ބަދަލުތަކެއް ފެނިގެން ދާނެއެވެ.