ނޫސްވެރިކަމާއި ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާގައި މަސައްކަތް ކުރުމަކީ ކޮންމެކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ސާބިތު ކަމާއެކު މަސައްކަތުގައި ދެމި ހުރުމަށްޓަކައި، އެތައް ކަމެއް ޤުރުބާންކޮށް، ހީވެސް ނުކުރާ ފަދަ އެތައް ކަމަކާ ކުރިމަތިލާން ޖެހެއެވެ. އެއް ފަރާތަކުން ނުފޫޒު ފޯރުވިއްޔާ އަނެއް ފަރާތުން ބިރު ދައްކައެވެ. ތާއަބަދުމެ، ފުރާނަ ގެއްލި ހިނގައިދާނެ ކަމުގެ ބިރު ވަށާލާފައި އޮންނަ ފަހަރުވެސް އާދެއެވެ. ސޯމާލިޔާއަކީ މި ދެންނެވި ގޮތަށް، ނޫސްވެރިއެއް ނުވަތަ ރިޕޯޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށް އެންމެ ނުރައްކާތެރި މަންޒިލްތަކުގެ ތެރޭގެ ލިސްޓުގެ އެންމެ ކުރިން ޖާގަ ހޯދާ އެއް ޤައުމެވެ. ކަން އެހެން އޮތް ނަމަވެސް، ސޯމާލިޔާގައި ދާދި ފަހުން ވަނީ، ވަރަށް އާދަޔާ ޚިލާފު، ނިއުސްރޫމެއް ހިންގަން ފަށާފައެވެ.
ފަތުޙީ މުޙައްމަދު އަހުމަދަކީ، މި ދެންނެވި 'ބިލާން' ނިއުސްރޫމްގައި މަސައްކަތް ކުރާ މީހެކެވެ. އެ ނިއުސްރޫމްގައި މުޅިންވެސް މަސައްކަތް ކުރަނީ ފަތުޙީ ފަދައިން، އަންހެން މުވައްޒަފުންނެވެ. އާދަޔާ ޚިލާފޭ މި ދެންނެވީ އެ ސަބަބާ ހެދިއެވެ. މިއީ މުޅި ސޯމާލިޔާގައިވެސް ހުޅުވި މިފަދަ އެންމެ ފުރަތަމަ ސްޓޭޝަންއެވެ. މުޅި ސްޓޭޝަން ހިންގަނީ އަންހެނުންގެ މަސައްކަތުންނެވެ. އެފަދަ ތަނެއްގައި ފަތުޙީ މަސައްކަތް ކުރާ ވާހަކަ ބުނުމުން، ގިނަ ފަހަރަށް ކޮންމެ މީހަކުވެސް ކޮށްލަނީ މަލާމާތެކެވެ. ޖަހާލަނީ ހިނިގަނޑެކެވެ. ބިލާން މީޑިއާގައި ފަތުޙީ މަސައްކަތް ކުރަނީ ޗީފް އެޑިޓަރެއްގެ ގޮތުގައެވެ. އެންމެ ހޫނު ޚަބަރުތަކާއި، ތަފްސީލީ ފީޗަރ ރިޕޯޓްތައްވެސް އެ ނިއުސްރޫމުން ގެނެސްދެއެވެ.
'ބިލާން'ގެ މާނައަކީ އަލި އަޅުވާލުމެވެ. ސްޓޭޝަން އުފެއްދި ފަހުން މި ވޭތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ބިލާންއިން ވަނީ، ތަފާތު، ހައްސާސް އެތައް މައްސަލައަކަށް އަލި އަޅުވާލާފައެވެ. އެގޮތުން އަންހެނުންގެ މެދުގައި އުފެދިފައި އޮތް ޑްރަގް ވަބާގެ ބަލިމަޑުކަމާއި، އެޗްއައިވީ ޖެހިފައިވާ އަންހެނުންގވެ މައްސަލައާއި، އަންހެނަކަށް ވީތީ ޤުދުރަތީ ގޮތުން ހަށިގަނޑަށް އަންނަ ބަދަލުތަކުގެ ތެރެއިން ޙައިޟުގެ ދުވަސްވަރާ ގުޅިގެން އަންހެނުން ލަދުގަންނަވަމުން ދާ މައްސަލަ ފަދަ އެތައް ކަމަށް ބިލާން މީޑިއާއިން އަލި އަޅުވާލައެވެ.
މިއަދު އަލިއަޅުވާލަމުން މިދާ މައުޟޫޢު ހޮވީ އަހަރަމެންނަށް ސޯމާލިޔާ މީހުން އެނގޭތީ. އެމީހުންނަށް، އަންހެން މައްސަލަތަކާ ގުޅުންހުރި ކަންކަމަކީ ލަދުވެތި ކަމެއް. އަންހެން ކުދިންގެ މައްސަލަތަކުގެ ވާހަކަ ދައްކަން ބޭނުން ނުވާތީ، މިސާލަކަށް ފުރާވަރުގެ އުމުރުގެ ކުދިންގެ ކިބައިން ފެންނަ އަލާމާތްތަކާއި މައްސަރު ކަންތައް ފަދަ ކަންކަމުގެ ވާހަކަދައްކާކަށް އެމީހުން ބޭނުމެއް ނޫން. އަންހެން ކުދިންނަށް، އަންހެންވަންތަކަމުގެ އާދައިގެ އަލާމާތްތަކާ ބެހޭ ގޮތުން ދަސްކޮށްދީފައެއް ނުހުރޭ. އަހަރަމެން، އެމީހުންނަށް ދަސްކޮށް މި ދެނީ އެފަދަ ބަދަލުތައް ތަޖުރިބާ ކުރެވުމުން، އެކަންކަމާ ހައިރާން ނުވާން، ނުވަތަ ބިރު ނުގަންނާން. މިއީ ސްކޫލްތަކުގައި ކިޔަވައިދޭ ކަމެއް ނޫން. މައިން ވެސް، އެމީހުންގެ އަންހެން ދަރިންނަށް މި ފުރުޞަތެއް ނުދޭފަޠުޙީ މުޙައްމަދު އަހުމަދު؛ ބިލާން މީޑިއާގެ ޗީފް އެޑިޓަރ
ތަރައްޤީ އާ ބެހޭ އދގެ މަޝްރޫޢު (ޔޫއެންޑީޕީ) ގެ އެހީ ލިބުނު ކަމުގައި ވީ ނަމަވެސް، މީޑިއާގެ މައިދާނުގައި ބިލާންއިން ކުރަމުން ދަނީ މާ ފަސޭހަ ދަތުރެއް ނޫނެވެ. ރިޕޯޓަރޒް ވިތައުޓް ބޯޑަރޒްގެ ރެކޯޑްތަކަށް ބަލާއިރު، މުޅި އެފްރިކާ ސަރަޙައްދުގައިވެސް ނޫސްވެރިންނަށް އެންމެ ނުރައްކާ މަންޒިލަކީ ސޯމާލިޔާއެވެ. 2010 ވަނަ އަހަރަށް ފަހު އެކަނިވެސް، 50 އަށް ވުރެ ގިނަ ނޫސްވެރިން ވަނީ މަރާލާފައެވެ.
ގައުމެއްގެ އާބާދީގެ ނިސްބަތުން، މަރާލެވޭ ނޫސްވެރިންގެ މަރުގެ މައްސަލަ ހައްލުނުވާ އަދަދު މިންކުރާ ގްލޯބަލް އިމްޕުނިޓީ އިންޑެކްސްގައި، ދަ ކޮމިޓީ ޓު ޕްރޮޓެކްޓް ޖަރނަލިސްޓްސްއިން ސޯމާލިޔާ ގިންތި ކޮށްފައި ވަނީ އެންމެ ފުލުގައެވެ.
ފިރިހެނުންނަށް އިންތިހާ ބާރާއި ނުފޫޒު ލިބިފައި އޮތް މުޖުތަމަޢެއް އޮންނަ ސޯމާލިޔާގައި، އަންހެނުންގެ މައްސަލަތަކާ ބެހޭ ގޮތުން ޢާންމު ޕްލެޓްފޯމްތަކުގައި މަޝްވަރާކޮށް ހެދުމަކީ މާ ފަސޭހަ ކަމެއް ނޫން ކަން ފަތުޙީ ފާހަގަ ކުރިއެވެ.
މި ވާހަކައިން އާންމުންނަށް އަސަރުކުރާނެކަން އެނގުނީ، މިއީ އާންމުން ނުދައްކާ، ސީރިއަސް މައުޟޫއަކަށް ވާތީ. ދެއްކި ވާހަކަތައް އާންމު ކުރަން، ބަސްމަގު ބޭނުންކުރުމުގަ މައްސަލައެއް ދިމާވި. ދެން އަޅުގަނޑު ހިތަށް އެރީ، މިއީ އާދައިގެ ކަމެކޭ… އެއީ އަންހެން ކުދިންގެ ފުރާވަރުގެ ދުވަސްވަރު، އެއީ އަންހެން ކުއްޖަކު ޕީރިއަޑް ވެގެން އިތުރު އެތައް އަހަރެއް ވަންދެން މިކަން ދެމިގެންދާނެ ކަމެއް. މިކަމުގެ ސަބަބުން ސިއްހީ ގޮތުން އަސަރުތަކެއް ކުރާތީ، ވާހަކައިގެ ބުރުދަނާއި، ވާހަކަ ވާސިލްވާން ބޭނުންވާ ތަންތަން ދައްކަމުން ވަކި ބަސްތަކެއް ބޭނުން ކުރުމުގެ ހިތްވަރު ލިބުނީފަޠުޙީ މުޙައްމަދު އަހުމަދު؛ ބިލާން މީޑިއާގެ ޗީފް އެޑިޓަރ
އަންހެނުންނަށް ދިމާވާ ޙައިޟުގެ ކަންކަމާ ގުޅޭ ގޮތުން ބިލާންއިން ތައްޔާރު ކުރި ކޮންޓެންޓަކީ، އެ މީޑިއާއިން މިހާތަނަށް ކުރި އެންމެ ކާމިޔާބު އެއް މަސައްކަތެވެ. ފޭސްބުކްއަށް ދޫކޮށްލި އެ ވީޑިއޯއަށް، 130000 އަށް ވުރެ ގިނަ ވިއުޒްއާއި އެތައް ކޮމެންޓެއް ވަނީ ލިބިފައެވެ.
ފުރަތަމަވެސް ބިރުވެރިކަމެއް އިހުސާސް ކުރެވުނީ، އަހަރެންގެ މައްސަލަތައް މުދައްރިސާ ހިއްސާކުރަން. އެކަމުގަ އެންމެ ފުރަތަމަ ވީ ނާކާމިޔާބު. ދެން އަހަރެން އަނެއްކާވެސް އޭނާ ގާތަށް ގޮސް ބުނީ. ދެން އެ ވާހަކަ ދިޔައީ ޕްރިންސިޕަލްއާ ހިސާބަށް. އަދި މައްސަލަ ހައްލުވެސްވި… ލަދުވެތިކަމާއި ބިރުވެރިކަން އިޙްސާސް ނުކުރާން ދަރިވަރުންނަށް އިލްތިމާސް ކުރަން. މުދައްރިސުންގެ ގާތަށް ގޮސް އެމީހުންގެ މައްސަލަތައް ހިއްސާ ކުރޭމާރިޔާ ޢަބްދުﷲ ޖާމާ؛ 19 އަހަރުގެ ދަރިވަރެއް
އެ ވީޑިއޯގެ ކާމިޔާބީތަކަށް ބަލާއިރު، ސޯމާލިޔާގެ ވިމެންސް މިނިސްޓްރީއިން ވަނީ ބިލާން މީޑިއާއާއެކު، މީހުން ހޭލުންތެރި ކުރުވުމުގެ ކެމްޕޭން ހިންގުމުގައި ބައިވެރިވާން ހުށަހަޅާފައެވެ. އަދި އިސްލާމީ އިމާމެއްގެ ތާޢީދުވެސް އެ މީޑިއާއަށް ވަނީ ލިބިފައެވެ.
ޖެންޑާ އެކްޓިވިސްޓް، އިފްރާ އަހުމަދު ފާހަގަ ކުރާ ގޮތުގައި، އަންހެނުންނާއި އަންހެން ކުދިންނާ ގުޅޭ މައްސަލަތަކަށް އިސްކަން ނުދޭ ގައުމެއްގައި ބިލާން ފަދަ ޖަމާޢަތެއް އޮތުން މުހިންމެވެ.
ސޯމާލިޔާގެ އަންހެނުންނާއި އަންހެން ކުދިންގެ އާބާދީއަކީ އިންތިހާ އަނިޔާއާއި ފުރައްސާރަ ތަޙައްމަލު ކޮށްފައި ވާ، އަދި މިހާރުވެސް ކުރަމުންދާ ބައެކެވެ. ސޯމާލިޔާގެ އަންހެން ކުދިންގެ ތެރެއިން 9 އަހަރާއި 15 އަހަރާ ދެމެދު ޢުމުރުފުރާގެ 98 ޕަސެންޓް ކުދިންނަކީ ޚިތާނު ކޮށްފައި ވާ ޖިންސީ ގުނަވަން ކަނޑާފައި ވާ ކުދިންނެވެ. ޖިންސީ ގޯނާއާއި އަނިޔާގެ މައްސަލައަކީ ބޮޑުވެފައި އޮތް މައްސަލައެކެވެ. އަންހެން ކުދިންގެ އާބާދީގެ 35 ޕަސެންޓަށް ވުރެ ގިނަ ކުދިންނަކީ، ޅަ ޢުމުރުގައި ކައިވެނި ކުރަން މަޖުބޫރުވާ ކުދިންނެވެ. އަދި ކޯޓުތަކުގެ ތެރެއިން އެކަން ހުއްޓުވާނެ ޤާނޫނީ އޮނިގަނޑެއްވެސް ސޯމާލިޔާގައި ނެތެވެ.