ކ. މާލެ
|
7 ޖުލައި 2023 | ހުކުރު 23:23
އިދިކޮޅުން ބޭއްވި މުޒާހަރާއެއްގެ ތެރެއިން
އިދިކޮޅުން ބޭއްވި މުޒާހަރާއެއްގެ ތެރެއިން
ރާއްޖެއެމްވީ
މުޒާހަރާކުރުން
މުޒާހަރާ ވެސް ކުރަންވީ، އެކަމަކު ރައްޔިތުންނަށް އުނދަގޫ ނުވާނެހެން!
މުޒާހަރާ ކުރާ މީހުންގެ ހައްގުތައް އޮންނަ ފަދައިން އާންމުން ރައްޔިތު މީހާގެ ވެސް ހައްގު އޮވޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއި އަޅާބަލާއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ހިޔާލުފާޅުކުރުމުގެ ފުރުސަތު އެބައޮތެވެ. ފާއިތުވި ހަތަރު އަހަރު ވެސް ފެންނަމުންދިޔަ މަންޒަރަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ތަން މިނަށް ދީފައި އޮތް މަންޒަރެވެ. އެމަނިކުފާނާ އިދިކޮޅު މީހުން "ބޭނުން އެއްޗެއް ކިޔަން" އެ ފުރުސަތު އެމީހުންނަށް ވަނީ ދީފައެވެ. އިދިކޮޅު ޓީވީ ޗެނެލްތަކުން ވެސް އެމަނިކުފާނުގެ އަބުރު ކަތިލަމުންދާއިރު ވެސް އެކަމަކާއި މި ސަރުކާރުން އަޅައެއް ނުލައެވެ. އެމީހުން ވެސް ގެންނަން ބޭނުން ހުރިހާ ރިޕޯޓުތަކާއި "ދޮގު ޚަބަރު" ގެނައުމުގެ ފުރުސަތު ވެސް އޮވެއެވެ.

މުޒާހަރާތައް ކުރުމަށް ވެސް ފުރުސަތު އޮންނަނީ ދީފައެވެ. އެ ފުރުސަތު ފަހިކޮށްދީފައެވެ. އެހެންނަމަވެސް މިކަމުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ މަންޒަރު ވެސް ފެނިގެން އެބަދެއެވެ. އިދިކޮޅު ކޯލިޝަނުން މުޒާހަރަތައް ކުރަނީ ރައްޔިތުންނަށް އުނދަގޫވަނެހެން މަގުގެ މެދުގައި ތިބެގެންނެވެ. ވެހިކަލްތަކަށް ދިޔުމަށް ޖާގައެއް ނުދީއެވެ. އެހެންވުމުގެ ސަބަބުން މަގު ވަނީ ބްލޮކްވެ، ޓްރެފިކަށް ބާރު ބޮޑުވެގެންދެއެވެ. އާންމުން ދަތުރުފަތުރުކުރާ ބަހަށް ވެސް ދިޔަ ނުދީ މުޒާހަރާ ކުރުމުގައި އެމީހުން ދެމިތިބެއެވެ. ގިނަ މީހުންނަކީ ކަނޑައަޅާފައި އޮންނަ ވަކި ވަގުތަކަށް ތަނަކަށް ދާން ޖެހޭ މީހުންނެވެ. އާއިލާ މީހުން ކައިރިއަށް ވިޔަސް ޑޮކްޓަރަށް ދެއްކުމަށް ވިޔަސްމެއެވެ. މިހެންވުމުގެ ސަބަބުން އާންމު ރައްޔިތުންނަށް އިންތިހާއަށް އުނދަގޫވެއެވެ.

އިދިކޮޅު ޕީޕީއެމްގެ މުޒާހަރާގެ ބައިވެރިން ބަސް ދަތުރަށް ހުރަސް އަޅާތީ އެމްޓީސީސީއިން ކަންބޮޑުވުން ފާޅުކޮށް، އެކަން ހުއްޓުވާ ދިނުމަށް ވެސް މީގެކުރިން އެދިފައިވެއެވެ. ބަސް ހުއްޓުވާ އިދިކޮޅު މުޒާހަރާގެ ބައިވެރިން އަޑުގަދަކުރާ މަންޒަރު ފެންނަ ވީޑިއޯ އެއް ވަނީ މީސްމީޑިއާގައި ދައުރުވެފައެވެ. އެ ވީޑިއޯ ހިއްސާކުރައްވާ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މީގެކުރިން ވިދާޅުވީ އިދިކޮޅު ޕީޕީއެމް، ޕީއެންސީން ބާއްވަމުން އަންނަ ސިލްސިލާ މުޒާހަރާތަކުގައި ޓްރެފިކަށް ހުރަސް އެޅުމަކީ އާއްމު ކަމަކަށް ވެފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ވަކި ގަޑިތަކަކަށް ތަންތަނަށް އާއްމުން ގެންދަން ދަތިވާ ކަމަށް ވެސް އާޒިމް ވަނީ ވިދާޅުވެފައެވެ. އާޒިމް ވަނީ އެގޮތަށް އަމަލު ނުކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި އެފަދަ އަމަލުތައް ހިންގާ ޢާންމުންނަށް އުނދަގޫވާނެހެން ޢަމަލުކުރަމުންދާ މީހުންނަށް ފިޔަވަޅު އަޅައި ދިނުމަށާއި އެކަން އިސްލާޙުކުރުމަށް އޭނާ ވަނީ ފުލުހުންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.

މިހެން އަމަލުކުރުމުން މިއީ މުޒާހަރާ ކުރަން އޮންނަ ނުވަތަ ޑިމޮކްރޮސީގެ އާންމު އުސޫލާ ވެސް ހިލާފުކަމެކެވެ. މުޒާހަރާ ކުރާ މީހުންގެ ހައްޤުތަކެއް އޮންނަ ފަދައިން އާންމުން ރައްޔިތު މީހާގެ ވެސް ހައްޤެއް އޮވެއެވެ. ވަކި މީހެއްގެ ހައްޤެއް ގެއްލިގެން، އެ ހައްޤު ހޯދައިދިނުމަށް މުޒާހަރާ ކުރާއިރު، އާންމު ރައްޔިތު މީހާގެ ހައްޤަށް އަރައިގަނެވޭނެކަން ހަމަ ނޭނގެނީބާއެވެ. މުޒާހަރާ ވެސް ކުރަންވީ، އެކަމަކު ރައްޔިތުންނަށް އުނދަގޫނުވާނެހެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް