ވޯރލްޑް ބޭނުންކުން ސްރީލަންކާއަށް ބަޖެޓް ސަޕޯޓްގެ ގޮތުގައި 500 މިލިއަން ޑޮލަރު ދިނުމުގެ އެއްބަސްވުމަކާ ހަމައަށް އަތުވެއްޖެއެވެ.
އަންގާރަ ދުވަހު ލަންކާގެ ކެބިނެޓުން ވަނީ މި ނިންމުން ނިންމާފައެވެ. މިއީ މާޗް މަހު، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައި.އެމް.އެފް)އިން ލަންކާއަށް އެހީ ދިނުމަށް އެއްބަސްވި ފަހުން މިހާ ބޮޑު އަދަދެއް ލަންކާއަށް އެހީގެ ގޮތުގައި ލިބޭ ފަހަރެވެ.
22 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ލަންކާއަށް ކުރިމަތިވި އެންމެ ބޮޑު އިގްތިސާދީ ކާރިސާއިން އަރައިގަތުމަށް މަސައްކަތްކުރާއިރު، މިއަހަރު ލަންކާގެ އިގްތިސާދު 2 އިންސައްތަ ދަށަށް ދާނެކަމަށް ވަނީ އަންދާޒާކުރެވިފައެވެ. އަންނަ އަހަރު ލަންކާގެ އިގްތިސާދު ކުރިއަރާނެކަމަށް ލަފާކޮށްފައިވެއެވެ.
ވޯރލްޑް ބޭންކުން ވަނީ ބަޖެޓް ސަޕޯޓުގެ ގޮތުގައި 700 މިލިއަން ޑޮލަރު ދިނުމަށް ނިންމާފައެވެ. މީގެތެރެއިން 200 މިލިއަން ޑޮލަރު ޚަރަދުކުރާނީ ވެލްފެއަރ ޕްރޮގްރާމަށެވެ.
ސަރުކާރުން ބުނެފައިވަނީ މިފަންޑު ލިބިގެންދާނީ ދެ ފަހަރެއްގެ މަތިންކަމަށެވެ.
 
                             
                        
                
    
 
                     
                             
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
