ކ. މާލެ
|
22 ޖޫން 2023 | ބުރާސްފަތި 07:51
އޭސީ މިލާނަށް ކުޅެމުން އަންނަ ޓޮނާލީ
އޭސީ މިލާނަށް ކުޅެމުން އަންނަ ޓޮނާލީ
ރޮއިޓާސް
ނިއުކާސަލް ޔުނައިޓެޑު
ސަންޑްރޯ ޓޮނާލީ އާއެކު ނިއުކާސަލް އެއްބަސްވުމަކަށް
ނިއުކާސަލް އިން ޓޮނާލީ އަށް ހުށަހަޅާނީ ހަ އަހަރު ދުވަހުގެ އެއްބަސްވުމެއް

އޭސީ މިލާނަށް ކުޅެމުން އަންނަ އިޓަލީގެ ޒުވާން ޑިފެންސިވް މިޑްފީލްޑަރު ސަންޑްރޯ ޓޮނާލީ އާއެކު ނިއުކާސަލް ޔުނައިޓެޑަށް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް މީޑިއާތަކުން ބުނެފި އެވެ.

އުމުރުން 23 އަހަރުގެ ކުޅުންތެރިޔާ މިލާނާއެކު ހަދާފައިވާ ފަސް އަހަރުގެ އެއްބަސްވުން ހަމަވާނީ 2026 ވަނަ އަހަރު އެވެ. އެއްބަސްވުމުގައި ބާކީ ތިން އަހަރު އޮއްވާ ޓޮނާލީ ވެސް ބޭނުންވަނީ ނިއުކާސަލަށް ބަދަލުވުމަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ. އޭނާ ހޯދުމުގައި ނިއުކާސަލް އިން މިލާނާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި، މިލާނުން ހުށަހަޅާ އަގު ދެއްކުމަށް ނިއުކާސަލް އިން ހުރީ ތައްޔާރަށް ކަމަށް ވެސް ބުނެ އެވެ. ނަމަވެސް އަގު ކަނޑައަޅާފައި ވަނީ ދެ ކުލަބުގެ ދެމެދުގައި ކުރިއަަށްގެންދިޔަ ދިގު މަޝްވަރާތަކަށްފަހު އެވެ. ނިއުކާސަލް އިން ޓޮނާލީ އަށް ހުށަހަޅާނީ ހަ އަހަރު ދުވަހުގެ އެއްބަސްވުމެކެވެ. އެހެންކަމުން 2029 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާ އެކުލަބުގައި ހުންނާނެ އެވެ. މުސާރަގައި ގޮތުގައި ޓޮނާލީ އަށް ސީޒަނަކު އަށް މިލިއަން ޔޫރޯ ލިބޭނެ ކަމަށް މީޑިއާތަކުން ބުނެ އެވެ.

ބްރެސިކާ ދޫކޮށް އެންމެ ފުރަތަމަ ޓޮނާލީ މިލާނަށް ބަދަލުވީ ލޯނު އެއްބަސްވުމެއްގެ ދަށުން 2020 ވަނަ އަހަރު އެވެ. އެ އެއްބަސްވުމުގައި ވަނީ ދާއިމީ ގޮތެއްގައި އޭނާ ހޯދޭނެ މާއްދާ ހިމަނައިފަ އެވެ. އެހެންކަމުން ލޯނު އެއްބަސްވުމުގެ މުއްދަތު ހަމަވުމުން މިލާނުން ވަނީ ޓޮނާލީ އާއެކު ދާއިމީ އެއްބަސްވުމެއް އެކުލަވާލައިފަ އެވެ. އޭގެ ފަހުން އޭނާ ވަނީ މިލާންގައި ހުނަރުވެރި މޮޅު ކުޅުމެއް ވެސް ދައްކައިފަ އެވެ. މިލާންގައި ހޭދަ ކުރި ތިން ސީޒަންގެ ތެރޭގައި ޓޮނާލީ ވަނީ އެ ކުލަބަށް 130 މެޗު ކުޅެދީ ހަތް ލަނޑު ޖަހައިފަ އެވެ. އޭނާ ވަނީ މިލާނާއެކު އިޓާލިއަން ލީގު ކާމިޔާބުކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް