ކ. މާލެ
|
12 މެއި 2025 | ހޯމަ 08:53
މެޗުގައި ލަނޑު ޖެހުމަށް ފަހު ނިއުކާސަލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށް ފަހު ނިއުކާސަލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓަރސް
ޕްރިމިއަރ ލީގު
ނިއުކާސަލް އަތުން ޗެލްސީ ބަލިވެއްޖެ
މެޗުން ބަލިވެ ޗެލްސީ އޮތީ ލީގު ތާވަލްގެ ފަސް ވަނަ މަގާމުގަ އެވެ. އެހެން ނަމަވެސް، އެ މެޗުން މޮޅުވެ ލީގު ތާވަލްގެ ތިން ވަނަ އަށް ޖެހިލުމުގެ ފުރުސަތު ޗެލްސީ އަށް އޮތެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ ބަލިވެއްޖެ އެވެ.

ނިއުކާސަލްގެ އަމިއްލަ ދަނޑުގައި އާދީއްތަ ދުވަހުގެ ރޭ ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ނިއުކާސަލް އިން އެއް ލަނޑު ޖެހިއިރު، އަނެއް ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗު ފަށައިގެން ދެ ވަނަ މިނެޓުގައި ނިއުކާސަލް އިން ވަނީ ޗެލްސީ ކޮޅަށް ލަނޑު ޖަހައި މެޗުގައި ލީޑު ނަގައިފަ އެވެ. އެ ލަނޑު ނިއުކާސަލް އަށް ޖަހައިދިނީ ސަންޑްރޯ ޓޮނާލީ އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ޖަކޫބް މުރްފީ އެވެ.

މެޗުގައި ޗެލްސީ އަށް އެންމެ ބޮޑު ގެއްލުމެއް ދެއްކީ މެޗުގެ 35 ވަނަ މިނެޓުގައި އެ ޓީމުގެ ނިކޮލަސް ޖެކްސަން އަށް ސީދާ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެވެ. މެޗުގެ ބާކީ ބައި ޗެލްސީން ފުރިހަމަ ކުރަން ޖެހުނީ އެއް ކުޅުންތެރިޔަކު މަދު ކޮށެވެ.

މެޗުގައި ނިއުކާސަލް އިން އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހީ މެޗުގެ އެންމެ ފަހު ވަގުތުގެ ތެރޭގަ އެވެ. ޑަން ބާން ތަނަވަސްކޮށްދިން ފުރުސަތެއްގައި ނިއުކާސަލް އަށް އެ ލަނޑު ޖަހައިދިނީ ބްރޫނޫ ގިމަރޭސް އެވެ.

މެޗުން ބަލިވެ ޗެލްސީ އޮތީ ލީގު ތާވަލްގެ ފަސް ވަނަ މަގާމުގަ އެވެ. އެހެން ނަމަވެސް، އެ މެޗުން މޮޅުވެ ލީގު ތާވަލްގެ ތިން ވަނަ އަށް ޖެހިލުމުގެ ފުރުސަތު ޗެލްސީ އަށް އޮތެވެ.

މިހާތަނަށް ލީގުގައި ކުޅެފައިވާ 36 މެޗުން ޗެލްސީ އަށް ލިބެނީ 63 ޕޮއިންޓެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ހަތަރު ވަނައިގައި މެންޗެސްޓަރ ސިޓީ އަށް ލިބެނީ 65 ޕޮއިންޓެވެ. ޗެލްސީ އަތުން މޮޅުވި ނިއުކާސަލް އަށް ތިން ވަނައިގައި ލިބެނީ 66 ޕޮއިންޓެވެ.

މި ސީޒަންގެ ޕްރިމިއަރ ލީގުގައި ޗެލްސީން އަމާޒު ހިފާފައި ވަނީ ލީގު ތާވަލްގެ ގަދަ ހަތަރެއްގެ ތެރޭގައި ހިމެނި، އަންނަ ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދުމަށެވެ.

- ކޮމެންޓް