ނިއުކާސަލް ޔުނައިޓެޑަށް ކުޅެމުން އަންނަ ސްވިޑެން ގައުމީ ޓީމުގެ ފޯވާޑް، އަލެކްސަންޑަ އިސާކް، އެ ކްލަބްގެ އެބަސްވުން އިތުރު ނުކުރުމަށް ނިންމައިފި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ނިއުކާސަލް އިން ބޭނުން ވަނީ އިސާކް އެ ކުލަބުގައި މަޑުކުރުވާށެވެ. އެހެން ނަމަވެސް އޭނާ މިހާރު ނިއުކާސަލް ގައި މަޑުކުރަން ބޭނުމެއް ނުވެ އެވެ.
އިސާކް ނިއުކާސަލް ގައި މަޑުކުރަން ބޭނުން ނުވާ ސަބަބަކީ އޭނާ އިތުރު ކުލަބަކަށް އައު ތަޖުރިބާއެއް ކޮށްލަން ދިއުމަށް ބޭނުން ވުމެވެ. އިސާކް ނިއުކާސަލްގެ އެއްބަސްވުން އައު ނުކުރަން ނިންމާފައި މިވަނީ އަންނަ ހޫނު މޫސުމުގައި ސްޕެއިންގެ ބާސެލޯނާއަށް ބަދަލުވުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ނިއުކާސަލްގައި މިވަގުތު މޮޅު ކުޅުމެއް ދައްކަމުން އަންނަ އިސާކް ހޯދުމަށް ޔޫރަޕްގެ ބޮޑެތި ބައެއް ކުލަބުތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެތެރޭގައި އާސެނަލް، ލިވަޕޫލް ފަދަ ކުލަބުތަށް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ނިއުކާސަލުން އަންނަނީ އެ ޓީމުގެ ފޯވާޑް އެ ކްލަބްގައި މަޑުކުރުވަން ކުރެވުނުހާ ކަމެއް ކުރަންމުންނެވެ. ދާދި ފަހުން ނިއުކާސަލް އިން ވަނީ އިސާކްގެ ގޯލަކާ އެކު، 2-1 އިން ލިވަޕޫލް ބަލިކޮށް ފުރަތަމަ ފަހަރަށް އިނގިރޭސި ލީގު ކަޕް ކާމިޔާބުކޮށްފަ އެވެ. މިއީ، 70 އަަހަރު ތެރޭ ނިއުކާސަލަށް ލިބުނު ފުރަތަމަ ޑޮމެސްޓިކް ތަށްޓެވެ. މި ކާމިޔާބީގައި އިސާކް ވަނީ މުހިންމު ރޯލެއް ކުޅެފަ އެވެ.
ނިއުކާސަލްގެ ޗެއާމަން، ޔާސިރު އަލް ރުމައްޔާން ބުނީ އިސާކް އަކީ އެ ކްލަބްގެ އަގުހުރި "އެސެޓް" އެއް ކަމަށާއި އޭނާ ވަށައިގެން ނިއުކާސަލުން ޓީމެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނައިރު، އެ ލެވަލްގެ ކުޅުންތެރިއަކު ދޫކޮށްލުމަކީ، ޓީމުގެ ކުރިއެރުމަށް އެޅޭނެ ހުރަހެއް ކަމަށެވެ.
އިސާކް ވަނީ މި ސީޒަނުގައި މިހާތަނަށް ނިއުކާސަލަށް އޭނާ ކުޅެދިން 33 މެޗުގައި 23 ގޯލު ޖަހައިފަ އެވެ. ނިއުކާސަލް އިން ގަދަ ހަތަރެއްގައި ނިންމައި، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް ކުރާ މަސައްކަތުގައި އިސާކް އަކީ މުހިންމު ކުޅުންތެރިއެކެވެ.