ކ. މާލެ
|
20 ޖޫން 2023 | އަންގާރަ 06:24
އިސްރާއިލުގެ ސިފައިން ފަލަސްތީނުގައި ދިން ހަމަލާ
އިސްރާއިލުގެ ސިފައިން ފަލަސްތީނުގައި ދިން ހަމަލާ
އޭއެފްޕީ
އިރާއިލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތައް
އިސްރާއިލުން ފަލަސްތީނުގެ ރެފިއުޖީ ކޭމްޕަކަށް ދިން ހަމަލާ ރާއްޖޭން ކުށްވެރިކޮށްފި
މި ހަމަލާގައި ފަސް މީހަކު ވަނީ މަރުވެފައި
އިސްރާއިލުން ފަލަސްތީނުގެ ރައްޔިތުންނާ މެދު ބާރުގެ ބޭނުން ކުރާތީ ދިވެހި ސަރުކާރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި
ރާއްޖެއާއި ދިވެހިން ތިބޭނީ އަބަދުވެސް ފަލަސްތީންގެ ރައްޔިތުންނާއެކުގައި

ފަލަސްތީނުގެ ޖެނިން ރެފިއުޖީ ކޭމްޕަށް އިސްރާއީލުގެ ސިފައިން ދިން އަނިޔާވެރި ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރި ކޮށްފިއެވެ.

ހޯމަ ދުވަހު އިސްރާއިލުގެ ސިފައިން ޖެނިންގެ ބައެއް ތަންތަން ރެއިޑްކޮށް ދިން ހަމަލާގައި ފަސް މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ. މީގެ ތެރޭގައި ކުޑަކުއްޖަކުވެސް ހިމެނެއެވެ. މި ހަމަލާގައި އިތުރު 91 މީހަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.

އިސްރާއިލުގެ މި ހަމަލާ ކުށްވެރިކޮށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ މި ހަމަލާގައި މަރުވެފައިވާ މީހުންގެ އާއިލާތަކަށް ތައުޒިޔާ ކިޔާފައެވެ. އަދި އިސްރާއީލުގެ މި އަނިޔާވެރި ހަމަލާގައި އަނިޔާލިބުނު ފަރާތްތަކަށް ވަނީ އަވަސް ޝިފާއަކަށް އެދިފައެވެ.

މި ބަޔާނުގައި އިސްރާއިލުން ހިފާފައިވާ ފަލަސްތީނުގެ ސަރަހައްދުތަކުގައި ދިރިއުޅޭ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް އާންމުންނަށް އެ ޤައުމުން ދެމުން އަންނަ އަނިޔާތަކާއި ބާރުގެ ބޭނުން ކުރާތީ ދިވެހި ސަރުކާރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މީގެ އިތުރުން، 1967 ވަނަ އަހަރުގެ ކުރީގެ ސަރަހައްދީ އިމުގެ މައްޗަށް ބިނާވެފައިވާ ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމްކުރުމަށާއި، އެދައުލަތުގެ ވެރިރަށަކީ އިރުމަތީ ޤުދުސްކަމަށް ހެދުމަށް ދިވެހިރާއްޖެއިން އަބަދުވެސް ތާއީދުކުރާނެކަމަށް މި ބަޔާޏުގައި ވަނީ ބުނެފައެވެ. އަދި ރާއްޖެއާއި ދިވެހިން ތިބޭނީ އަބަދުވެސް ފަލަސްތީނާއި އެ ދައުލަތުގެ ރައްޔިތުންނާއެކުގައި ކަމުގެ ޔަގީންކަން ވެސް މި ބަޔާނުގައި ސަރުކާރުން ވަނީ ދީފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް