ކ. މާލެ
|
18 ޖޫން 2023 | އާދީއްތަ 13:22
އިލްޔާސް ބަރްބޫރު؛
އޮޑިހަރު ގެ
ޤަރުނަކަށްވުރެ ޒަމާންވީ ޢާއިލީ އޮޑިހަރު ގޭގައި އިލްޔާސް ހުރީ އަދިވެސް ދޫދޭ ގޮތަކަށް ނޫން!
އަހަރެންގެ ކާފަމެންގެ ޒަމާނުގަ، އިހުގެ މޮޑެލްތައް ހުންނާނީ ފޮނޭޝާ ބޯޓުފަހަރާ ވަރަށް އެއްކަހަލަ ގޮތަކަށް
އެ ޒަމާނަކު މޯޓަރެއް ނުހުންނާނެ. އޭރު ހުންނާނީ ހަމައެކަނި ރިޔަލު ބޯޓުފަހަރު
އެމީހުން ބަނދެ އުޅުނު އެންމެ ބޮޑެތި ބޯޓުފަހަރުގަ ހުންނާނެ ހައެއްކަ، ހަތެއްކަ މީޓަރު

ލުބްނާންގެ އައްސޭރިފަށުގެ ސިޓީއެއް ކަމަށްވާ ޞޫރުގައި ބޯޓު ބަނުމުގެ މަސައްކަތުގައި އުޅޭ އިލްޔާސް ބަރްބޫރު، ކޮންމެ ދުވަހެއްގެ މަސައްކަތް ފަށަނީ އޭނާގެ އަމިއްލަ ޖަނަރޭޓަރު ހިންގައިގަތުމާ އެކީގައެވެ. އެއީ ބޯޓު ބަނުމުގެ މަސައްކަތަށް ބޭނުންވާ ލަކުޑި ކަނޑާ، އެކި ގޮތްގޮތަށް އެ ލަކުޑި ކަނޑާއި ކޮށާއި މަށާ ހެދުމުގެ މަސައްކަތަށް ކޮންމެހެންވެސް ބޭނުން ކަމެކެވެ.

އިލްޔާސްއާއި އޭނާގެ އެއްބަނޑު އެއްބަފާ ތިން ބެއިންނަށް، ބޯޓު ބަނުމުގެ މަސައްކަތަކީ ވާރުތަވި މަސައްކަތެކެވެ. ކާފަގެ ފަރާތުން ބައްޕައަށެވެ. ބައްޕަގެ ފަރާތުން އެ ހަތަރު ބެއިންނަށެވެ. އިލްޔާސްގެ ޢާއިލާއިން ޞޫރުގައި ބޯޓު ބަންނަން އޮޑިހަރު ގެއެއް އެންމެ ފުރަތަމަ ހުޅުވީ 1905 ވަނަ އަހަރުއެވެ.

މި ބޯޓުފަހަރުގެ އަސްލަކީ ފޮނޭޝާ. އަހަރެންގެ ކާފަމެންގެ ޒަމާނުގަ، އިހުގެ މޮޑެލްތައް ހުންނާނީ ފޮނޭޝާ ބޯޓުފަހަރާ ވަރަށް އެއްކަހަލަ ގޮތަކަށް. އެމީހުން ބަނދެ އުޅުނު އެންމެ ބޮޑެތި ބޯޓުފަހަރުގަ ހުންނާނެ ހައެއްކަ، ހަތެއްކަ މީޓަރު. އެ ޒަމާނަކު މޯޓަރެއް ނުހުންނާނެ. އޭރު ހުންނާނީ ހަމައެކަނި ރިޔަލު ބޯޓުފަހަރު
އިލްޔާސް ބަރްބޫރު؛ ބޯޓު ބަނުމުގެ މަސައްކަތް ކުރާ މީހެއް

މިހާރު ޢުމުރުން 60 އަހަރު ފުރިފައި ވާ އިލްޔާސްގެ ހަނދާނުގެ ޞަފްޙާތަކަށް ނަޒަރު ހިންގާ އިރު، ފަތު އަޑު ގޮއްވާލާފައި ޢާއިލީ ވިޔަފާރި ކުރިއަރަމުން ދިޔަ ދުވަސްވަރުގެ ހަނދާންތައް އަދިވެސް ތާޒާއެވެ. އޮޑިހަރުގެއަކީ މިއަދު އިލްޔާސްއަށް އާމްދަނީ ލިބޭ ހަމަ އެކަނި މަސްދަރަށް ވީ ނަމަވެސް، ލުބްނާނަށް ކުރިމަތިލާން ޖެހިފައިވާ މާލީ ކާރިޘާގެ ސަބަބުން، އުފުލަން ޖެހިފައި ވާ ތަކުލީފުތައް މިއަދު ގިނަގުނައެވެ.

މީގެ 15 ވަރަކަށް އަހަރު ކުރިން، ބައްޕަ ހެޔޮ ޙާލުގަ ހުރިއިރު، އަހަރަމެން މަސައްކަތް ކުރަމުން ދިޔައީ ބައްޕައާ އެކީ. އޭރު އަހަރަމެން ބަންނަން އަހަރަކު ހައެއްކަ ބޯޓު. ކޮންމެ ބޯޓެއްގަ ހުންނާނެ 9 ވަރަކަށް މީޓަރު. ބައްޕައާ އެކީ މިކަން ކުރިއިރު، ފަހަރަކު 3 ބޯޓު ބަންނަން. އެކަމަކު، އަދުގެ ހާލަތު އެކަމަށް ތަނެއް ނުދޭ. މަސްވެރިން ކިހިނެއް މިހާރު އާ ބޯޓު ހޯދާނީ؟ ބޯޓުތަކުގެ މިހާރު ވަރަށް ބޮޑު. އަހަރަމެންނަށް މިހާރު ކިރިއާ އަހަރަކު ބޯޓެއް ބަނދެލެވެނީ
އިލްޔާސް ބަރްބޫރު؛ ބޯޓު ބަނުމުގެ މަސައްކަތް ކުރާ މީހެއް

ކޮންމެ ގޮތަކަށް ކަން އޮތް ކަމުގައި ވީ ނަމަވެސް އިލްޔާސް ހުރީ ޢުއްމީދު ކަނޑާލާ ގޮތަކަށް ނޫނެވެ. އޭނާ ޤަބޫލު ކުރާ ގޮތުގައި އެ މަސައްކަތަކީ "ޞޫރުގެ ތަރިކަ"އެކެވެ.

އަހަރަމެން މި ބޯޓު ބަންނަން ފެށީ މީގެ އަހަރެއްހާ ދުވަސް ކުރިން. މި ބޯޓަކީ 200 މީޓަރާއި 300 މީޓަރު ފުން ސަރަޙައްދުތަކުންވެސް މަސްބޭނޭ ގޮތަށް ބަންނަ ބޯޓެއް. މި ބޯޓުގަ ހުންނާނެ، ހުރިހާ ކަހަލަ މަހެއް ބޭނޭ ގޮތަށް، ޚާއްޞަ އާލާތްތަކެއްވެސް ހަރުކޮށްފަ
އިލްޔާސް ބަރްބޫރު؛ ބޯޓު ބަނުމުގެ މަސައްކަތް ކުރާ މީހެއް

އިލްޔާސްގެ އޮޑިހަރުގޭގެ ބޭރުގައި އޮތް ބަނދަރު ސަރަޙައްދުގައި މަސްވެރިންތައް އަވަދިނެތި އުޅެމުން ދިޔައެވެ. އެއްބަޔަކު، އެމީހުންގެ ބޯޓުފަހަރު މަރާމާތު ކުރުމުގެ މަސައްކަތުގައެވެ. މަސް ދާގަނޑުތަކުގައި އެޅިފައިވާ ބާގަނޑުތައް ބެއްދުމުގެ މަސައްކަތުގައި އަނެއް ބަޔަކު ފަރުވާތެރިކަމާއެކު ޝާމިލުވެތިއްބެވެ.

މިހާރު ކުރާނެ މަސައްކަތެއް ނޯވޭ... އެހެންނުވާނީ، މާލީ ގޮތުން ބަލާއިރު، ހުރިހާ އެއްޗެއްގެ އަގު ބޮޑުވެއްޖެ. ހުރިހާ އެއްޗެއްވެސް އެހާ އަގު ބޮޑު. މޮހިރާއި، ލަކުޑިއާއި، ކަފައާއި ކުލައަށް ބެލިއަސް، އަގު އެހާ ބޮޑު. އެހެންވެ، އުފެއްދުންތެރިކަން ދަށަށް ދިޔައީ
އިލްޔާސް ބަރްބޫރު؛ ބޯޓު ބަނުމުގެ މަސައްކަތް ކުރާ މީހެއް

އިމާދު އަލް ޒޫޒޫއަކީ މަސްވެރިކަމުގައި 40 އަށް ވުރެ ގިނަ އަހަރު ދުވަސް ހޭދަ ކޮށްފައި ވާ މީހެކެވެ. އޭނާގެ އެކުވެރިޔަކާ އެކު 2 ހިއްސާ ކުރާ މަސްބޯޓެއްވެސް ގެންގުޅޭ މީހެކެވެ. އިމާދު ބުނި ގޮތުގައި މީގެ ކުރިން 7 ޑޮލަރަށް ލިބުނު މަސް ދާގަނޑެއްގެ އަގު، މިހާރު ވަނީ 28 ޑޮލަރަށް އަރާފައެވެ.

އިހުގަ، މަސްވެރިކަން ވަރަށް ތިޔާގު. އަހަރަމެންގެ ދިރިއުޅުމުގެ ހުރިހާ ކަމެއް ފަރުޖައްސާލަނީ މަސްވެރިކަން ކޮށްގެން. ހުރިހާ އެއްޗެއްގެ އަގު އެހާ ހެޔޮ. އެކަމަކު، މިހާރު، ހުރިހާ އެއްޗެއްގެ އަގު ބޮޑުވެއްޖެ. މަހުގެ ސަޕްލައި ދަށްވެއްޖެ. މިހާރު މި ލިބޭ އެއްޗަކުން ކިރިޔާ ކައިބޮއެ އުޅެލެވެނީ. މާތް ﷲ އަހަރަމެންނަށް ހެޔޮ ރަޙުމަތްލައްވާށި. މިއިން އެންމެ އެއްޗަކަށް ގެއްލުމެއް ލިބުނަސް އަހަރަމެންނަށް ރޮވޭ
އިމާދު އަލް ޒޫޒޫ؛ މަސްވެރިއެއް

މުޅި ޞޫރު ސަރަޙައްދަށް ބަލާ އިރުވެސް، ލަކުޑިން ބޯޓު ބަނުމުގެ މަސައްކަތުގައި ޝާމިލުވެ އުޅެނީ އެ ޢާއިލާއަކަށް އިލްޔާސް ނިސްބަތްވާ ބަރްބޫރުގެ ޢާއިލާއިންނެވެ. ޞޫރަކީ އެންމެ އިހުގެ ޤާދީމީ ވައްޓަފާޅިއަށް ބޯޓު ބަނުމުގެ މަސައްކަތް، މެޑިޓަރޭނިއަން ސަރަޙައްދުގައި ކުރަމުން ދާ ހަމަ އެކަނި ސިޓީއެވެ. ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައި ވާ އޮތެއް ކަމަކު، އިލްޔާސްގެ ޢާއިލާއިން ދަނީ އެ މަސައްކަތުގައި ދެމި ތިބެވޭތޯ މަސައްކަތް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް