ކ. މާލެ
|
12 ޖޫން 2023 | ހޯމަ 11:46
އުތުރު ކޮރިއާގެ ލީޑަރު ކިމް ޖޮންގ އުން
އުތުރު ކޮރިއާގެ ލީޑަރު ކިމް ޖޮންގ އުން
ރޮއިޓަސް
ރަޝިއާ-އުތުރު ކޮރިއާ
ރަޝިއާއެކު ގުޅުން ވަރުގަދަކުރަން އުތުރު ކޮރިއާއިން ވައުދުވެއްޖެ
ކިމް ވަނީ ރަޝިއާއިން ޔޫކްރެއިންގައި ފެށި "އަސްކަރީ އޮޕަރޭޝަނަށް" ފުރިހަމައަށް ތާއިދުކުރާ ކަމަށް ވިދާޅުވެފައި
މިއީ ރަޝިއާގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ކިމް ޕުޓިންއަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައިވާ ވާހަކަތަކެއް
ކިމް ވަނީ ދެގައުމުންވެސް ގެންގުޅޭ ވަރުގަދަ ދައުލަތެއް ބިނާކުރުމުގެ އަމާޒަށް ވާސިލުވުމަށް މަސައްކަތްކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައި

ރަޝިއާއެކު ގުޅުން ވަރުގަދަކުރަން އުތުރު ކޮރިއާއިން ވައުދުވެއްޖެއެވެ.

އުތުރު ކޮރިއާގެ ލީޑަރު ކިމް ޖޮންގް އުން ހުންނެވީ ރަޝިއާގެ ރައީސް ވްލެޑްމިއަރ ޕުޓިން އާއެކު އިތުރަށް ގުޅުން ބަދަހިކުރައްވަން ތައްޔާރައް ކަމަށް އެގައުމުގެ ދައުލަތުގެ މީޑިއާއިން ވަނީ ހޯމަ ދުވަހު ރިޕޯޓުކޮށްފައެވެ.

އުތުރު ކޮރިއާގެ މީޑިއާއިން ރިޕޯޓުކޮށްފައިވާގޮތުން ކިމް ވަނީ ޕުޓިން އާއެކު ދެގައުމުގެ ދެމެދު އޮތް ސްޓްރެޓެޖިކް ކޯޕަރޭޝަން އިތުރަށް ވަރުގަދަކޮށް، ދެގައުމުންވެސް ގެންގުޅޭ ވަރުގަދަ ދައުލަތެއް ބިނާކުރުމުގެ އަމާޒަށް ވާސިލުވުމަށް މަސައްކަތްކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

މިއީ ރަޝިއާގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ކިމް ޕުޓިންއަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައިވާ ވާހަކަތަކެއް ކަމަށް އުތުރު ކޮރިއާގެ ދައުލަތުގެ މީޑިއާއިން ބުނެއެވެ. މިމެސެޖުގައި ކިމް ވަނީ ރަޝިއާއިން ޔޫކްރެއިންގައި ފެށި "އަސްކަރީ އޮޕަރޭޝަނަށް" ފުރިހަމައަށް ތާއިދުކުރާ ކަމަށާއި އުތުރު ކޮރިއާ އިން އަބަދުވެސް އޮންނާނީ ރަޝިއާ އެކު ކަމަށްވެސް ވިދާޅުވެފައެވެ.

ރަޝިއާއެކު އޮތް ގުޅުން ބަދަހިކޮށް އިތުރަށް ވަރުގަދަ ކުރުމަކީ އުތުރު ކޮރިއާއިން އަބަދުވެސް ދައްކަމުން އަންނަ ވާހަކައެކެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރެއިނަށް އެރި ދުވަހުން ފެށިގެން ރަޝިއާގެ އަމަލުތަކަކީ ގައުމުގެ ދިފާއުގައި އަދި ހުޅަނގާއި އެމެރިކާގެ ސިޔާސަތުތަކުގެ ސަބަބުން ރަޝިއާއަށް ކުރަން މަޖުބޫރުވި ކަމެއްކަމަށް ބުނަމުންދާ އެއް ގައުމަކީ އުތުރު ކޮރިއާއެވެ. އެގައުމަކީ ރަޝިއާއިން ޔޫކްރެއިންގައި ކުރަމުންދާ ކަންތައްތައް ސީދާ ކުއްވެރި ނުކުރާ އެއް ގައުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް