ކ. މާލެ
|
5 ޖޫން 2023 | ހޯމަ 08:37
ޖަސްޓިސް ބިލްޑިންގ
ޖަސްޓިސް ބިލްޑިންގ
ރާއްޖެއެމްވީ
ހަންބޯ ކުންފުންޏާ ދެކޮޅަށް ހުށަހެޅި މައްސަލަ
ކޭ-ޕާކް އިމާރާތް ކުރަމުންދާ ހަންބޯ ކުންފުންޏާ ދެކޮޅަށް ހުށަހެޅި މައްސަލައެއް ނާކާމިޔާބުވެ، 10،000 ރުފިޔާ ދޭން ޖެހިއްޖެ
18 ޖުލައިގެ ކުރިން ފައިސާ ދައްކަންޖެހޭ
ވަގުތީ އަމުރެއް ނެރެދެވޭނެ ތަނެއް ނެތް

ކޭ-ޕާކް ރެސިޑެންސް އިމާރާތް ކުރަމުންދާ ހަންބޯ ކުންފުންޏާ ދެކޮޅަށް ސިވިލް ކޯޓަށް މީހަކު ހުށަހެޅި މައްސަލައެއް ނާކާމިޔާބުވެ، ދައުވާލިބޭ ފަރާތުން ކުރި ގާނޫނީ ހަރަދުގެ ގޮތުގައި 10،000 ރުފިޔާ ދިނުމަށް އެމިހާގެ މައްޗަށް ކޯޓުން ހުކުމްކޮށްފިއެވެ.

ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ އެޕާޓްމެންޓެއް ގަތުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން އެޕާޓްމެންޓް ހޯދަން ދައުވާކުރަން ގަސްދުކުރާތީ އެތަން ވިއްކާނުލުމުގެ ވަގުތީ އަމުރަކަށް އެދި އެވެ. ވަގުތީ އަމުރަށް އެދިފައިވަނީ އެޕާޓްމަންޓް ހަވާލުކުރާނެ ކަމަށް އެއްބަސްވި މުއްދަތުގައި ތަން ހަވާލު ވެސް ކޮށްފައިނުވާތީއެވެ.

ނަމަވެސް ސިވިލް ކޯޓުން ބުނެފައިވަނީ އެފަދަ ވަގުތީ އަމުރެއް ނެރެދެވޭނެ ތަނެއް ނެތް ކަމަށެވެ. އެއީ ދައުވާކުރި ފަރާތަށް ގާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޫއީ ހައްގެއް ނުވަތަ ވަގުތީ އަމުރެއް ނެރެނުދިނުމުގެ ސަބަބުން، ވަގުތީ އަމުރަށް އެދޭ ފަރާތަށް އިޔާދަ ނުކުރެވޭނެ ގެއްލުމެއް ލިބެން އޮތް ކަމަށް މި ވަގުތަށް ނެތުމުން ކަމަށް އަމުރުގައިވެ އެވެ.

ހުކުމްގައި ބުނެފައިވަނީ ދައުވާ ލިބިފައިވާ ހަންބޯ ކުންފުންޏަށް 10،000 ރުފިޔާ ދައްކަން ޖެހޭ ކަމަށާއި، މިފައިސާ ލިބިދިނުމުގެ ގޮތުން 18 ޖުލައި 2023ގެ މެންދުރު 2:00ގެ ކުރިން ސިވިލް ކޯޓަށް ދައްކައި ހަލާސް ކުރަންޖެހޭ ކަމަށެވެ.

ހަންބޯ މޯލްޑިވްސްގެ ނަމުގައި ހަދާފައިވާ ފޯޖު ލިޔުންތަކެއް ބޭނުންކޮށްގެން، މަކަރާއި ހީލަތުން އެޕާޓްމަންޓުތައް ވިއްކައި ފައިސާއަށް ހިޔާނާތްތެރިވިކަމަށް ތުހުމަތުކުރާ މައްސަލައެއް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ. މި މައްސަލާގައި އެ ކުންފުނީގެ ދިވެހި ހިއްސާދާރުކަމަށްވާ ހަސަން މަމްދޫހު (މަންޑޭ)އަށް ވައްކަމުގެ ތުހުމަތުކޮށް، ޖިނާއީ ތަހުގީގުކުރުމަށް، ހަންބޯ މޯލްޑިވްސްގެ މައި ހިއްސާދާރު ވަނީ މައްސަލަ ހުށަހަޅާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް