ކ. މާލެ
|
30 މާރޗް 2023 | ބުރާސްފަތި 12:53
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް
ޕީޖީ އޮފީސް
ނަޞޭޙަތުގެ އެއްބަސްވުން ހެދުން
މީހުންނަށް އަދަބު ދިނުން މުހިންމުވާ ފަދައިން އެމީހުން އިޞްލާޙުކޮށް، އަނބުރާ މުޖްތަމަޢަށް ނެރުންވެސް ބޭނުންތެރި: ޕީޖީ
ކުށަކަށް އަދަބެއް ދިނުމުގެ 3 މަޤްޞަދެއް އޮވޭ
މީހަކަށް އަދަބު ދިނުމަކީ ހަމައެކަނި އަދަބެއް ދިނުމަށްޓަކައި ކުރާ ކަމެއް ނޫން
ނަޞޭޙަތުގެ އެއްބަސްވުމެއް ހެދުމުގެ ފުރުޞަތު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ފަހިކޮށްދީފައިވޭ

މީހުން އިސްލާޙު ކުރުމަށްޓަކައި އަދަބު ދިނުން މުހިންމުވާ ފަދައިން، އެމީހުން އިޞްލާޙުކޮށް، އަނބުރާ މުޖްތަމަޢަށް ނެރުންވެސް ބޭނުންތެރިކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ނިއުސްލެޓަރ "އުންސުރު" ގެ މާރޗު މަހުގެ އެޑިޝަންގައި ޕީޖީ ޝަމީމް ވަނީ މި މައުޟޫއަށް އަލިއަޅުވާލާފައެވެ. އެގޮތުން އިންސާނުންނަކީ ކުށް ކުރެވޭނެ ބައެއްކަން ފާހަގަ ކުރައްވައި ޝަމީމް ވިދާޅުވީ، ކުށުގެ ޢަމަލެއް ކުރެވޭ މީހަކަށް އެމީހަކު ކުރި ކަމެއްގެ ނަތީޖާއާ ކުރިމަތިލާންޖެހޭ ގޮތަށް ޤާނޫނީ ނިޒާމު ބައްޓަންކުރަންޖެހެނީ، މުޖްތަމަޢުގެ ތެރޭގައި ވަކި ހަމަތަކެއް ޤާއިމުކޮށް، ރައްކާތެރިކަމާއި އަމާންކަން ކަށަވަރު ކޮށްދިނުމަށް ކަމަށެވެ. 

ޝަމީމް ވިދާޅުވީ، ޤާނޫނީ ނިޒާމުގެ ތެރޭގައި މީހުންނަށް އަދަބު ދިނުން މުހިންމުވާ ފަދައިން، މީހުން އިޞްލާޙުކޮށް، އަނބުރާ މުޖްތަމަޢަށް ނެރުމަކީވެސް ބޭނުންތެރި ކަމެއް ކަމަށެވެ.

އޭގެ އިތުރުން، ކުށުގެ މައްސަލައެއްގައި މީހަކަށް އަދަބު ދިނުމަކީ ހަމައެކަނި އަދަބެއް ދިނުމަށްޓަކައި ކުރާ ކަމެއް ނޫންކަމަށް ޝަމީމް ވިދާޅުވިއެވެ. އެގޮތުން ކުށަކަށް އަދަބެއް ދިނުމުގެ 3 މަޤްޞަދެއް އޮންނަކަން ފާހަގަ ކުރައްވައި ޝަމީމް ވަނީ އެކަންކަމަށްވެސް އަލިއަޅުވާލައްވާފައެވެ.  

ފުރަތަމަ ދެކަމަކީ، ކުށްކުރި މީހާއަށާއި، މުޖްތަމަޢުގެ އެހެން މީހުންނަށް، ކުށުގެ ޢަމަލެއް ކޮށްފިނަމަ، އެކަމުގެ ނަތީޖާއެއް އޮންނާނެކަން އިޙްސާސް ކުރުވުމެވެ. ތިންވަނަ ކަމަކީ، ކުށްކުރި މީހާ އިޞްލާޙުވެ، ކުށުން ދުރުވެ، މުޖްތަމަޢަށް ބޭނުންތެރި މީހެއްގެ ގޮތުގައި އަނބުރާ މުޖްތަމަޢަށް ގެނައުމެވެ. 
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް

ޝަމީމް ވަނީ ނަޞޭޙަތުގެ އެއްބަސްވުމެއް ހެދުމުގެ ފުރުޞަތު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ފަހިކޮށްދީފައިވާކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން މީގެ ކުރީގެ ކުށުގެ ރެކޯޑެއް ނެތިފައި، އެމީހަކަށް ކުރެވުނު ކުށަށް އެއްބަސްވާނަމަ، އެމީހާ ކުށުން ދުރުހެލިވެ، އަލުން އަނބުރާ މުޖްތަމަޢަށް ރުޖޫޢަވުމަށް ބާރު އެޅުމަށްޓަކައި، އޭނާގެ މައްޗަށް ޖިނާއީ ދަޢުވާއެއް ކުރުމުގެ ބަދަލުގައި ނަޞޭޙަތުގެ އެއްބަސްވުމެއް ހެދުމުގެ ފުރުޞަތު ފަހިކޮށްދީފައިވާކަަމަށް ޝަމީމް ވިދާޅުވިއެވެ. 

ޝަމީމް ވިދާޅުވާ ގޮތުގައި ކުދި ކުށްތަކާއި، ނަޞޭޙަތުގެ އެއްބަސްވުން ހެދުމަށް ޤާނޫނުގައި ބުނާ ޝަރުޠުތައް ފުރިހަމަވާ ކުށްތަކުގައި، ނަޞޭޙަތުގެ އެއްބަސްވުމެއްގެ ތެރެއިން، އަދަބު ދިނުމުގެ މަޤްޞަދުތައް ޙާޞިލުވެއެވެ.

އެއީ ދައުލަތާއި މުއްތަހަމަށްވެސް ޚަރަދު ކުޑަވާ ކަމެއްކަމަށް ޝަމީމް ވިދާޅުވިއެވެ. 

އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރަމުންދާހައި ހިނދަކު، ކުށުގެ ރެކޯޑެއް އޮތް ކަމަކަށް ނުދައްކާނެއެވެ. އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، އޭނާ ކުށެއް ނުކުރާ ފަދައެވެ. ވަޒީފާ ލިބުމާއި، އެނޫންވެސް ކަންކަމުގައި، ކުށުގެ ރެކޯޑެއް އޮވެގެން ދިމާވާ މައްސަލަތަކެއް ދިމައެއް ނުވާނެވެ. 
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް

އެގޮތުން ބަލާއިރު، އެއްބަސްވުމުގައި ބުނާ މުއްދަތުގައި އިތުރު ކުށެއް ނުކޮށް ހުރެއްޖެނަމަ، އެމައްސަލައެއްގެ ދަޢުވާއެއް އަލުން ނުކުރާނެ ކަމަށާއި، އެއްބަސްވުމާ ޚިލާފުވެއްޖެނަމަ، އެ މައްސަލައިގެ ދައުވާ ކުރިއަށް ގެންދާނެކަމަށް ޝަމީމް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް