ބައިނަލްއަޤުވާމީ ރަޙުމްތެރިކަމުގެ މެޗުގައި އާޖެންޓީނާ އިން ކިއުރަކާއޯއާ ދެކޮޅަށް ކުޅުނު މެޗުގައި ލިއޮނަލް މެސީ ހެދި ހެޓްރިކާއެކު ޤައުމީ ޓީމަށް އޭނާ 100 ލަނޑު ހަމަކޮށްފި އެވެ.
ބުދަ ދުވަހުގެ ފަތިހު ކުޅުނު މެޗުން އާޖެންޓީނާ މޮޅުވީ 7-0 އިންނެވެ. މެޗުގެ 20 ވަނަ މިނެޓުގައި އާޖެންޓީނާ އަށް ލީޑު ނަގައިދިނީ ކެޕްޓަން މެސީ އެވެ. އެއީ އާޖެންޓީނާގެ ޖިއޮވާނީ ލޯ ސެލްސޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި މެސީ ޖެހި ލަނޑެކެވެ. އޭގެ ތިން މިނެޓު ފަހުން އާޖެންޓީނާ އަށް ދެ ލަނޑު ޖަހައިދިނީ ނިކޮލަސް ގޮންޒާލެޒް އެވެ. 33 ވަނަ މިނެޓުގައި މެސީ އާޖެންޓީނާގެ ތިން ވަނަ ލަނޑު ޖެހީ ގޮންޒާލެޒް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އޭގެ ދެ މިނެޓު ފަހުން ވޯލްޑް ކަޕްގައި ވެސް ވިދާލު އެންޒޯ ފެނާންޑޭޒް ވަނީ އާޖެންޓީނާގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. އެއީ މެސީ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އާޖެންޓީނާގެ ފަސް ވަނަ ލަނޑު ޖަހައި، މެސީ އޭނާގެ ހެޓްރިކް ހަމަ ކުރީ ސެލްސޯ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ދެ ވަނަ ހާފަށް ނިކުމެ އާޖެންޓީނާ އިން ވަނީ ދެ ލަނޑު ޖަހައިފަ އެވެ. އެއީ 78 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއްގައި އެންހެން ޑިމާރިއާ ޖެހި ލަނޑާއި 87 ވަނަ މިނެޓުގައި ގޮންޒާލޯ މޮންޓިއޭލް ޖެހި ލަނޑެވެ. މޮންޓިއޭލް ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދިނީ ޕައުލޯ ޑިބާލާ އެވެ.
މެޗުގައި ޖެހި ތިން ލަނޑާއެކު މެސީ އާޖެންޓީނާ ޤައުމީ ޓީމަށް ޖަހައިދިން ލަނޑުގެ އަދަދު ވަނީ 102 އަށް އަރައިފަ އެވެ. އެއާއެކު މެސީ އަކީ ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރި ކުޅުންތެރިންގެ ތެރެއިން ޤައުމީ ޓީމަށް 100 ލަނޑު ޖަހައިދީފައިވާ ހަމައެކަނި ކުޅުންތެރިޔާ އެވެ.