މޭޖާ ލީގު ސޮކާ (އެމެރިކާ ލީގު)ގައި ނަޝްވީލްއާ ދެކޮޅަށް ކުޅުނު މެޗުން އިންޓަރ މިއާމީ މޮޅުވެއްޖެ އެވެ.
އާދީއްތަ ދުވަހުގެ ފަތިހު ކުޅުނު މެޗު މިއާމީ އިން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި މިއާމީ އިން ލަނޑު ޖަހައި ލީޑު ނަގާފައި ވަނިކޮށް، ދެ ވަނަ ހާފުގައި ނަޝްވީލް އިން ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. ނަމަވެސް ދެ ވަނަ ހާފުގައި ދެ ވަނަ ލަނޑެއް ޖަހައިގެން މިއާމީ ވަނީ މެޗުން މޮޅުވެފަ އެވެ.
މެޗު ފަށައިގެން 17 ވަނަ މިނެޓުގައި މިއާމީ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެއީ މިއާމީ އަށް ލިބުނު ހިލޭ ޖެހުމެއްގައި އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ޖެހި ލަނޑެކެވެ.
ނަމަވެސް މެޗުގެ ދެ ވަނަ ހާފު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ނަޝްވީލް އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ހަނީ މުޚްތާރް އެވެ. އެއީ އެންޑީ ނަޖަރް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.
އޭގެ ފަހުން މެޗުގެ 62 ވަނަ މިނެޓުގައި މިއާމީ އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު ވެސް މިއާމީ އަށް ޖަހައިދިނީ މެސީ އެވެ. މެސީ ވަނީ އެމެރިކާ ލީގުގައި މިއާމީ އިން އެންމެ ފަހުން ކުޅުނު ފަސް މެޗުގައި 10 ލަނޑު ޖަހައިފަ އެވެ.
މެޗުން މޮޅުވެ މިއާމީ އޮތީ ލީގު ތާވަލްގެ ފަސް ވަނައިގަ އެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 19 މެޗުން 38 ޕޮއިންޓާ އެކު އެވެ. ލީގު ތާވަލްގެ އެއް ވަނައިގައި ފިލަޑެލްފިއާ އޮތީ އެ ޓީމު ކުޅެފައިވާ 22 މެޗުން 43 ޕޮއިންޓު ހޯދައިގެންނެވެ.