ކ. މާލެ
|
21 މާރޗް 2023 | އަންގާރަ 23:20
ޕާކިސްތާނުގެ ލާހޫރު
ޕާކިސްތާނުގެ ލާހޫރު
އަލްޖަޒީރާ
އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް އައުން
އަފްޣާނިސްތާނަށް އައި ބާރުގަދަ ބިންހެލުމުގެ އަސަރު އަވަށްޓެރި ގައުމުތަކަށް ކޮށްފި
މި ބިން ހެލުމުގައި އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް އަދި ލިބިފައެއްނުވޭ
ބިން ހެލުމުގެ އަސަރު ކުރި ގައުމުތަކުގެ ތެރޭގައި އިންޑިޔާ އަދި ޕާކިސްތާނު ހިމެނޭ

އަފްޣާނިސްތާނަށް އައި ބާރު ގަދަ ބިންހެލުމެއްގެ އަސަރު އަވަށްޓެރި ގައުމުތަކަށްކޮށްފިއެވެ.

ބިން ހެލުމުގެ އަސަރު ޕާކިސްތާނާއި އިންޑިޔާއަށްވެސް ކޮށްފައިވާކަމަށާއި ބިންހެލުމާއި ގުޅިގެން މީހުން މަގުތަކަށް ނިކުމެފައިވާކަމަށް މަންޒަރު ދުށް މީހުންނާ ހަވާލާދީ އަލްޖަޒީރާއިން ވަނީ ރިޕޯޓްކޮށްފައެވެ.

6.8 މެގްނިޓިޔުޑްގައި އައި މިބިންހެލުމުގައި އަދި މިހާތަނަށް މީހަކު މަރުވެފައިވާކަމަށް ރިޕޯޓްކޮށްފައެއްނުވެއެވެ.

ޕާކިސްތާނުގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން ބުނެފައިވަނީ 6.8 މެގްނިޓިޔުޑްގެ ބިންހެލުމެއް އަފްޣާނިސްތާނުގެ އުތުރު ޕްރޮވިންސާ ދިމާލުން އައިސްފައިވާކަމަށެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސަރވޭއިން ބުނެފައިވާގޮތުގައި އަފްޣާނިސްތާނަށް އައިސްފައިވަނީ 6.5 މެގްނެޓިޔުޑްގެ ބިން ހެލުމެއްކަމަށެވެ. އަދި ބިން ހެލުން އައިސްފައިވަނީ އަފްޣާނިސްތާނުގެ ދެކުނުއިރުމަތީ ސަރަހައްދުން 40 ކިލޯމީޓަރު ދުރުންކަމަށެވެ. އެއީ ޕާކިސްތާނާއި ތަޖިކިސްތާނު ގުޅޭ ބޯޑަރު ސަރަހައްދާ ކައިރި ހިސާބެކެވެ.

މީޑިޔާ ރިޕޯޓްތައް ބުނާގޮތުގައި ބިން ހެލުމުގެ އަސަރު އަފްޣާނިސްތާނުގެ ވެރިރަށް ކާބުލް އާއި ޕާކިސްތާނުގެ އިސްލާމްއާބާދު އަދި ލާހޫރުގެ އިތުރުން އެހެން ސިޓީތަކަށްވެސް ކޮށްފައިވެއެވެ.

މީގެއިތުރުން އިންޑިޔާގެ ވެރިރަށް ނިއުދިއްލީ އާއި ކަޝްމީރުގެ އިންޑިޔާ އަށްވީ ސަރަހައްދަށްވެސް ބިން ހެލުމުގެ އަސަރުކޮށްފައިވާކަމަށް މަންޒަރު ދުށް މީހުންނާ ހަވާލާދީ އަލްޖަޒީރާއިން ވަނީ ރިޕޯޓްކޮށްފައެވެ.

މިދިޔަ އަހަރު އަފްޣާނިސްތާނަށް އައި 6.1 މެގްނިޓިޔުޑްގެ ބިން ހެލުމެއްގައި އެއްހާހަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް