ބީބީސީން ގެނެސްދެމުން އަންނަ ފުޓުބޯޅަ ޝޯ ހޯސްޓުކުރުމުގައި ހަރަކާތްތެރިވަމުން އައި ގެރީ ލިނެކާ ސަސްޕެންޑުކޮށްފިއެވެ.
އުމުރުން 62 އަހަރުގެ ލިނެކާއަށް ބީބީސީން ސަސްޕެންޝަނެއް ކުރިމަތިކުރީ އޭނާ ކުރި ސިޔާސީ ޓްވީޓެއްގެ ސަބަބުންނެވެ. އިންގްލެންޑުގެ ގައުމީ ޓީމަށްވެސް ކުރިން ކުޅެފައިވާ ކުޅުންތެރިޔާ ވަނީ އެ ގައުމުގެ ސަރުކާރުން ނިންމި ސިޔާސަތަކާ ދެކޮޅަށް ބަސް ބުނެ، އެކަމަށް ފާޑު ކިޔާފައެވެ. އެ ގައުމުގެ ސަރުކާރުން ނިންމި ސިޔާސަތަކީ ރެފިއުޖީން ކުދި ބޯޓުތަކުގައި އެ ގައުމުގެ ބޯޑަރު ހުރަސްކުރުން ހުއްޓުވުމެވެ. ލިނެކާ ފާޑު ކިޔާފައިވަނީ އެ ގައުމުގެ ހޯމް މިނިސްޓަރު ދެއްކެވި ވާހަކަފުޅަކަށެވެ. ލިނެކާ ބުނީ ހޯމް މިނިސްޓަރުގެ ބަސްމަގު ހުރީ ވަރަށް ދަށްކޮށް ކަމަށެވެ. އަދި އޭނާ ބުނީ އެ ނިންމުމަކީ ދުނިޔޭގައި އުޅޭ އެންމެ ނިކަމެތި ނުވަތަ ފަގީރު މީހުންނާ ދެކޮޅަށް ނިންމި ނިންމުމެއް ކަމަށެވެ.
އެ ޓްވީޓާ ގުޅިގެން ލިނެކާ ސަސްޕެންޑު ކުރުމަށްފަހު ބީބީސީން ބުނީ، އެ ތަނުގައި މަސައްކަތްކުރާ މީހަކު ސިޔާސީ ޓްވީޓެއްކޮށްގެން ނުވާނެކަމަށެވެ. އަދި ސިޔާސީ ގޮތުން ވަކި އަތަކަށް ޖެހިގެންވެސް ނުވާނެކަމަށާއި، އެއީ ބީބީސީގެ އުސޫލާ ޚިލާފު ކަމެއްް ކަމަށެވެ. ލިނެކާ ސަސްޕެންޑު ކުރުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އެކަމަށް ފާޑުކިޔަމުންނެވެ. އެގޮތުން ކުޅިވަރު ޕްރޮގްރާމެއްގައި ބައިވެރިވާ މީހަކު ސިޔާސީ ގޮތުން އެއްޗެއް ބުނުމަކީ މައްސަލައެއް އޮތް ކަމެއް ނޫން ކަމަށް ބުނެ، ބީބީސީގެ ކުޅިވަރު ޝޯގައި ބައިވެރިވާ ބައެއް މީހުން ވަނީ މިހާރު އެ ޝޯގައި ބައިވެރިނުވާން ނިންމާފައެވެ. އެމީހުން ދެކޭގޮތުގައި ލިނެކާ ކުރި ޓްވީޓުގެ ސަބަބުން އޭނާ ސަސްޕެންޑުކުރުމަކީ ކޮންގެން ވާނެ ކަމެއް ނޫނެވެ.