ބީބީސީގެ ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ލިބުމަކީ އާދައިގެ ކަމެއްނޫނެވެ. އެއީ ކޮންމެ ކޮންމެ މީހަކަށް ނުވާ ކަމެކެވެ. މިއެވޯޑް ލިބުނު މަދު ފުޓްބޯޅަ ކުޅުންތެރިންނަކީ ފުޓްބޯޅައިގެ އެންމެ އުހުގައި ފައިތިލަ ސާބިތުކުރި މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު އެލެކްސް ފާގަސަން އާއި ޖޯޖް ބެސްޓް އަދި ބޮބީ ޗާލްޓަން އާއި ބްރެޒިލްގެ ޕެލޭއެވެ. އަދި އަށް ފަހު އޮލިމްޕިކް ގޯލްޑްމެޑަލް ހޯދި ދުވުންތެރިޔާ ޖެމެއިކާގެ އުސައިން ބޯލްޓަށް ވަނީ 2002 ވަނަ އަހަރު މި އެވޯޑްދީފައެވެ.
ދުނިޔޭގެ ޚަބަރުފަތުރާ އެންމެ މަޝްހޫރު އެއް މީޑިއާ ބީބީސީން މި ފަހަރު މި އެވޯޑް ދޭން ނިންމާފައިވަނީ ލިވަޕޫލާއި ސްކޮޓްލޭންޑްގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަދި ލެޖެންޑް ކެނީ ޑަލްގްލިޝްއަށެވެ. އޭނާ އަކީ ކާކު ހެއްޔެވެ؟ މި އަހަރުގެ އެންމެ ފާހަގަކޮށްލެވޭ ކުޅީވަރު ޝަހުސިއްތަކަށް އޭނާ ހޮވައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ދިނުން އޮންނާނީ މާދަމާނޫން އަނެއް ދުވަހުއެވެ.
އުމުރުން 72 އަހަރުގެ ޑަލްގްލިޝް އަކީ ލިވަޕޫލްގެ ތަރިއެކެވެ. އޭނާ ލިވަޕޫލާ ގުޅުނީ ސްކޮޓްލޭންޑްގެ ސެލްޓިކުން 1977 ވަނަ އަހަރުއެވެ. އެއަށްފަހު ރަތް ޖާޒީގައި އިނގިރޭސި ލީގު އަށް ފަހަރު، ޔޫރަޕުގެ ތަށި ކޯޗެއްގެ ގޮތުންނާއި ކުޅުންތެރިއެއްގެ ގޮތުން ތިން ފަހަރު ހާސިލްކޮށްފައެވެ.
އިނގިރޭސި ކުލަބުތަކުގެ ތެރެއިން ވަރަށް އާދައިގެ ކުލަބެއްގެ ގޮތުގައި އޮތް ބްލެކްބާންއަށް 1995 ވަނަ އަހަރު ޑަލްގްލިޝް ވަނީ ޕްރެމިއާ ލީގު ކާމިޔާބުކޮށްދީފައެވެ. އަދި އޭނާ އަކީ ސްކޮޓްލޭންޑަށް އެންމެ ގިނަ މެޗު ކުޅެދީ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ. ގައުމީ ޓީމަށް 102 މެޗު ކުޅެ 30 ގޯލު ޖެހިއެވެ.
ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ލިބުމަކީ ތެދަށް ބުނާނަމަ ވަރަށް ބޮޑު ޝަރަފެއް. އަހަރެން އަބަދުވެސް ގަބޫލުކުރަނީ ކުޅިވަރުގެ ކާމިޔާބީ އަކީ ވަކިވަކި އިނާމަށްވުރެ ބޮޑަށް ޓީމަށް ލިބޭ ކާމިޔާބުކަމަށް. އެހެންވީމަ އަހަރެންނާއެކު ކުޅުނު ކުޅުންތެރިންނާއި ކޯޗުންނާއި ކުލަބުތަކާ ސަޕޯޓަރުންނާއި ނުލައި މިއަދު އަހަރެންގެ އަގު ވަޒަނެއް ނުކުރާނެ. އެހެންވީމާ މިއީ އެމީހުންގެ އެވޯޑެއްޑަލްގްލިޝް
އޭނާ އުފަންވީ ސްކޮޓްލޭންޑްގެ ގްލާސްގޯ އަށެވެ. ފުޓްބޯޅަ ކުޅެން ފެށީ ސެލްޓިކުންނެވެ. ބްރިޓިޝް ރެކޯޑް ފީއެއް ކަމަށްވާ ހަތަރު ލައްކަ ސާޅީސްހާސް ޕައުންޑް ލިވަޕޫލަށް ބަދަލުވުމުގެ ކުރިން ސެލްޓިކަށް ހަތަރު ފަހަރު ލީގު ހޯދައިދިނެވެ. އޭނާގެ ފުރަތަމަ ސީޒަނުގައި ވެސް ލިވަޕޫލަށް 31 ގޯލު ޖަހައިދިނެވެ. އޭނާ އަކީ ކުޅެމުން، ކޯޗުކޮށްދެމުން ލިވަޕޫލް ގޮވައިގެން މެދުއުޑަށް އެރި ތަރިއެވެ.
ކުޅެންތެރިއެއްގެ ގޮތުގައި ޗޭންޖިން ރޫމަށް ގޮސްފައި، އިރުކޮޅަކުން ކޯޗެއްގެ ގޮތުގައި އޮފީހަށް ދިއުމަކީ ފަސޭހަކަމެއްނޫން. އަހަރެންނަށް އެކަން ކުރެވުނީ ސީނިއާ ކުޅުންތެރިން ދިން އެއްބާރުލުމުގެ ސަބަބުން. އަދި ލިވަޕޫލްގެ ސީނިއާ މީހުންގެ ފަރާތުން ލިބުނު ތަރުހީބު ބޮޑުވުންޑަލްގްލިޝް
އޭނާ ބުނީ ކޯޗަކަށްވުރެ ބޮޑަށް ގަޔާވީ ކުޅުންތެރިއެއްގެ ގޮތުގައި ހުރުމަށް ކަމަށެވެ.
އެކަމަކު އުމުރު މަތިވުމާއި ދިރިއުޅުމަށް އަންނަމުންދިޔަ ބަދަލުތަކާއެކު ސިކުނޑި ބުނަމުންދިޔައީ ބަދަލުވާން. އެއީ ކޯޗުކަން ކުރި ސަބަބަކީޑަލްގްލިޝް
އޭނާ އެންމެ ފަހުން ކޯޗެއްގެ ގޮތުގައި ފެނުނީ ރިޓަޔާކުރިތާ 11 ފަހަރުން އަނެއްކާ ވެސް ލިވަޕޫލުންނެވެ. އެއިރު ޓީމު އޮތީ ތައްޓެއް ނުލިބި ދިގުލައިދިޔަ ދުވަސްތަކެއްގެ ތެރޭގައެވެ. އޭނާ ޓީމާ ހަވާލުވީ މޮޅު ކޯޗަކު ލިބެންދެން ވަގުތީގޮތުންނެވެ. އެކަމަކު ހަތަރު މަހަށްފަހު ޑަލްގްލިޝް ވަކިވީ ލީގު ކަޕް ހޯދައިދީފައެވެ. މިހެންވުމާވެސް އެކު ލިވަޕޫލް މީހުންގެ މެދުގައި އޭނާ އަކީ ރަސްކަލެކެވެ. އެމީހުން ކިޔަނީ ވެސް ކިންގް ކެނީއެވެ.
ވާދަވެރި މެންޗެސްޓާ ޔުނައިޓެޑްގެ އަދި ޕްރެމިއާ ލީގުގެ އެންމެ ކާމިޔާބު ކޯޗު އެލެކްސް ފާގަސަން ބުނީ އެއީ ލިވަޕޫލަށް ލިބުނު ޖަވާހިރެއް ކަމަށެވެ.