ކ. މާލެ
|
21 ޑިސެންބަރ 2022 | ބުދަ 00:35
އާޖެންޓީނާގެ ކެޕްޓަން މެސީ ވޯލްޑް ކަޕް ތައްޓާއެކު
އާޖެންޓީނާގެ ކެޕްޓަން މެސީ ވޯލްޑް ކަޕް ތައްޓާއެކު
ރޮއިޓާސް
ބީބީސީ ސްޕޯޓްސް ސްޓަރ
ބީބީސީ އިން ހޮވާ އަހަރުގެ ސްޕޯޓްސް ސްޓަރ އަކަށް ވޯލްޑް ކަޕް އުފުލާލި މެސީ
36 އަހަރަށްފަހު އާޖެންޓީނާ އިން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް މުބާރާތް ކާމިޔާބު ކުރުމުގައި މެސީ ދައުރު ބޮޑު

އިނގިރޭސި ވިލާތުގެ ނޫސް އޭޖެންސީ އެއް ކަމަށްވާ ބީބީސީ އިން ހޮވާ އަހަރުގެ ސްޕޯޓްސް ސްޓަރ އަކަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ހޮވިއްޖެ އެވެ.

މެސީ ވަނީ އޭނާގެ ޤައުމު އާޖެންޓީނާ އާއެކު މިއަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕް މުބާރާތް ކާމިޔާބުކޮށްފަ އެވެ. 36 އަހަރަށްފަހު އާޖެންޓީނާ އިން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް މުބާރާތް ކާމިޔާބު ކުރުމުގައި މެސީގެ ދައުރު ބޮޑެވެ. މުބާރާތުގައި އޭނާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ވެސް ކުޅެމުން އަންނަ މެސީ ވަނީ މުބާރާތުގެ މޮޅު ކުޅުންތެރިޔާއަށްދޭ ގޯލްޑަން ބޯލް ކާމިޔާބުކޮށްފަ އެވެ. މެސީ އަކީ ވޯލްޑް ކަޕްގެ ތާރީޚުގައި ވެސް ދެ މުބާރާތެއްގައި ގޯލްޑަން ބޯލް ހޯދި ފުރަތަމަ ކުޅުންތެރިޔާ އެވެ.

ފުޓުބޯޅައިގައި ސްޕެއިންގެ ގަދަ ބާރު ބާސެލޯނާ އަށް ވެސް ކުރިން ކުޅެފައިވާ މެސީ އަކީ ދުނިޔޭގައި މިހާތަަނަށް އުފެދުނު އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ އެވެ. ވޯލްޑް ކަޕްގެ ފައިނަލްގައި ފްރާންސްއާ ދެކޮޅަށް ކުޅުނު މެޗުގައި މެސީ ވަނީ ދެ ލަނޑު ޖަހައިފަ އެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި މެސީ ވަނީ އޭނާގެ ޕެނަލްޓީ ކާމިޔާބުކޮށް މުޅި ޓީމަށް ބޮޑު އިތުބާރެއް ހޯދައިދީފަ އެވެ. ޕެނަލްޓީގައި އާޖެންޓީނާ އިން ފްރާންސް ބަލިކުރީ 4-2 އިންނެވެ.

ވޯލްޑް ކަޕާއެކު މެސީ ވަނީ އޭނާގެ ތަށި ހަރުގަނޑު ބަރި ފުރިހަމަކޮށްފަ އެވެ. މެސީ ވަނީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާ އަށްދޭ ބެލެންޑޯ އެވޯޑު ހަތް ފަހަރު ކާމިޔާބުކޮށްފަ އެވެ. މިއީ މިހާތަނަށް މި އެވޯޑު އެންމެ ގިނަ ފަހަރު ހޯދި ކުޅުންތެރިޔާ އެވެ. މެސީއާ އެންމެ ގާތުން އެ އެވޯޑު ހާސިލްކޮށްފައި ވަނީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ރޮނާލްޑޯ ވަނީ ބެލެންޑޯ އެވޯޑު ފަސް ފަހަރު ކާމިޔާބުކޮށްފަ އެވެ.

މީގެ އިތުރުން މެސީ ވަނީ އޭނާގެ ކެރިއަރުގައި ޔުއެފާ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ކާމިޔާބުކޮށްފަ އެވެ. ސްޕެނިޝް ލީގު އޭނާ ވަނީ 10 ފަހަރު ކާމިޔާބުކޮށްފަ އެވެ. މިހާރުގެ ކުލަބް ޕީއެސްޖީއާއެކު އޭނާ ވަނީ ފްރާންސް ލީގު ވެސް ކާމިޔާބުކޮށްފަ އެވެ. މެސީ ވަނީ އާޖެންޓީނާ އާއެކު 2021 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތް ވެސް ކާމިޔާބުކޮށްފަ އެވެ.

- ކޮމެންޓް