Advertisement
ކ. މާލެ
|
8 މާރޗް 2023 | ބުދަ 18:15
ހައި ކޯޓު
ހައި ކޯޓު
ރާއްޖެއެމްވީ
ޖުޑީޝަލް ސަރވިސް ކޮމިޝަން
ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށާއި ސިވިލް ކޯޓުގެ އިސް ގާޒީ ކަމަށް ކުރިމަތިލާން ހުޅުވާލައިފި
އިސް ފަނޑިޔާރަށާއި އިސް ގާޒީ ކަމަށް ކުރިމަތިއްލެއްވޭނީ އެ ކޯޓެއްގައި ތިއްބަވާ ފަނޑިޔާރުންނަށް

ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށާއި ސިވިލް ކޯޓުގެ އިސް ގާޒީ ކަމަށް ކުރިމަތިލާން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިވަގުތު އެ ކޯޓުގައި ތިއްބެވި ފަނޑިޔާރުންނަށެވެ. އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް ޖޭއެސްސީން ބުނެފައި ވެއެވެ.

ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމު ހުސްވީ އެ މަގާމުގައި އެންމެ ފަހުން ހުންނެވި ހާތިފް ހިލްމީ ފަނޑިޔާރުކަމުން ރިޓަޔާ ކުރެއްވުމުންނެވެ. އެހެންވެ، އެ ކޯޓު ހިންގުމާ ވަގުތީ ގޮތުން މިހާރު ހަވާލުވެ ހުންނެވީ ފަނޑިޔާރު ހުސައިން ޝަހީދެވެ. ހައި ކޯޓުގެ އިސް ފަނޑިޔާރަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 56،000ރ. ލިބޭނެ އެވެ.

Advertisement

ހައި ކޯޓުގެ އިތުރުން ސިވިލް ކޯޓުގެ އިސް ގާޒީގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ވެސް އޮންނާނީ އެ ކޯޓުގެ ގާޒީންނަށް ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ. އެ ކޯޓުގެ އިސް ގާޒީއެއްގެ މުސާރައަކީ 47،650 ރުފިޔާއެވެ. މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ މި މަހުގެ 19 އާ ހަމައަށެވެ.

ސިވިލް ކޯޓުގެ އިސް ގާޒީއަކަށް ކުރިން ހުންނެވީ އަބްދުﷲ އަލީއެވެ. އޭނާ، ފަނޑިޔާރުކަމުން ރިޓަޔާ ކުރައްވުމުން އެ ކޯޓު ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ ގާޒީ އަހުމަދު ނިމާލް ޖުނައިދުއާއެވެ.

ހައި ކޯޓާއި ސިވިލް ކޯޓުގެ އިތުރުން ކްރިމިނަލް ކޯޓަށް އާ ފަނޑިޔާރުން އައްޔަން ކުރަން ޖޭއެސްސީން މިހާރު އޮތީ ނިންމައިފަ އެވެ. ހައި ކޯޓަށް އައްޔަން ކުރަން ނިންމީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް