މިދިޔަ އަހަރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު ޓެކްސީ ޑްރައިވަރުން އިހުތިޖާޖު ކުރީ ޓެކްސީ ކުލީގެ ގޮތުގައި ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅައިފައި އޮތް އަގަކީ މާ ކުޑަ އަގެއް ކަމަށް ބުނެއެވެ. ޓެކްސީ ޑްރައިވަރުންގެ މި ވާހަކަތައް އަޑުއަހައި، މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި މާލެ ސަރަހައްދުގެ ދަތުރުތަކުގެ އަގުތަކަށް އެ މިނިސްޓްރީން ވަނީ ބަދަލު ގެނެސްފައެވެ. މި ބަދަލާމެދު ބައެއް ޑްރައިވަރުން ވަނީ ހިތްހަމަޖެހޭ ކަމަށް ވެސް ބުނެފައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން އެންމެ ފަހުން ގެނައި ބަދަލާއެކު މިހާރު މާލެ އާއި ހުޅުމާލެ ފުރަތަމަ އަދި ދެވަނަ ފިޔަވަހީގެ އެތެރޭގެ ދަތުރުތަކަށް ޓެކްސީތަކަށް ނެގޭނީ 30 ރުފިޔާއެވެ. އަދި މާލެއިން ހުޅުލެއަށް 70 ރުފިޔާ ނަގާއިރު މާލެއިން ހުޅުމާލެ ފުރަތަމަ ފިޔަވައްސަށް 85 ރުފިޔާ އަދި މާލެއިން ހުޅުމާލެ ދެވަނަ ފިޔަވައްސަށް 100 ރުފިޔާ ނެގޭނެއެވެ. ހަމަ މިގޮތައް ހުޅުމާލެއިން ހުޅުލެއަށާއި ހުޅުމާލެ ފުރަތަމަ ފިޔަވަހިން ދެވަނަ ފިޔަވައްސަށް ދަތުރު ކުރެވޭނެ އަގުތައް ވެސް ކަނޑައަޅައި ޓްރާންސްޕޯޓުން އާއްމު ކުރިއެވެ.
މި ދަތުރުތަކަށް ވަކި އަގެއް ކަނޑައަޅައިފައިވަނީ އުޅަނދުތަކުން ނަގާ އަގު ކޮންޓްރޯލު ކުރުމުގެ ބޭނުމުގައެވެ. ރައްޔިތުންނަށް ބޭނުންވާ އެފަދަ މުހިންމު ޚިދުމަތްތައް އަތްފޯރާފަށުގައި ލިބޭގޮތް ހަދައިދިނުމަށެވެ. އެހެންކަމުން މިފަދަ ގަވާއިދަށް ކޮންމެ ޑްރައިވަރަކުވެސް އަމަލު ކުރަން މަޖުބޫރެވެ. ނަމަވެސް އަދިވެސް ފެންނަނީ ބައެއް ޑްރައިވަރުން އަގާ މެދު ހިތްހަމަނުޖެހި ބޭނުން އަގެއް ނަގާތަނެވެ.
މާލެއިން ހުޅުލެއަށްދާން ނެގޭނީ 70 ރުފިޔާ ކަމަށް ޓްރާންސްޕޯޓުން ކަނޑައެޅި ނަމަވެސް ޚިދުމަތް ދޭނީ 100 ރުފިޔާ ދިނުމުން ކަމަށް ބުނާ ޑްރައިވަރުން ވެސް އުޅެއެވެ. މިފަދަ ޑިމާންޑުތައް ޑްރައިވަރުން ކުރަނީ ރައްޔިތު މީހާ އެ ޚިދުމަތަކަށް އެންމެ ބޭނުން ޖެހިފައި ހުންނަ ހާލަތެއްގައެވެ. އެއީ އެ މީހާއަށްވެސް ދެވަނަ ގޮތެއް ނެތި، އެ އަގަށް އެއްބަސްވާން ޖެހޭ ފަދަ ހާލަތްތަކެވެ. މިސާލަކަށް ބޯކޮށް ވާރޭވެހޭ ދުވަހެއްގައި ކޮންމެހެން ދާން ޖެހިގެން ޓެކްސީ ލިބުމުގައި ދަތިވުމާއި ގަޑިއަށް ތަނަކަށް ދިއުމަށް ދާ ވަގުތުތައް ފަދަ ހާލަތްތަކުގައި އެ ޚިދުމަތް ހޯދާ ފަރާތައް ބޮޑު އަގު ދީފައިވެސް ދާން އެއްބަސްވެވެނީއެވެ.
ޓެކްސީތައް އެކަންޏެއް ނޫނެވެ. މިހާރު އެޕްލިކޭޝަން ބޭނުންކޮށްގެން އުޅަނދުތަކުން، ވޭނާއި ޕިކަޕާއި ސައިކަލު ޓެކްސީގެ ޚިދުމަތްވެސް ދޭއިރު އެފަދަ ޚިދުމަތް ދޭ ޑްރައިވަރުން ވެސް ހިތުހުރި އަގެއް އާއްމުން އަތުން ނަގަން ޑިމާންޑު ކުރެއެވެ.
މިގޮތަށް މިފަރާތްތަކުން އަމަލު ކުރަނީ އެޕްލިކޭޝަން ހިންގާ ފަރާތައް ވެސް ނޭނގިއެވެ. މާލެ ސަރަހައްދުގައި ޓެކްސީ އާއި އެ ނޫން ވެސް އެއްގަމު އުޅަނދުގެ ޚިދުމަތް ދިނުމަށް މިހާރު ތަފާތު މޯބައިލް އެޕްލިކޭޝަން ހަދާފައިވާއިރު ކޮންމެ އެޕްލިކޭޝަނެއްގައި ވެސް އެ އުޅަނދަކަށް ދަތުރަށް ނެގޭނީ ކިހާ ފައިސާއެއްކަން ހާމަކޮށްފައި ހުރެެވެ. އަދި އާއްމުން އެޕްލިކޭޝަން މެދުވެރިކޮށް އެ އުޅަނދެއް ގެންނަނީ ވެސް އެ އަގުގައި ދަތުރު ކުރެވޭނެ ކަމަށް ބަލައިގެންނެވެ.
"ރާއްޖެ އެމްވީ" އާ ވާހަކަދެއްކި ޓެކްސީ އެޕްލިކޭޝަނެއްގެ އިސް ބޭފުޅަކު ވިދާޅުވީ އުޅަނދުތަކުގެ ޑްރައިވަރުންނަށް އަގުތައް އެނގޭނެ ކަމަށާއި އެއަށްވުރެ އިތުރަށް ފައިސާ ކަސްޓަމަރުން އަތުން ނުނެގުމަށް އަންގަވާފައިވާނެ ކަމަށެވެ. ނަމަވެސް މިހާރުވެސް ގިނަ ބައެއްގެ ފަރާތުން ޑްރައިވަރުން އިތުރަށް ފައިސާ ނަގާ ކަމުގެ ޝަކުވާތައް އަންނަ ކަމަށާއި އެގޮތަށް ޝަކުވާތައް ލިބުމުން އެކަންތައްތައް ބަލައި، ފިޔަވަޅު އަޅާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޑްރައިވަރަކާ ވާހަކަދައްކާލުމުން އޭނާ ބުނީ ކަނޑައަޅާފައިވާ އަގަށްވުރެ އިތުރަށް ބުނަނީ ޓްރާންސްޕޯޓުން ކަނޑައަޅާފައިވާ އަގަކީ ދަތުރަށް އެކަށީގެންވާ އަގެއް ކަމުގައި ނުދެކޭތީ ކަމަށެވެ.
މިގޮތަށް ކަނޑައަޅާފައި އޮންނަ އަގަށްވުރެ އިތުރަށް ފައިސާ ނަގާ ޑްރައިވަރުންގެ މައްސަލަތައް ހުށަހެޅުމުން ފިޔަވަޅު އަޅާނެ ކަމަށް މީގެ ކުރިން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ. އެ މިނިސްޓްރީން ބުނެފައިވާ ގޮތުގައި ޓެކްސީ ޚިދުމަތް ރެގިއުލޭޓް ކުރަން ޖެހެނީ އެއީ ސީދާ އާއްމުންގެ މަސްލަހަތާ ގުޅިފައިވާ ޚިދުމަތަކަށްވާތީއެވެ.