ކ. މާލެ
|
4 މާރޗް 2023 | ހޮނިހިރު 09:06
ޖަރުމަނު ލީގުގައި ޑޯޓްމަންޑުން ކުޅުނު މެޗުގެ ތެރެއިން
ޖަރުމަނު ލީގުގައި ޑޯޓްމަންޑުން ކުޅުނު މެޗުގެ ތެރެއިން
ރޮއިޓާރސް
ޖަރުމަނު ލީގު
ލައިޕްޒިގް ބަލިކޮށް، ޑޯޓްމަންޑުން އަނެއްކާވެސް އެއްވަނައަށް
ޑޯޓްމަންޑު އެއްވަނާގައި އޮތީ މިހާތަނަށް ކުޅުނު 23 މެޗުން، 49 ޕޮއިންޓާއެކު

ޖަރުމަނު ލީގުގައި އާރްބީ ލައިޕްޒިގާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ބޮރޫޝިއާ ޑޯޓްމަންޑުން އަނެއްކާވެސް ލީގު ތާވަލްގެ އެއްވަނައަށް ޖެހިލައިފިއެވެ.

ހުކުރު ދުވަހުގެ ރޭ ޑޯޓްމަންޑުގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗަށް ނިކުތްއިރު، އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކާއި، ޑޯޓްމަންޑް އޮތީ ޕޮއިންޓުގެ ގޮތުން ހަމަހަމަވެފައެވެ. އެހެންކަމުން ލައިޕްޒިގު ބަލިކޮށް، އަލުން އެއްވަނައަށް ޖެހިލެވެން އޮތް ފުރުސަތުގައި ޑޯޓްމަންޑުން ވަނީ ލައިޕްޒިގުގެ މައްޗަށް 2-1ން ކުރި ހޯދާފައެވެ.

މެޗު ފަށައިގެން 13 ވަނަ މިނެޓުގައި ޑޯޓްމަންޑުގެ ހޫލިއަން ބްރަންޑްޓް ލަނޑެއް ޖަހައި ލީޑު ނަގައިދިންނަމަވެސް، ވީއޭއާރުން ވަނީ އެ ލަނޑު ބަލައިނުގަންނަން ނިންމާފައެވެ. އޭގެ ފަހުން މެޗުގެ 21 ވަނަ މިނެޓުގައި ޑޯޓްމަންޑުން ލީޑު ނެގީ ލިބުނު ޕެނަލްޓީއަކުންނެވެ. ޕެނަލްޓީ ކާމިޔާބުކޮށް އެ ޓީމަށް ލީޑު ނަގައިދިނީ މާކޯ ރެއުސްއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޑޯޓްމަންޑުން ވަނީ ދެ ވަނަ ލަނޑުވެސް ޖަހާފައެވެ. ހާފުގެ 39 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ފުޅާކޮށްދިނީ އެމްރީ ކޭންއެވެ. މެޗުގައި ލައިޕްޒިގުގެ ހަމައެކަނި ލަނޑު 74 ވަނަ މިނެޓުގައި ޑޭވިޑް ރައުމް ތަަނަވަސްކޮށްދިން ފުރުސަތެއްގައި ޖެހީ އެމީލް ފޯސްބާގްއެވެ.

މެޗުން މޮޅުވެ ޑޯޓްމަންޑު އެއްވަނާގައި އޮތީ މިހާތަނަށް ކުޅުނު 23 މެޗުން 49 ޕޮއިންޓާއެކުއެވެ. ޑޯޓްމަންޑަށްވުރެ އެއް މެޗު މަދުން ކުޅެގެން ދެ ވަނާގައި ބަޔާން އޮތީ 46 ޕޮއިންޓާއެކުގައެވެ. ލީގުގައި ސްޓަޓްބާގާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ، ބަޔާނަށް ޕޮއިންޓުގެ ގޮތުން ޑޯޓްމަންޑާ ހަމަކުރެވޭނެއެވެ. ޑޯޓްމަންޑު އަތުން ބަލިވި ލައިޕްޒިގް އޮތީ 23 މެޗުން، 42 ޕޮއިންޓާއެކު ހަތަރުވަނާގައެވެ.

- ކޮމެންޓް