ކ. މާލެ
|
20 ފެބްރުއަރީ 2023 | ހޯމަ 20:22
މިފްކޯގެ ސްޓޯރޭޖް ރީފަރ ކެރިއަރ
މިފްކޯގެ ސްޓޯރޭޖް ރީފަރ ކެރިއަރ
ރާއްޖެއެމްވީ
މިފްކޯ
ކެޕޭސިޓީ އިތުރު ކުރަން މިފްކޯއަށް 4 ބޯޓު ގެންނަނީ
ޖަޕާނުން ބޯޓަކާއި ތައިލެންޑުން 3 ބޯޓު ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްމާއިލް ވިދާޅުވި

މަސްކިރުމުގެ ކެޕޭސިޓީ އިތުރު ކުރުމުގެ ގޮތުން މިފްކޯއިން ހަތަރު ބޯޓު ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވި ގޮތުގައި ކެޕޭސިޓީ އިތުރު ކުރުމަށް ބޯޓުތައް ގެނައުމަށް ނިންމާފައިވަނީ ޖަޕާނުންނާއި ތައިލޭންޑުންނެވެ. އެގޮތުން ޖަޕާނުން ބޯޓަކާއި ތައިލެންޑުން 3 ބޯޓު ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

އިސްމާއިލް ވިދާޅުވީ މިފްކޯއިން ހޯދަމުން ދަނީ މަސް ގަނެ ގަނޑުކުރެވޭނެ ގާބިލްކަން ހުރި ބޯޓު ކަމަށެވެ. އެގޮތުން، ޖަޕާނުން ގެންނަ ބޯޓު އަންނަ މަހުގެ ފަހުކޮޅު ރާއްޖެއަށް ގެނެސް އޮޕަރޭޝަންގައި ބޭނުންކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ޖަޕާނުން ގެންނަ ބޯޓަކީ 120 ޓަނުގެ ބްރައިން ފްރީޒިންގ ވެސަލްއެއް، ގާތްގަނޑަކަށް 400 ޓަނުގެ ސްޓޯރޭޖެއް ހިމެނޭ ބޯޓެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އިސްމާއިލް ވިދާޅުވީ، އެ ބޯޓުތައް އޮޕަރޭޝަންގައި ބޭނުންކުރަން ފެށުމުން މަސް ގަތުމުގެ މަސައްކަތްތައް ހަލުއިވެ، މަސްވެރިންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

މިފްކޯގެ ފްލީޓުގައި މިހާރުވެސް މިފަދަ ދެ ބޯޓު އޮވެއެވެ. އެއީ ޖަޒީރާ 102 އާއި މަހާ ކަލަމިންޖާއެވެ. ޖަޒީރާ 102 އަކީ 100 ޓަނުގެ މަސް ރައްކާކުރުމުގެ ޤާބިލްކަން ހުރި ބޯޓެކެވެ. އަދި މަހާ ކަލަމިންޖާއަކީ 90 ޓަނާއި ހަމައަށް މަސް ގަތުމުގެ ގާބިލްކަން ހުރި ބޯޓެކެވެ.

ރާއްޖޭގައި މަސްވެރިކަން ރަނގަޅު ދުވަސްވަރު މިފްކޯގެ ކެޕޭސިޓީއަށްވުރެ ގިނައިން މަސް ބާނާ ދުވަސްތައް ވެސް އާދެއެވެ. މީގެ ސަބަބުން މިފްކޯއިން ލިމިޓެއް ކަނޑައަޅައެވެ. ނަމަވެސް އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަނީ ކެޕޭސިޓީ އިތުރުކޮށް މަސްވެރިން ބާނާ ހުރިހާ މަހެއް ގަނެވޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް