ކ. މާލެ
|
18 ފެބްރުއަރީ 2023 | ހޮނިހިރު 13:28
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ރާއްޖެއެމްވީ
ވައްކަން ކުރުން
ސައިކަލެއްގެ މަޑިދަށުގައި އޮތް 160،000 ރުފިޔާ ވަގަށް ނެގިކަމަށް އިއުތިރާފުވުމުން، 11 މަހަށް ޖަލަށް
ދައުލަތުން އުފުލާފައިވަނީ ވައްކަންކުރުމުގެ ކުށުގެ ދައުވާ
ޖަވާބުދާރީވާން ފުރުސަތު ދިނުމުން ދައުވާލިބޭ ފަރާތް ވަނީ އެ ދައުވާއަށް އިއުތިރާފުވެފައި
ދައުވާގެ އަދަބުގެ އަސާސީ މިންގަނޑަކީ 1 އަހަރާއި، 7 މަހާއި 6 ދުވަހަށް ޖަލަށްލުން

ސައިކަލެއްގެ މަޑިދަށުގައި އޮތް 160،000 ރުފިޔާ ނެގިކަމަށް އިއުތިރާފުވުމުން، ދައުވާލިބޭ މީހާ ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ.

މި މައްސަލާގައި ދައުލަތުން އުފުލާފައިވަނީ ވައްކަން ކުރުމުގެ ކުށުގެ ދައުވާއެވެ. އެއީ 2022 ވަނަ އަހަރުގެ ޖޫން މަހު ހިނގައިދިޔަ ހާދިސާއަކާ ގުޅިގެންނެވެ.

މި މައްސަލާގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ދައުވާލިބޭ ފަރާތުން ވަނީ މާލޭ މަގުމަތީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަޑިދަށުގައި އޮތް 160،000 ރުފިޔާ ވަގަށް ނަގާފައެވެ.

ވުމާއެކު އޭނާގެ މައްޗަށް ވައްކަން ކުރުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލާފައިވަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތާ ހަވާލާދީއެވެ.

މި މައްސަލައިގެ ދައުވާއަށް ޖަވާބުދާރީވާން ފުރުސަތު ދިނުމުން ދައުވާލިބޭ ފަރާތް ވަނީ އެ ދައުވާއަށް އިއުތިރާފުވެފައެވެ. އަދި ދައުވާއަށް އިއުތިރާފުވަނީ އެއްވެސް ފަރާތެއްގެ މަޖުބޫރުކަމެއް ނެތި އަމިއްލަ އިޚުތިޔާރުގައިކަމަށް އޭނާ ބުނެއެވެ.

އޭގެ ފަހުން ބޭއްވި އަވަސްނިޔާގެ އަޑުއެހުމުގައިވެސް އޭނާ ވަނީ އިއުތިރާފު ދަމަހައްޓާފައެވެ. ވުމާއެކު، މައްސަލަ ބައްލަވާ ގާޒީ ވަނީ އޭނާގެ އިއުތިރާފަކީ ސައްހަ އިއުތިރާފެއްކަމަށް ކަނޑައަޅުއްވާފައެވެ.

އޭނާ އިއުތިރާފުވެފައިވާތީ، މި މައްސަލާގައި އުފުލާފައިވާ ދައުވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާކަމަށް ވަނީ ނިންމާފައެވެ.

މި މައްސަލާގައި އުފުލާފައިވާ ދައުވާގެ އަދަބުގެ އަސާސީ މިންގަނޑަކީ 1 އަހަރާއި، 7 މަހާއި 6 ދުވަހަށް ޖަލަށް ލުމެވެ. ނަމަވެސް އޭނާގެ އަދަބު 1 ދަރަޖަ މަތިކޮށްފައިވެއެވެ. އެއީ އޭނާގެ މައްޗަށް ޑައިމޯފިން ބޭނުންކުރުމުގެ ކުށުގެ ދައުވާއެއް މީގެ ކުރިން ސާބިތުވެފައިވާތީ، އޭނާގެ ކުށުގެ ރެކޯޑަށް ބަލާފައެވެ.

ހަމައެހެންމެ، އަދަބުގެ ދަރަޖަ 1 ދަރަޖަ ދަށްކޮށްފައިވެސް ވެއެވެ. އެއީ އޭނާ ޝަރީއަތަށް ފުރިހަމައަށް އެއްބާރުލުންދީފައިވާތީއާއި، އޭނާ މި މައްސަލާގައި އުފުލާފައިވާ ދައުވާއަށް އިއުތިރާފުވެފައިވާތީއެވެ.

ވުމާއެކު، އޭނާގެ މައްޗަށް ކަނޑައެޅޭނެ އަދަބަކީ 1 އަހަރާއި 12 ދުވަހުގެ ޖަލު ހުކުމެއްކަމަށް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން އޭނާ ތަހުގީގު މަރުހަލާގައި 30 ދުވަސް ބަންދުގައި ހޭދަކޮށްފައިވެއެވެ. ވުމާއެކު، އެ މުއްދަތު އޭނާއަށް ކަނޑައެޅޭ އަދަބުން އުނިކޮށް، އޭނާ ތަންފީޒުކުރަން ޖެހޭ އަދަބަކީ 11 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއްކަމަށް ވަނީ ކަނޑައަޅުއްވާފައެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވީ ގާޒީ އިސްމާއީލް ޝަފީއުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް